“ޒައިދާން! އަހަރެން ބޭނުން މިކަމުން ސަލާމަތްވާން. މި ނުބައި ވަސްވާސްތަކާއި ބިރުވެރިކަމުން އަހަރެން ސަލާމަތްކޮށްދީ،” ވަރަށް ބޮޑަށް އުންމީދު ކަނޑާލާފައިވާ ރާގަކަށް ޒަކުވާން ބުންޏެވެ.
ޒަކުވާން މިހެން ބުނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ރަށު ތެރޭގައި އޭނާއަށް ކުރިމަތިވަމުންދާ ފުރައްސާރައާއި މަލާމާތެވެ. ކުރިން ރަށުގައި ހުރި އެންމެ ހިތްހެޔޮ، ހަރަކާތްތެރި ޒުވާނާގެ ގޮތުގައި ފާހަގަކުރެވުނު ޒަކުވާން، މިއަދު ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ރީތިކޮށް ހުރި ޒަކުވާން މިހާރު ހުރީ ހިކި އަނަރޫފަވެފައެވެ. އޭނާގެ ދެލޯ ވަޅުވަދެ، މޫނުމަތިން ވަނީ އުޖާލާކަން ގެއްލިފައެވެ.
ކޮންމެ ދުވަހަކު އޭނާއަށް ފެންނަ އެ ބިރުވެރި ކަޅު ހިޔަނިތަކާއި، ނޭނގޭ އަންހެން ކުއްޖާގެ ފާރަލުމުގެ ސަބަބުން އޭނާގެ ނިދި ވަނީ މުޅިން ގެއްލިފައެވެ. ކާހިތްވުމެއް ނެތި، އަބަދު ފިކުރުބޮޑުވެފައި އިނުމުގެ ނަތީޖާއަކީ އޭނާގެ ސިއްހަތު ދުވަހުން ދުވަހަށް ދަށްވަމުން ދިއުމެވެ. މީހުންގެ މަލާމާތްތެރި ބަސްތައް އޭނާގެ ކަންފަތަށް އިވޭ ކޮންމެ ފަހަރަކު، އެ ރަށުން ފުރައިގެން ދާން ބޭނުންވާ މިންވަރު އިތުރުވެއެވެ. އޭނާއަށް ހީވަނީ މި ރަށުގެ ކޮންމެ ދިމާލަކުންވެސް އޭނާއަށް ބަލަނީ ނުރައްކާތެރި ލޯތަކެއް ހެންނެވެ.
ޒަކުވާން އަށް ޖެހުނީ އެ ހާލުގައި، އެ ވޭނުގައި އުޅުން ނޫން ގޮތެއް ނެތް ކަހަލަ ހާލަތަކަށް ކަންކަން ގޮސްފައި ވަނިކޮށް، އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒައިދާންގެ އެހީތެރިކަމަށް އެދުނެވެ. ޒައިދާންގެ ހިތްވަރާއި އެހީތެރިކަމާއެކު، ޒަކުވާން އޭނާގެ ނަފްސާނީ އަދި ރޫހާނީ ބަލިމަޑުކަމާ ކުރިމަތިލާން ފެށިއެވެ. ކޮންމެ ދުވަހަކުވެސް ފަރުޟު ފަސް ނަމާދު އަދާކޮށް، ކީރިތި ޤުރުއާނުގެ އަލީގައި ހިތަށް ހަމަޖެހުން ހޯދަން މަސައްކަތް ކުރިއެވެ.
ދުވަހަކަށް ފަހު ދުވަހެއް ޒަކުވާން ދަނީ ރަނގަޅުވަމުންނެވެ. ހިކި އަނަރޫފަވެފައިވާ ޒަކުވާންގެ ހަށިގަނޑަށް މިހާރު ވަނީ ބަދަލުތަކެއް އަންނަން ފަށާފައެވެ. އޭނާގެ މޫނުމަތީގައިވާ މިލާމިލާކަން ފިލައި، އާ ދިރުމެއް ފެންނަން ފަށައިފިއެވެ. އެންމެ އުފާވެރި ކަމަކީ، ކުރިން އޭނާއަށް ފެންނަ ބިރުވެރި ކަޅު ހިޔަނިތައް މިހާރު ޒަކުވާންއަށް ނުފެންނަ ކަމެވެ. ޒައިދާންގެ އެހީތެރިކަމާއި، މާތްﷲ ގެ އިރާދަފުޅާއެކު ޒަކުވާންގެ ދިރިއުޅުމަށް އަނެއްކާވެސް އުޖާލާކަން ވެރިވެއްޖެއެވެ.
Leave a Reply