ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ފަނާކުރަނިވި ހަނގުރާމައިގެ ތެރޭގައި، އެ ސަރަހައްދުގެ ސަގާފީ ތަރިކައަށް ވަނީ ވޭންދެނިވި އަދި އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ މުއްސަނދި ތާރީޚު ރައްކާތެރިކޮށްފައި ހުރި އަގުހުރި އާސާރީ އެތައް ތަކެއްޗެއް ވަނީ ގެއްލި ނުވަތަ މުޅިން ހަލާކުވެގެން ގޮސްފައެވެ. މިއީ ހަމައެކަނި އިމާރާތްތަކަކަށް ދެވުނު ގެއްލުމެއް ނޫނެވެ؛ މިއީ ގައުމެއްގެ ތާރީޚާއި އައިޑެންޓިޓީ ފޮހެލުމަށް ދެވުނު ހަމަލާއެކެވެ.
މި ހިތާމަވެރި ހާދިސާގެ އެންމެ ވަރުގަދަ އެއް މިސާލަކީ “އަލް ޤަރާރާ” މިއުޒިއަމެވެ. މިއަދު އެ މިއުޒިއަމް ފެންނަން އޮތީ ހަލާކުވެފައިވާ އިމާރާތުގެ ކޮތަޅުތަކާއި ކުނިތަކުގެ ދަށުގައެވެ. އެތަނުގައި ރައްކާތެރިކޮށްފައި ހުރި 3,500 އަށް ވުރެ ގިނަ އާޓިފެކްޓްސް މިއަދު ވަނީ ވަޅުލެވިފައެވެ. ހަމައެފަދައިން، 2010 ވަނަ އަހަރު ގައުމީ މިއުޒިއަމަކަށް ބަދަލުކުރި މަމްލޫކް ޒަމާނުގެ އެންމެ މުހިންމު ތާރީޚީ ބިނާ ކަމުގައިވާ “ދަ ޕާޝާގެ ގަނޑުވަރު” ވެސް ވަނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ގާތްގަނޑަކަށް %70 ހަލާކުވެފައެވެ.
މި ހަރުކަށި ހާލަތުގެ ސަބަބުންނާއި، މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށް ދާންޖެހުމުގެ ސަބަބުން އެ އާސާރީ ތަކެތި ވަގުތުން ސަލާމަތް ކުރެވޭނެ އެއްވެސް މަގެއް ނެތެވެ. އެހެންނަމަވެސް، ފަލަސްތީނުގެ ޚާއްސަ އެކަޑަމިކް އިނިޝިއޭޓިވްތަކުން ދަނީ ސަލާމަތް ކުރެވޭނެ އެއްޗެއް އޮތްތޯ ބަލައި، އެ ތަކެތި އަލުން ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން ބާރުއަޅަނީ، މިއީ ހަމައެކަނި ޖިސްމާނީ ތަކެތި ހޯދުމުގެ މަސައްކަތެއް ނޫން ކަމަށެވެ. މިއީ ސަގާފީ އައިޑެންޓިޓީ ހިމާޔަތް ކުރުމަށް ކުރާ ދިރިހުރުމުގެ ހަނގުރާމައެކެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންޓިކިއުޓީސްގެ ޑިރެކްޓަރު ޑރ. ހަމޫދާ އަލް ދަހުދާރު ކަށަވަރުކޮށްދެއްވި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން ގަސްތުގައި މި ދާއިރާގެ ސަގާފީ ތަރިކަތައް ހަލާކުކުރުމުގެ އަމަލުތަކެއް ވަނީ ހިންގާފައެވެ. ޝުޖާޢިއްޔާއާއި އަލްޠޫފާ ފަދަ ތާރީޚީ އަވަށްތަކާއި، ޕާޝާ ޕެލަސް މިއުޒިއަމް، އަލް ގަރާރާ އަދި އަލްއަޤާދު ފަދަ މިއުޒިއަމްތަކަށް އަމާޒުކޮށް ހަމަލާދީ، ބައިޒަންޓައިން އާއި ރޯމަނުންގެ ޒަމާނުގެ އާސާރީ ހޯދުންތައް ވަނީ ނައްތާލާފައެވެ.
މި ދާއިރާގެ ތަޖުރިބާކާރުން އަލްޖަޒީރާއާ ވާހަކަ ދައްކަމުން ފާހަގަކުރި ގޮތުގައި، ހަނގުރާމައިގެ ކުރިން “ޕާޝާ މިއުޒިއަމް” އަކީ އަހަރަކު ގާތްގަނޑަކަށް 70,000 މީހުން ޒިޔާރަތް ކުރަމުން ދިޔަ ދިރިހުރި ތަނެކެވެ. ނަމަވެސް މިއަދު އެތަން ވަނީ ކޮތަޅުތަކަކަށް ބަދަލުވެފައެވެ. ފަލަސްތީނުގެ އައިޑެންޓިޓީއާއި ތާރީޚު ނައްތާލުމަށް ގަސްތުގައި ކުރާ މި މަސައްކަތުގެ ދަށުން، ހަނގުރާމަ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި މިއުޒިއަމްތަކާއި އާސާރީ ތަންތަނަށް ބޮން އަޅަން ފެށިކަމީ މީގެ ހެއްކެކެވެ.
ތަޖުރިބާކާރުންގެ ޓީމުން އެއްބަސްވާ ގޮތުގައި، މިއީ ފަލަސްތީނުގެ ތާރީޚީ ހެކިތައް ފޮހެލައިގެން އެ ގައުމުގެ ކަރާމާތް މުގުރާލުމަށް ކުރާ ނުބައި މަސައްކަތެކެވެ. އެހެންނަމަވެސް، ހަނގުރާމައިގެ ނުރައްކަލުގެ ތެރޭގައި ވެސް ކުރިއަށްދާ ލިޔެކިޔުންތަކާއި އަރުޝީފް ކުރުމުގެ މަސައްކަތްތަކަކީ، ފަލަސްތީނުގެ އައިޑެންޓިޓީއަކީ ބޮން ގޮއްވުމުގެ ކޮތަޅުތަކުގެ ދަށުގައި ވަޅުލެވޭ ވަރަށް ވުރެ މާ ފުން އަދި މާ ވަރުގަދަ އެއްޗެއްކަން ދުނިޔެއަށް ސާބިތުކޮށްދޭ ދިފާޢީ އެންމެ ފަހު ރޮނގެވެ.
Leave a Reply