މެދުއިރުމަތީގައި، ހާއްސަކޮށް އީރާނާ ގުޅިގެން އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދަރަނީގެ ބޮޑު ލޮޅުމެއް އުފެދިދާނެކަމުގެ އިންޒާރު މާހިރުން ދޭން ފަށައިފިއެވެ.
މިހާރުވެސް ސަރުކާރުގެ ބޮންޑްތަކަށް ޕްރެޝަރު ބޮޑުވެފައިވާއިރު، މީގެ ނޭދެވޭ އަސަރު އާންމު ގޭބިސީތަކަށް ވަރަށް އަވަހަށް އިހުސާސް ކުރަން ޖެހިދާނެ ކަމަށް ބެލެވެއެވެ. ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގައި ލޯނު ނެގުމުގެ ހަރަދު މިހާރު ހުރީ ފާއިތުވި ދެ ދިހަ އަހަރު ތެރޭގައި އެންމެ މަތީ ދަރަޖައެއްގައެވެ. މީގެ ސަބަބުން އިންވެސްޓަރުން އަންނަނީ ސަރުކާރުގެ ދަރަނިތަކުން ދުރުވެ، އިންވެސްޓްމަންޓްތަކުން ބޮޑު އާމްދަނީއެއް ހޯދުމަށް ޑިމާންޑް ކުރަމުންނެވެ.
އިންވެސްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އީރާނުގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް މަތީ މިންވަރެއްގައި ހިފެހެއްޓިފައި ހުރެދާނެތީއެވެ. މިކަމާ ގުޅިގެން ބައިނަލްއަގްވާމީ މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ވަނީ ދުނިޔޭގެ ދަރަނި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހުރި މިންވަރާ ގާތްވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ހުރިހާ އިގްތިސާދީ ބަދަލުތަކެއްގެ މައިގަނޑު މަރުކަޒަކީ އެމެރިކާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޯނު ނެގުމުގެ ހަރަދުތައް ބޮޑުތަނުން ކަނޑައަޅަނީ އެމެރިކާގެ މާލީ ބާޒާރުންނެވެ. މީގެ މާނައަކީ އާންމު ކޮންސިއުމަރުން ނަގާފައިވާ ރަހުނު ލޯނުތަކާއި ކާރު ލޯނުތައް އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ކްރެޑިޓް ކާޑު ފަދަ ވަސީލަތްތަކުގެ އަގު އުފުލުމެވެ. އަދި ވިޔަފާރިތަކުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ ހަރަދުތައް އާންމު ކޮންސިއުމަރުންގެ އަތުން ނަގާނެ ކަމަށް ބެލެވެއެވެ.
ހާއްސަކޮށް ޑޮލަރުން ލޯނު ނަގާފައިވާ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް މިއީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން އެ ގައުމުތަކުގެ ބަޖެޓަށް އިތުރު ޕްރެޝަރުތައް ކުރިމަތިވެ، ދަރަނި އަދާކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

Leave a Reply