މާކް ކުކުރިއެލާ ސަސެޓާ އަކީ ސްޕެއިނަށް އުފަން، މިހާރު ފުޓްބޯޅަ ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް ޗެލްސީއަށް މިހާރު ކުޅެމުން އަންނަ ކުކުރިއެލާ އުފަންވީ 1998 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ބާސެލޯނާގެ އަލެލާ ޓައުންގައެވެ.
ކުކުރިއެލާގެ ފުޓްބޯޅަ ހަޔާތް ފެށުނީ ވަރަށް ތުއްތު އިރުގައެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި އޭނާ ފުޓްބޯޅަ ކުޅެން ފެށިއިރު، އެންމެ ފުރަތަމަ އޭނާގެ ހުނަރު ދައްކާލީ އުފަން ރަށް އަލެލާގެ އިންޑޯ ފުޓްބޯޅަ ދަނޑުތަކުގައެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރު ބައްޓަންކުރުމުގައި ބައްޕަ އޮސްކާ ކުކުރިއެލާގެ ދައުރު ބޮޑެވެ. އެގޮތުން ޒުވާން މާކް ގޮވައިގެން ރެއާލް ކްލަބް ޑިޕޯޓިވޯ އެސްޕެނިއޯއަށް ގޮސް، އޭނާގެ ފުޓްބޯޅައިގެ ތަމްރީނުތައް ހަރުދަނާކުރުމަށް ބައްޕަ މަސައްކަތް ކުރިއެވެ.
ބާސެލޯނާގެ އެކަޑަމީން ތަމްރީނުވި ނަމަވެސް، އެ ކްލަބުގައި އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރީ ރިޒާވް ޓީމާ އެކުގައެވެ. ނަމަވެސް އޭނާ ވަނީ ސްޕެއިންގެ އެއިބާ އާއި ގެޓާފޭއަށް 100 އަށް ވުރެ ގިނަ ލަ ލީގާ މެޗު ކުޅެދީފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ އިނގިރޭސިވިލާތުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ބަދަލުވިއެވެ. ބްރައިޓަންގައި ދެއްކި މޮޅު ކުޅުމާއެކު، 2022 ވަނަ އަހަރު ޗެލްސީއާ ގުޅުނެވެ. ޗެލްސީއާއެކު އޭނާ ވަނީ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ވެސް ކުކުރިއެލާ އަކީ ކާމިޔާބު ކުޅުންތެރިއެކެވެ. ސްޕެއިންގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން ފެށިގެން 23 އަހަރުން ދަށުގެ ހުރިހާ ލެވެލްއެއްގައި އޭނާ ވަނީ ގައުމީ ޓީމު ތަމްސީލުކޮށްފައެވެ. 2020 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރިހި މެޑަލް ހޯދިއިރު، އޭނާ ވަނީ ޔޫއެފާ ޔޫރޯ 2024 ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ސްޕެއިން ޓީމުގައި ހިމެނިފައެވެ.
ކުޅުމުގެ ސްޓައިލަށް ބަލާއިރު، ކުކުރިއެލާގެ އައިޑޮލް އަކީ ޑޭވިޑް ލުއިޒް އާއި ކާލްސް ޕުޔޯލްއެވެ. މި ދެ ކުޅުންތެރިންނާ އޭނާއާ ހުރި އެންމެ ބޮޑު އެއްގޮތްކަމަކީ ފާހަގަކޮށްލެވޭ ބޮޑު އިސްތަށިގަނޑެވެ. ކުކުރިއެލާ އެންމެ ބޮޑަށް ފާހަގަވެގެންދަނީ އޭނާގެ ހަލުވި ސްޕީޑާއި، ވަރުބަލިކަމެއް ނެތި މެޗު ނިމެންދެން ކުޅޭ ކުޅުމުގެ ސަބަބުންނެވެ. ގެޓާފޭގައި އޭނާ ވަނީ 90 އިންސައްތައަށް ވުރެ ގިނަ މެޗު ފުރިހަމަކޮށްފައެވެ. ލެފްޓް ބެކެއްގެ ގޮތުގައި ކެރިއަރު ފެށި ނަމަވެސް، އޭނާއަކީ “ޑަބަލް ފުލް-ބެކް” އެއްގެ ގޮތުގައި ޑިފެންސިވް މަސައްކަތްތަކުގެ އިތުރުން ކުރިއަށް އަރައި ކުޅުމުގެ ގާބިލުކަން ވެސް ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
Leave a Reply