ޤުދުސް: އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ބުރާސްފަތި ދުވަހު ޔަހޫދީންގެ ބޮޑު ގްރޫޕަކުން ވަދެގަތުމަށް ރާވަމުންދާތީ، އެ ސަރަހައްދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެއްޖެއެވެ. މިއަހަރުގެ މި ހަރަކާތް ތަފާތުވަނީ، މިއީ ހަމައެކަނި ހަރުކަށި ޖަމާއަތްތަކުގެ ރޭވުމެއްގެ ބަދަލުގައި، އިސްރާއީލުގެ ރަސްމީ ސިޔާސަތެއްގެ ދަށުން ހިންގާ ކަމެއްގެ ގޮތުގައި ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ދެކޭތީއެވެ.
5000 ގެ ޕްލޭނަކީ ކޮބައި؟
“ޓެމްޕްލް މައުންޓް” ގްރޫޕްތަކުން އަމާޒު ހިފާފައިވަނީ ޖުލައި 23 ވާ ބުރާސްފަތި ދުވަހު 5،000 އެއްހާ ޔަހޫދީން އަލްއަޤްޞާ މިސްކިތަށް ވައްދައި، ބޮޑު “ތޫފާނެއް” އެ ސަރަހައްދަށް ގެނައުމަށެވެ. މިއީ މިދިޔަ އަހަރުގެ މި ދުވަހު ރެކޯޑްކުރި 4،000 މީހުންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ. ޤުދުސް ގަވަރުނަރޭޓުން ބުނާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން މި ޖަމާއަތްތަކުން ދަނީ މިސްކިތަށް ވަދެގަންނަ މީހުންގެ އަދަދު މަޑުމަޑުން އިތުރުކުރަމުންނެވެ. މިއީ ހަމައެކަނި އަދަދެއް ނޫން ކަމަށާއި، މީގެ ބޭނުމަކީ މިސްކިތުގެ ތެރޭގައި ޔަހޫދީންގެ ހާޒިރީ ފުޅާކޮށް، އެތަނުގައި ދީނީ ރިޗުއަލްތައް ފާޅުގައި ކުރިއަށް ގެންދިއުމެވެ.
“އަވް/އިބްރީގެ ނުވަވަނަ” ދުވަސް
ޔަހޫދީން މި ދުވަސް ފާހަގަކުރަނީ އިބްރާހީމީ ކަލަންޑަރުގެ “އަވް” މަހުގެ ނުވަވަނަ ދުވަހުގެ ގޮތުގައެވެ. މިއަހަރު މި ދުވަސް ދިމާވަނީ ޖުލައި 22 ވާ ބުދަ ދުވަހުގެ ހަވީރުން ފެށިގެން ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ ހަވީރަށެވެ. ޔަހޫދީންގެ ތާރީޚީ ވާހަކަތަކުގައި ބުނާ ގޮތުން މިއީ އެމީހުންގެ ދެ ފައްޅިއެއް ނައްތާލި ދުވަހުގެ ހަނދާން އާކުރާ ދުވަހެކެވެ. ފާއިތުވި އަހަރުތަކުގައި މި މުނާސަބަތު ބަދަލުވެފައިވަނީ އަލްއަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑައި، އެތަނަށް ވަދެގަންނަ އެންމެ ބޮޑު އެއް މޫސުމަށެވެ.
ކަންބޮޑުވުންތައް އިތުރުވުން
މިފަހަރުގެ ވަދެގަތުމާ މެދު ކަންބޮޑުވުން ބޮޑީ ހަމައެކަނި އަދަދުތަކުގެ ސަބަބަކުން ނޫނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ފާޅުގައި ޔަހޫދީން ނަމާދުކުރުމާއި، ދީނީ ލިޔުންތައް ހިމެނޭ ލީފްލެޓްތައް އެތެރެކުރުމަށް އިސްރާއީލު ފުލުހުން ވަނީ ހުއްދަ ދީފައެވެ. އަދި އިސްރާއީލުގެ ގައުމީ ސަލާމަތީ ވަޒީރު އިޓަމާ ބެން ގްވީރު ފަދަ އިސް ބޭފުޅުން މިސްކިތަށް ވަދެ، އެތަނުގައި ޔަހޫދީން ނަމާދުކުރާނެ ކަމަށް އިއުލާން ކުރެއްވުމަކީ “ސްޓޭޓަސް ކުއޯ” ނުވަތަ މިސްކިތުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް ކުރާ ރަސްމީ މަސައްކަތެއްގެ ގޮތުގައި ފަލަސްތީނުން ސިފަކުރެއެވެ.
ރަސްމީ ސިޔާސަތަށް ބަދަލުވުން
އިސްރާއީލު ސަރުކާރުން ބޭރު ފުށުން ބުނަމުންދަނީ މިސްކިތުގެ ހާލަތު ބަދަލުނުކުރާނެ ކަމަށެވެ. ނަމަވެސް، ޤުދުސް ގަވަރުނަރޭޓުން ފާހަގަކުރާ ގޮތުގައި މިފަދަ ހަރަކާތްތަކަށް ސިޔާސީ ތާއީދު ދަނީ އިތުރުވަމުންނެވެ. ޖުލައި މަހުގެ މެދުތެރޭގައި އިސްރާއީލުގެ ޕާލަމެންޓް (ނެސެޓް) ގައި ބޭއްވި ކޮންފަރެންސެއްގައި ތިން ވަޒީރުންނާއި ހަތް މެންބަރުން ބައިވެރިވެ، މިސްކިތުގެ ހާލަތު ބަދަލުކުރުމަށް ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގެ ރައްދު
މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ވަނީ އަލްއަޤްޞާ މިސްކިތުގެ އިސްލާމީ އައިޑެންޓިޓީ ފޭރިގަތުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިސްކިތަށް ގޮސް ނަމާދު ވަރުގަދަކޮށް، އެތަނުގެ ހިމާޔަތުގައި މަޑުކުރުމަށް ވަނީ ގޮވާލާފައެވެ. އިސްލާމިކް ވަޤުފު ޑިޕާޓްމަންޓުންވެސް ވަނީ 144 ދޫނަމްގެ މި ބޮޑު ސަރަހައްދަކީ ހަމައެކަނި މުސްލިމުންގެ މިސްކިތެއް ކަމަށާއި، އެތަނުގެ ގާނޫނީ ހައިސިއްޔަތު ބަދަލުކުރަން ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށް ބުނެފައެވެ.
ބުރާސްފަތި ދުވަހު މުޅި ދުނިޔޭގެ ސަމާލުކަން ހުންނާނީ އަލްއަޤްޞާ މިސްކިތަށެވެ. އެދުވަހު ވަދެގަންނަ މީހުންގެ އަދަދާއި، އެމީހުން ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކުން، އިސްރާއީލުގެ ސިޔާސަތަށް އައިސްފައިވާ ބަދަލުތައް އިތުރަށް ސާފުވެގެންދާނެއެވެ.
Leave a Reply