ބްރަސަލްސް: ބައެއް ގައުމުތަކުގެ އިސްވެރިންގެ ރަސްމީ ޕްރޮޓޮކޯލްތަކާއި ޝަރަފުގެ ފަރުދާގެ ބޭރުން، އާންމު ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ސާދާ މަންޒަރުތަކެއް ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ. މީގެ ތެރޭގައި ރައީސުން އަމިއްލަފުޅަށް ސްވިޗްބޯޑު އޮޕަރޭޓްކުރެއްވުމާއި، ބޭނުންކޮށްފައިވާ ކާރު ގަތުމަށް ބާޒާރުގައި އުޅުއްވުން ފަދަ ކަންކަން ހިމެނެއެވެ.
މިގޮތުން އެންމެ ފަހުން ފާހަގަކުރެވުނީ، ޗެކް ރިޕަބްލިކްގެ ރައީސް ޕެޓް ޕަވެލް، ހަންގޭރީގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ފޯމިއުލާ 1 ގްރޭންޑް ޕްރި ރޭހުގެ ފޮޓޯ ނެންގެވުމަށް ފޮޓޯގްރާފަރުންގެ ތެރޭގައި ހަރަކާތްތެރިވި މަންޒަރެވެ. ހަންގަރޯރިންގް ސާކިއުޓަށް ހާޒިރުވެ، ކެމެރާ ހިއްޕަވައިގެން އާންމު ފޮޓޯގްރާފަރެއްގެ ގޮތުގައި ރައީސް ޕަވެލް އުޅުއްވާ މަންޒަރުތައް ހަންގޭރީގެ ބޮޑުވަޒީރު ޕީޓާ މަގާރ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. ޕަވެލް އަކީ މީގެ ކުރިން މޮޓޯސްޕޯޓްސް ކަވަރުކުރާ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މީޑިއާތަކުން ސިފަކުރާ ގޮތުގައި މިއީ ރިޔާސީ މަގާމުގައި ހުންނެވި ނަމަވެސް، އެމަނިކުފާނުގެ އަސްލު އިންސާނީ ސިފަތައް ދޫކޮށްނުލައްވާކަން ހާމަކޮށްދިން ކަމެކެވެ.
މިފަދަ ސާދާ ކަންކަމަކީ ހަމައެކަނި ޕަވެލްގެ ފަރާތްޕުޅުން ފެނުނު ކަންކަމެއް ނޫނެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން 2016 ވަނަ އަހަރު، އެމަނިކުފާނުގެ އަނބިކަނބަލުންނަށް ބޭނުންކޮށްފައިވާ ނިސާން ކާރެއް ގަތުމަށް ވަޑައިގަތް ހާދިސާއަކީވެސް މަޝްހޫރު ހާދިސާއެކެވެ. ކާރުގެ ވެރިޔާ އިއަން ހެރިސް ބުނި ގޮތުގައި، ބޮޑުވަޒީރު ކާރު ބައްލަވަން ވަޑައިގަންނަވާ ކަމަށް ބުނުމުން ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ކެމަރަން ވަނީ ބައިގަޑިއިރެއްހާއިރު ކާރު ބެއްލެވުމަށްފަހު، 2004 ވަނަ އަހަރުގެ އެ ކާރު 2,100 ޑޮލަރަށް ބައްލަވައިގެން އަމިއްލަފުޅަށް ދުއްވާފައި ވަޑައިގެންފައެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންވެސް ވަނީ 2017 ވަނަ އަހަރު، އެލިސީ ޕެލަސްގެ ފޯނު ސްވިޗްބޯޑުގައި އަމިއްލަފުޅަށް އިންނަވައިގެން ރައްޔިތުންގެ ކޯލްތަކަށް ޖަވާބު ދެއްވާފައެވެ. ނިއުކްލިއާ ބާރެއްގެ ވެރިޔަކު މިގޮތަށް އާންމުންގެ ޝަކުވާތަކާއި ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަކީ އޭރު ދުނިޔެއަށް ލިބުނު ބޮޑު ހައިރާންކަމެކެވެ.
މީގެ އިތުރުން، ނެދަލެންޑްސްގެ ކުރީގެ ބޮޑުވަޒީރު މާކް ރޫޓޭ 14 އަހަރުގެ ވެރިކަމަށްފަހު، މަގާމުން ވަކިވެވަޑައިގެން ގަނޑުވަރުން ނިކުމެވަޑައިގަތީ ސައިކަލެއްގައެވެ. އޭނާގެ މި ސާދާކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ.
“ދުނިޔޭގެ އެންމެ ނިކަމެތި ރައީސް” ގެ ނަމުން މަޝްހޫރުވި އުރުގުއޭގެ ކުރީގެ ރައީސް ހޯސޭ މުޖިކާގެ ވާހަކައަކީ މިފަދަ ލިސްޓެއްގެ ކުރީގައި އުޅޭ ވާހަކައެކެވެ. 1987 ވަނަ އަހަރުގެ ބޯކްސްވޭގަން ބީޓްލް ކާރެއް ދުއްވަމުން، ވަރަށް އާދައިގެ ކުޑަ ދަނޑުވެރި ގެއެއްގައި ދިރިއުޅުއްވި މުޖިކާ ވަނީ، ތަރައްގީއަކީ ހަމައެކަނި މުއްސަނދިކަން ނޫންކަން ދުނިޔެއަށް ސާބިތުކޮށްދެއްވާފައެވެ.
ކޮލަމްބިއާގެ ކުރީގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެފައިވާ ފަދައިން، ތަރައްގީވެފައިވާ ގައުމަކީ ފަގީރުންނަށް ކާރު ގަނެވޭ ގައުމެއް ނޫނެވެ. އެއީ މުއްސަނދިންވެސް އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރަން އިސްކަންދޭ ގައުމެވެ. މި ހުރިހާ ލީޑަރުންގެ އަމަލުތަކުން ފެނިގެންދަނީ، ވެރިކަމުގެ ޝަރަފަށްވުރެ އިންސާނިއްޔަތުކަމާއި ސާދާކަން މާ މަތިވެރިކަމެވެ.

Leave a Reply