ކަޅު ހިޔަނި 07

ކިޔާލާ.ކޮމް

ހެނދުނުގެ ރީތި އިރުގެ އަލިކަން މުޅި ދުނިޔެއަށް ފެތުރިފައިވީ ނަމަވެސް، ޒަކުވާންގެ ހިތަކަށް އެއްވެސް އުޖާލާކަމެއް ނުލިބެއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން، ޒަކުވާންއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒައިދާން ހިނގައިގަތީ ޒައިދާންމެންގެ ގެޔާ ދިމާއަށެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިން ހިނގަމުން ދިޔައިރުވެސް، ޒަކުވާންގެ ހިތް ބުނަމުން ދިޔައީ އެ ނާމާން ކަޅު ހިޔަނީގެ ސިއްރު އަދިވެސް ވަނީ އޭނާގެ ފަހަތުގައި ކަމަށެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް އިހުސާސްވަނީ މީހަކު ފާރަލަމުންދާ ކަމެވެ.

ގެއަށް ގޮސް ހެނދުނުގެ ނާސްތާއަށް ދެމީހުން މޭޒުދޮށުގައި އިށީނެވެ. ތަށީގައި ހުރި ކާނާއަށްވުރެ ބޮޑަށް ޒަކުވާން އިނީ ފިކުރުގެ ކަނޑަކަށް ގެނބިފައެވެ. ޒަކުވާންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ފާހަގަވެގެން ޒައިދާން ކުއްލިއަކަށް ސުވާލުކޮށްލިއެވެ.

“ޒަކުވާން، އަސްލު ކަމެއް ސިއްރު ކުރަންތަ؟”

ޒަކުވާން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ސަމުސާ ތަށީގެ ތެރެއަށް ދޫވެގެން ދިޔައެވެ. “ނު… ނު… ނުކުރަން،” އާގަންނަ ގޮތަކަށް ޒަކުވާން ބުނެލިއެވެ. އެކަމަކު ޒަކުވާންގެ މޫނުމަތިން އެތަކެއް ކަމެއް ސިއްރުކުރާކަން ޒައިދާނަށް ޔަގީންވިއެވެ. އެ ދުވަހަށްފަހު، ޒައިދާން ނިންމީ މަޑުމަޑުން ޒަކުވާން ސިއްރުކުރަމުން އަންނަ ކަންކަން ހޯދުމަށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޒަކުވާންގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ދަންވަރު ގަޑީގައި ނުނިދާ ހޭލާ އުޅުން ގިނަވެ، ކޮޓަރިތެރޭގައި އެކަނި އިނދެ ވާހަކަދައްކާ އަޑު ޒައިދާނަށް އިވެން ފެށިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޒަކުވާންގެ ވަޒީފާވެސް ގެއްލިގެން ދިޔައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހި، މާޔޫސްކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

އެއްދުވަހެއްގެ ހަވީރު، ޒަކުވާން އިސްޖަހާލައިގެން އިނދެ ޒައިދާނާ ކުރިމަތިލިއެވެ. “ޒައިދާން ސޮރީ… އަސްލު އަހަންނަށް ނުކެރުނީ ބުނަން،” ޒަކުވާން ދެރަވެފައި ބުންޏެވެ.

ޒައިދާން މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. “ބުރޯ، އަހަންނަށް އިނގޭ ތި ވަނުވާ. އަހަރެން ވަރަށް ބަލައިފިން. ކޮންމެވެސް ބޮޑު ކަމެއް ގޯސްވެއްޖެކަން އަހަންނަށް ކުރިންވެސް އެނގޭ.”

ޒަކުވާން ފުން ނޭވާއެއްލުމަށްފަހު ކިޔައިދޭން ފެށިއެވެ. “އަހަންނަށް ކުޑަ ކުއްޖެއް ފެނިގެންދޭ. އަދި އޮފިސް ކައިރިން އެ އަންހެން ކުއްޖާ ފެނިގެންދިޔަ. ވަރަށް ވެސް އުނދަގޫ ކުރަމުންދޭ. އެއީ ހަމަ އެ ކަޅު ހިޔަނި.”

ޒައިދާން ހާސްވުމުގެ ބަދަލުގައި ޒަކުވާންއަށް އެހީތެރިކަން ދިނެވެ. ޒައިދާންގެ މަންމައާއި މުޅި އާއިލާ ޒަކުވާންގެ މި ދަތި ހާލަތުގައި އެހީތެރިވެ، އޭނާއަށް ހިތްވަރު ދިނުމުގައި ދެމިތިއްބެވެ. އެމީހުންގެ އެހީތެރިކަމާއެކު ކިޔެވެލި ކިޔަވައި، ރޫހާނީ ފަރުވާ ހޯދަން ފެށުމުން އެ ކުއްޖާ ފެންނަލެއް މަދުވާން ފެށިއެވެ. މިހާރު އެ ކުއްޖާ ފެންނަނީ ވަރަށް ދުރުންނެވެ. އެ އަންހެން ކުއްޖާ ހުންނަނީ ވަރަށް ބޮޑަށް ދެރަވެފައި ކަން ޒަކުވާނަށް ފާހަގަވެއެވެ.

ޒައިދާން ހައިރާންވެފައި ސުވާލުކުރިއެވެ. “ޒަކުވާން، ތީ ކޮން އިރަކު ވީ ކަމެއް؟ އަހަންނަށް ކީއްވެ ތި ވާހަކަ ނުބުނީ؟ އަހަންނަކީ ޒަކުވާންގެ އެކުވެރިއެއް ނޫންތަ؟”

ޒަކުވާންގެ ލޮލުން ކަރުނަ ހިލުނެވެ. “ޒައިދާން، އަހަރެން ކިހިނެއް ތި މީހުންނަށް ޝުކުރު އަދާކުރާނީ؟ އަސްލު އަހަރެން ސައިކަލް ދުއްވަން ދިޔަ ރެއެއްގައި، އެއީ މިދިޔަ އަހަރު، 2025 ވަނަ އަހަރު ވީ ކަމެއް. މަގުމަތިން ދަނިކޮށް ކުއްލިއަކަށް އެ ކުއްޖާ ސައިކަލު ކުރިމައްޗަށް އެރީ. އަހަންނަށްވެސް ނޭނގެ އެއީ އިންސާނެއް ބާއޭ ނުވަތަ އެހެން އެއްޗެއް ބާއޭ. އެ ދުވަހުން ފެށިގެން އެ ހިޔަނި އަހަރެންގެ ފަހަތުން ނުނެއްޓިގެން މިއުޅެނީ.”

ޒަކުވާންގެ ވާހަކަ އަޑުއަހާފައި ޒައިދާން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެކަނިވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި އުޅުނު ޒަކުވާނަށް، އެންމެ ފަހުން އުންމީދުގެ އަލިކަމެއް ފެންނަން ފެށިއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*