ކަޅު ހިޔަނި 05

ކިޔާލާ.ކޮމް

އިރުއޮއްސެމުން ދިޔަ ވަގުތުގެ ރަންދަޅަ ހަވީރުގެ އުދަރެހުން ފަނޑުވަމުން ދިޔައެވެ. ޒަކުވާން ހުރީ މަގުގެ ކަނެއްގައި ހުރި ބޮޑު ނިކަގަހެއްގެ ހިމާޔަތުގައި ހުއްޓިލައިގެންނެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގަހުގެ ނިވާފަތްގަނޑުގެ ތެރޭގައި ހުރި ކުޑަ އަންހެން ކުއްޖެކެވެ. ޒަކުވާންގެ ހިތުގައި ކުއްލިއަކަށް ބިރުވެރިކަމުގެ ރާޅެއް ބާނީވެލީ، އެ ކުއްޖާ ލައިގެން ހުރި ހެދުމާއި، ހުރި ގޮތުން ރޭގަނޑު އޭނާއަށް ފެނުނު ކަޅު ހިޔަންޏާ ކޮންމެވެސް ގުޅުމެއް ހުރިހެން ހީވުމުންނެވެ.

އެ ކުއްޖާ ހުރީ އިސްޖަހާލައިގެން ކަމަށްވިޔަސް، އޭނާ ބަލަމުން ދިޔައީ ސީދާ ޒަކުވާނާ ދިމާލަށް ކަހަލައެވެ. ކައިރީގައި މީހުން ހަރަކާތްތެރިވަމުން ދިޔައިރުވެސް، އެ ކުއްޖާގެ ކިބައިން ފެންނަނީ އާދަޔާ ޚިލާފު މައުސޫމްކަމަކާއި އެކުވެފައިވާ ބިރުވެރިކަމެކެވެ. ޒަކުވާން އެ ދިމާލަށް ފިޔަވަޅެއް އަޅާލިތަނާހެން، އެ ކުއްޖާ ގަސްތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެއެވެ.

“އޭ ބުރޯ! ކޮން ދިމާލަކަށް؟ ވަލަށް ތިދަނީ ކިހިނެއްވީ؟” އޮފީހުގައި އުޅޭ ޒައިދާން ގޮވާލުމުން ޒަކުވާންއަށް ސިހުން ލިބުނެވެ. އޭނާ ހުރީ އެ ކުއްޖާގެ ފަހަތުން ވަލުތެރެއަށް ވަދެވޭ ނުވަދެވޭ ހިސާބެއްގައެވެ.

“ކަމެއް ނުވޭ…” ވަރަށް އަވަސް އަވަހަށް ޒަކުވާން ޖަވާބު ދިނެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ މިއަދު ފެނުނު އަންހެން ކުއްޖާއާއި، ރޭ އޭނާއަށް ދިމާވި ބިރުވެރި ކަންތައްތަކެވެ. ޒަކުވާން އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރީ އެއީ ހީއެއް ކަމަށެވެ. ނަމަވެސް އެ މަންޒަރުތައް ސިފަވަމުންދާލެއް ބޮޑުކަމުން އޭނާއަށް އެކަން ގަބޫލުކުރަން އުނދަގޫވިއެވެ.

ހަވީރުގެ ވަގުތެވެ. ހިތްހަމަޖައްސާލުމުގެ ބޭނުމުގައި ޒަކުވާން ސައިކަލު ދުއްވާލަން ދިޔައެވެ. ނަމަވެސް ސައިކަލުގައި ދިޔައިރުވެސް އޭނާގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. މަގުގެ ދެފަރާތުގައި ހުރި ގަސްތަކުގެ ހިޔަނިތައް ދިގުވަމުން ގޮސް، މަގުމައްޗަށް ފެތުރެމުން ދިޔައީ ބިރުވެރި ސޫރަތަކެއް ފަދައިންނެވެ.

އިރު އޮއްސި، މުޅި ދުނިޔެ އަނދިރިކަމުގެ ތެރެއަށް ގެނބެމުން ދިޔަ ވަގުތު، ޒަކުވާންގެ ހިތަށް ވެރިވި ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އެ ކަޅު ހިޔަނި އަދިވެސް އޭނާގެ ފަހަތުން އަންނަ ކަމެވެ. ކޮންމެ ފަހަރަކު ފަހަތް ބަލާލާއިރު ފެންނަނީ ހުސް މަގެއް ނަމަވެސް، އޭނާގެ ކަންފަތް ކައިރީގައި މީހަކު ނޭވާލާ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އެއީ ހަމަ ހަގީގަތުގައިވެސް ކަޅު ހިޔަންޏެއްގެ ފަހަތުން އައިސް އޭނާގެ މުޅި ދިރިއުޅުމަށް ވެރިވެގަތީ ހެއްޔެވެ؟

Be the first to comment

Leave a Reply

Your email address will not be published.


*