ކަޅު ހިޔަނި 09

ކަޅު ހިޔަނި

ޒަކުވާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ މަޑުމަޑުން ތެދުވެ، ގެއާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ގެއަށް ގޮސް އަރާމުކޮށްލުން ކަމަށް އޭނާގެ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް އެ ކަޅު ހިޔަނީގެ ނުރައްކާ އަދި މުޅިން ފިލައި ނުދާކަން އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި ބުނަމުންދިޔައެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ އާދަޔާ ހިލާފު ހަމަހިމޭންކަމެކެވެ.

ޒަކުވާން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީ ހިތަށް ނުތަނަވަސްކަމެއް ވެރިވެފައިވާ ހާލުގައެވެ. ކުއްލިއަކަށް ކޮޓަރީގެ ފިނިހޫނުމިން ދަށްވެ، މުޅި ތަން ފިނިވާން ފެށިއެވެ. “ޒަކުވާން ތި ކުރަނީ މުޅިން ގޯސް ކަމެއް، ތި ކަންތައްތައް ހުއްޓާލާ،” ޒަކުވާންގެ ކަންފަތް ބުޑުގައި މީހަކު އެހެން ބުނި އަޑު އިވިގެން ދިޔައެވެ.

ޒަކުވާންއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އޭނާ ފުންމައިގެން ތެދުވެ، މުޅި ކޮޓަރި ތެރެ ބަލަން ފެށިއެވެ. އޭނާ ބޭނުންވީ އެއީ ކޮން ތަނަކުން އައި އަޑެއްތޯ ބަލާށެވެ. ނަމަވެސް ފެންނާކަށް އެއްވެސް މީހަކު ނެތެވެ.

“ކާ… ކާ… ކޫ…؟” ޒަކުވާން ބިރުން ހުރެ ރައްދު ދިނެވެ. އޭނާގެ އަޑުވެސް ބިރުން ގޮސް ތުރުތުރުލަނީއެވެ.

އެއީ ރޫޙާނީ އެއްޗެއް ކަމުން ޒަކުވާންގެ ލޮލަށް ފެންނަ ވަރެއް ނުވިއެވެ. ނަމަވެސް އިހުސާސް ކުރެވެން ފެށީ ޒަކުވާންގެ ފުރަގަހުގައި މީހަކު ހުރި ކަމުގެ އިހުސާސެވެ. އެ ފިނި ނޭވާ އޭނާގެ ކަންފަތަށް އިހުސާސްވަމުން ދިޔައެވެ.

“ކީއްވެގެންތަ އަހަރެން ފަހަތުން ނުނެއްޓިގެން ތި އުޅެނީ؟” ޒަކުވާން ހިތްވަރުކޮށްފައި އަހާލިއެވެ. ނަމަވެސް އެ ސުވާލަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެ އެތީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

“ޒަކުވާން… ކާކާ އެކަނި ހުރެ ތި ވާހަކަ ދައްކަނީ؟ އާދޭ ރޭގަނޑު ކާން،” ޒައިދާން ކޮޓަރީގެ ބޭރުން ގޮވާލި އަޑު އިވުނެވެ. އެއަޑާއެކު ޒަކުވާންގެ ބިރުވެރިކަން ކުޑަކޮށް ފިލައިދިޔައެވެ. އޭނާގެ ބޯ ކަހާލުމަށްފަހު، އެއީ އޭނާއަށް ހީވި ހީވުމެއް ކަމަށް ނިންމައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ޒަކުވާން ކޮޓަރީގެ ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. އެކަމަކު ކިތަންމެ ވަރަކަށް ބާރުލާފައި ދަމައިގަތަސް ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ.

“ޒަކުވާން………………………..” އަނެއްކާވެސް އެ އަޑު އިވުނެވެ. އެއީ ބިރުވެރި ނާމާން އަޑެކެވެ. އެއާއެކު މުޅި ކޮޓަރި ތެރޭގައި ވަރަށް ނުބައި ވަހެއް ފެތުރިގެން ދިޔައެވެ. މަސް ކުރަކި ވަހެއް ފަދަ އެ ނުބައި ވަސް މުޅި އެ ކޮޓަރީގައި ހިތްޕާލިއެވެ. ޒަކުވާންގެ މޭ ނުބައިކޮށް، އޭނާއަށް ހޮޑުލެވޭ ވަރުވިއެވެ.

“ޒަކުވާން ތި ގެއިން ނިކުމޭ.. އޭރުން ޒަކުވާންއަށް ފަސޭހަ ދިރިއުޅުމެއް ފެންނާނީ.. ތީ ރަނގަޅު ބައެއް ކަމަށް ހެދިގެން އުޅޭ ގޯސް ބައެއް،” އެ އަޑު އިވުމާއެކު، ކޮޓަރީގެ ކަނަކުން ކަޅު ހިޔަންޏެއް ފާޅުވާން ފެށިއެވެ. ޒަކުވާންއަށް ކުރެވުނު އިހުސާސަކީ އޭނާގެ ވަށައިގެންވާ ދުނިޔެ ބަދަލުވަމުންދާ ކަމެވެ. އެ ކަޅު ހިޔަނީގެ ސިއްރަކީ ކޮބައިބާވައެވެ؟ އޭނާގެ އާއިލާއާ ބެހޭގޮތުން އެ ބުނި ވާހަކައިގެ ހަގީގަތަކީ ކޮބައިބާވައެވެ؟ ޒަކުވާން ހުރީ ބިރުން ގަނޑުވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*