ޔާނާގެ އިންތިޒާރުގެ ފޮނި ދުވަސްތަކަށް ނިމުމެއް އަންނަނީއެވެ. ޒަކުވާން އާއި ޔާނާގެ ކައިވެނި ކުރެވޭ ގޮތަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ. ޔާނާ ހުރީ ބުނެދޭން ނޭނގޭ ފަދަ ބޮޑު އުފަލެއްގައެވެ. އެ އުފާވެރިކަން އިތުރުވެގެން ދިޔައީ، ކުރިން މިކަމާ ދެކޮޅު ހެދި ޔާނާގެ މަންމަމެންވެސް އެންމެފަހުން މި ގުޅުމަށް ރުހި، އާބަސް ބުނުމުންނެވެ. އޭނާގެ ހުވަފެންތަކުގައި ކުލަޖެހި، ހަޔާތުގެ ބާކީ އޮތް ދުވަސްތައް ޒަކުވާންއާއެކު ހޭދަކުރަން ލިބޭނެތީ ޔާނާ އިނީ އުފަލުން ފޮޅިފައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނީގެ ތާރީޚާ ކައިރިވާ ވަރަކަށް ޔާނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެއީ އޭނާގެ މުޅި ހަޔާތުގައިވެސް އެންމެ ލޯބިވި އިންސާނާއާ ގުޅުމުގެ ނަސީބު ލިބޭތީއެވެ. ޒަކުވާން އަކީ ޔާނާގެ ހިތުގެ ރަސްގެފާނެވެ.
ތިން މަސް ފަސްވެ،
އެންމެ އިންތިޒާރު ކުރި ދުވަސް އައިސް ޖެހިއްޖެއެވެ. ޔާނާ އާއި ޒަކުވާންގެ ކައިވެނީގެ ތައްޔާރީތަކުގައި ދެ އާއިލާވެސް ބުރަކޮށް އުޅެން ފެށިއެވެ. ޒަކުވާން އާއި ޔާނާ ތިބީ އިންތިހާ އަށް އުފަލުންނެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އެ ދެމީހުން ކުރަމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިގެން ދިޔުމުން، ދުނިޔެމަތީގެ ހުރިހާ އުފަލެއް ލިބުނު ފަދައެވެ.
ކައިވެނީގެ ހަފްލާގެ ތެރެއިން ޔާނާ އަދި ޒަކުވާންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުހަނު ފުން އުފާވެރިކަމެކެވެ. ޔާނާގެ ހިތުން އޭނާގެ ފުރަތަމަ ކައިވެނީގެ ހިތްދަތި ހަނދާންތައް މުޅިން ފޮހެވި، އެ ހަނދާންތައް ނެތް ކަހަލައެވެ. އޭނާގެ މުޅި ދުނިޔެއަކީ މިއަދު ޒަކުވާންއެވެ.
ހަފްލާގެ ތެރެއިން ޔާނާގެ މަންމަ އާއި ބައްޕަ ޔާނާގެ ކައިރިއަށް ޖެހިލިއެވެ. “ދަރިފުޅާ… މަންމަ އަދި ބައްޕައަށް މާފްކުރޭ.. މަންމަ އަދި ބައްޕައަށް ކުރިން ނުވިސްނުނީ،” ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުން ދިޔަ ހާލު މަންމަ ބުނެލިއެވެ. އެ ވަގުތުކޮޅަކީ އެ ކުޑަ އާއިލާއަށް ނުހަނު ޚާއްޞަ އަދި އަސަރުގަދަ ވަގުތުކޮޅަކަށް ވެގެން ދިޔައެވެ. ޔާނާގެ ހިތުގައި އޮތް ބުރަކަން މުޅިން ފިލައިގެން ދިޔައެވެ.
ޔާނާ ކުއްލިއަކަށް ހަނދާންވީ އޭނާގެ ދޮންބެއާއި ކުޑާގެ މަތިންނެވެ. “ކޮބާ ދޮންބެއާ ކުޑާ؟ ޔާނާ ކައިރީ ބުނި އަންނާނަމޭ،” ޔާނާ ވަށައިގެން ހޯދާލަމުން އަހާލިއެވެ.
“ސަޕްރައިޒް ޔާނާ!” އެވަގުތު ޔާނާގެ ދޮންބެ ޒާހިރު އަދި ޔާސްމީން (ޔާނާގެ ކުޑާ) ހިނިތުންވުމަކާއެކު އެތަނަށް ވަދެގެން އައެވެ. އެ އުފާވެރި މާހައުލުގައި، ލޯބިވާ ހުރިހާ އެންމެން ފެނުމުން ޔާނާއަށް ހުރެވުނީ ނުލާހިކު އުފާވެ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔާނާގެ ހަޔާތުގެ އާ ބާބު ފެށިގެން ދިޔައީ ލޯތްބާއި، އުފަލާއި، އާއިލީ އެކުވެރިކަމުގެ ތެރެއިންނެވެ.

Leave a Reply