ނަލަނަލަ ހެނބަދޫ: ޢީދު ކުޅިވަރުގެ ފޯރިގަދަވެ، މުޅި ރަށް އުފާވެރިކަމެއްގެ ތެރޭގައި

ފޮޓޯ : ނަލަ ނަލަ ހެނބަދޫ

ނ. ހެނބަދޫ: ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ޢީދު ކުޅިވަރުތައް ކުޅެމުން އަންނަނީ އެ ރަށެއްގެ އަމިއްލަ ސަގާފަތާއި އާދަކާދަތަކާ އެކުގައެވެ. އެގޮތުން މި އަހަރުގެ ބޮޑުޢީދާ ދިމާކޮށް ނ. ހެނބަދޫގައި ކުރިއަށްދާ ޢީދު ކުޅިވަރުތައް މިވަނީ ވަރަށް ބޮޑަށް ފޯރިގަދަވެ، މުޅި ރަށަށް އުފާވެރި ދިރުމެއް ގެނުވާފައެވެ.

މި އަހަރުގެ ޢީދު ހަރަކާތްތައް މި މަހުގެ 26 ވީ އަންގާރަ ދުވަހުގެ ރޭ ރަސްމީކޮށް ފެށިގެން ދިޔައީ “ޢީދު ހުޅު” ޖެހުމުގެ ކުލަގަދަ ރަސްމިއްޔާތުންނެވެ. އޭގެ ފަހުން 27 މޭ 2026 ވީ ބުދަ ދުވަހުގެ ހެނދުނު ޢީދު ނަމާދަށްފަހު، ހެނބަދޫގެ ސަގާފީ ކުޅިވަރުތައް ވަނީ ރަސްމީކޮށް ފެށިފައެވެ.

މިފަހަރުގެ ޢީދުގައި ހެނބަދޫން ފެނިގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށުގެ ސަގާފީ ކުޅިވަރުތަކަށް ދީފައިވާ އިސްކަމެވެ. އެގޮތުން ކާބަފައިންގެ ޒަމާނުއްސުރެ ކުޅެމުން އަންނަ “މަންޑި ކުޅުން” ފަދަ ކުޅިވަރުތަކުން ރަށުގެ މަގުތައް ވަނީ ފުރާލާފައެވެ. ނަމަވެސް، މިހާތަނަށް ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، އެންމެ މަޖާ މާހައުލެއް އުފެދިގެން ދިޔައީ މުންޑު ލައިގެން ކުޅުނު ފުޓްބޯޅަ މެޗުންނެވެ. މި މެޗަކީ ރަށުގެ ޒުވާނުންނާއި ބޮޑެތި މީހުން ބައިވެރިވެގެން، ބަލާލަން ތިބި އެންމެން ހެއްވާލި ފޯރިގަދަ ހަރަކާތެކެވެ.

ހެނބަދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ސަގާފީ އެކި ކުޅިވަރުތަކާއި، ޒަމާނީ ކުޅިވަރުތައް ވެސް ހިމެނެއެވެ.

މި ފޯރިގަދަ ޢީދު ހަރަކާތްތަކަކީ ހެނބަދޫ ރައްޔިތުންނާއި ރަށު ކައުންސިލާ ދެމެދު އޮންނަ ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. މި ހަރަކާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި، އުތުރުގެ މި ރަށުގައި އޮތް މުއްސަނދި ސަގާފީ ކުޅިވަރުތައް އަންނަން އޮތް ޖީލުތަކަށް ދިރުވާ އާލާކުރުން ކަމަށް އެ ރަށުން މަޢުލޫމާތު ލިބެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*