ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކިޔާލާ.ކޮމް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސް ކުރައްވައިފިއެވެ.

މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވާނެއެވެ. ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، ދެކުނުގެ ރަށްތަކަށް ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އެދިލައްވާފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް، ޚާއްޞަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*