ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އޭނާގެ މާދަރީ ކްލަބު، ސަންޓޯސްއާ އަލުން ގުޅުމާއެކު މީޑިއާގެ ސަމާލުކަން ވަނީ އެނާއަށް ވަރަށް ބޮޑަށް ހުއްޓިފައެވެ. 2016 ވަނަ އަހަރުގެ ވޯލްޑް ކަޕުން ބްރެޒިލް ކަޓައިގެން ދިޔަ މާޔޫސްކަމާއެކު އެނބުރި އައި ނޭމާ، ސަންޓޯސްގެ ލޮކަރު ރޫމްގައި ޒުވާން ކުޅުންތެރިންތަކަކަށް ފުރައްސާރަކޮށް ހަމަލާދިން ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިހާރު ވަނީ ވަރަށް ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ.
މި ހާދިސާ ފެންމަތިވީ ބްރެޒިލް ލީގުގައި ޗަޕެކޯއެންސޭއާ ދެކޮޅަށް ސަންޓޯސް ކުޅުނު މެޗަށް ފަހުގައެވެ. އެ މެޗުގައި ނޭމާ ދެ ގޯލު ޖެހި ނަމަވެސް، މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބްރެޒިލްގެ މަޝްހޫރު ނޫހެއް ކަމަށްވާ “ގްލޯބޯ އެސްޕޯޓޭ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޗުގެ ހާފް ޓައިމްގައި ނޭމާ ވަނީ ޒުވާން ބައެއް ކުޅުންތެރިންނާ ދެކޮޅަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. ވަކިން ހާއްސަކޮށް، ޕޮންޓެމްބޯއަށް ފުރައްސާރަކޮށް އޭނާއަކީ “ބޭކާރު” ކުޅުންތެރިއެއް ކަމަށާއި، އަންނަ ސީޒަނުގައި އޭނާ ކުޅޭނީ “ދެވަނަ ޑިވިޝަނުގައި” ކަމަށް ބުނެ މަލާމާތްކުރި ކަމަށް އެ ނޫހުގައި ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް، މި ތުހުމަތުތަކަށް ރައްދު ދެމުން ނޭމާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބުނީ ލޮކަރު ރޫމްގައި ހިނގި ކަމަށް ބުނާ ކަންކަމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މީޑިއާއަށް މުހާތަބުކޮށް އޭނާ ބުންޏެވެ. “ޕްލީޒް، އެގޮތަށް ނުހަދާ. ދޮގު ނުހަދާ. ޑްރެސިން ރޫމްގައި ތިބި ކޮންމެ މީހަކާ ވެސް އަހާލެވޭނެ. ކަން ހިނގި ގޮތަކީ ހަމައެކަނި ޓީމްގެ ހުރިހާ މެމްބަރުންނާ އެކު މަޝްވަރާކޮށް ފުރިހަމަ ރިވިއުއެއް ހެދުން.”
ނޭމާ ކިޔައިދިން ގޮތުގައި އެ މަޝްވަރާގައި ޓީމުގެ އިސް ކުޅުންތެރިން ކަމަށްވާ ލޫކަސް، އަރާއޯ، ގާބީ، އަދި ބްރާޒާއޯ ވެސް ބައިވެރިވިއެވެ. އެންމެން ވެސް ވާހަކަ ދެއްކީ ޓީމުގެ ކުޅުން ރަނގަޅުކޮށް ކާމިޔާބީ ހޯދުމާ ގުޅޭގޮތުން ކަމަށާއި، އެއްވެސް ޒުވާން ކުޅުންތެރިއަކަށް އަނިޔާއެއް ނުވަތަ ހިތްނުތަނަވަސްކަމެއް ލިބޭ ފަދަ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އޮންލައިންކޮށް ފަތުރާ މިފަދަ “ފޭކް ނިއުސް” ތަކަށް ދެން ކެތްނުކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ.
މި ހާދިސާގެ އިތުރުން ވެސް ނޭމާއަށް ވަނީ އާ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. “ގްލޯބޯ” އިން ރިޕޯޓްކުރި ގޮތުގައި، މެޗުގެ ފަހު ދުވަހު ނޭމާ ވަނީ ކްލަބުގެ ހުއްދަ ނެތި ޓްރެއިނިން ސެންޓަރުން ނުކުމެގެން ގޮސްފައެވެ. މީގެ އިތުރުން، ކޮޕާ ސުޑަމެރިކާނާގައި ސަންޓޯސް މެޗެއް ކުޅެމުން ދަނިކޮށް، ނޭމާ ޕޯކަރ މުބާރާތެއްގައި ބައިވެރިވުމުން ވެސް ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޗަޕެކޯއެންސޭއާ ދެކޮޅަށް ޖެހި ދެ ގޯލަށް ފަހު ނޭމާ އުފާފާޅުކުރީ ޕޯކަރު ކުޅޭ ގޮތަށް އިޝާރާތްކޮށެވެ. މިއީ އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ދިން މަލާމާތުގެ މެސެޖެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނޭމާގެ އުޅުމާމެދު ސުވާލު އުފެދިފައިވީ ނަމަވެސް، އޭނާ ހުރީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކާ ދެކޮޅަށް ތެދުވުމަށް ތައްޔާރަށެވެ.

Leave a Reply