އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 3،400 އަށްވުރެ ގިނަ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ މި ހަނގުރާމައިގައި، މެއި 5، 2026 ގެ ނިޔަލަށް އީރާނުން އެކަނިވެސް 3،468 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. މަރުވި މީހުންގެ ތެރޭގައި 7 ތުއްތު ކުދިންނާއި، 376 ކުޑަކުދިންގެ އިތުރުން 496 އަންހެނުން ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 26،500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ބެލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް ހަމަލާތައް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ޖީސީސީގެ ހަ މެމްބަރު ގައުމުތައް ކަމަށްވާ ބަހްރެއިން، ކުވައިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ހިމެނެއެވެ. ޔޫއޭއީން ބުނެފައިވާ ގޮތުގައި އީރާނުން ފޮނުވާލި ގިނަ މިސައިލްތަކެއް އެގައުމުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް، ޔޫއޭއީގެ ތެޔޮ ސާފުކުރާ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރީ އޮފިޝަލަކު ވަނީ ތުހުމަތު ކުރައްވާފައެވެ.
މި މަސްރަހު އިތުރަށް ގޯސްވެފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާގެ ނޭވީ އުޅަނދުތަކަށް އަމާޒުކޮށްފި ނަމަ، އީރާން ފުނޑުފުނޑު ކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައި ވަނިކޮށެވެ. އީރާނުން ވަނީ އެމެރިކާގެ ނޭވީ ފްރިގޭޓަކަށް ހަމަލާދީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ހުއްދައަކާ ނުލައި އެ ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކަށް ބަޑިޖަހާނެ ކަމަށްބުނެފައެވެ.
އިޒްރޭލަށް ބަލާއިރު، އީރާނުގެ ހަމަލާތަކުގައި އެގައުމުން 26 މީހުން މަރުވެ، 7،791 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސިޓީއަށް ދިން ހަމަލާގައި ޒަޚަމްވި 180 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އެގައުމުގެ ނަތާންޒް ޔުރޭނިއަމް ފައްކާކުރާ އިމާރާތަށް ދިން ހަމަލާގެ ބަދަލުހިފުމެކެވެ.
މީގެ އިތުރުން، ލުބްނާނުގެ ބޯޑަރު ސަރަހައްދުގައިވެސް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އިޒްރޭލުން ލުބްނާނާ އެކު “ޔެލޯ ލައިން” އެއް ކަނޑައަޅައި ހަނގުރާމަ ހުއްޓާލުމަށް ފަހުވެސް، އަލުން ވައިގެ ހަމަލާތައް ދޭން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުالله އިން ދަނީ އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އަދި ޔަމަނުގެ ހޫތީންވެސް ވަނީ އިޒްރޭލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައެވެ.

Leave a Reply