އިސްރާއީލުގެ އާބާދީ ފުޅާކުރުމުގެ މަޝްރޫއު ފަލަސްތީނުގެ ބޯޑަރުތަކުން ބޭރަށް ފެތުރެނީ

ފޮޓޯ އަލް ޖަޒީރާ

ގުދުސް: އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ ވަޒަންވެރިވުމުގެ ހަރަކާތްތައް، ފަލަސްތީނުގެ ބޯޑަރުތަކުން ބޭރަށް، ސީރިއާގެ ސަރަހައްދުތަކަށް ފުޅާކުރުމަށް ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން މަސައްކަތް ކުރަމުންދާކަން ހާމަވެއްޖެއެވެ.

އެމެރިކާގެ “ދަ ނޭޝަނަލް އިންޓަރެސްޓް” އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ނެރުނު ރިޕޯޓްތަކުގައިވާ ގޮތުން، އިސްރާއީލުގެ ވަޒަންވެރިވުމުގެ ސިޔާސަތު މިހާރު ވަނީ އާ މަރުހަލާއަކަށް ގޮސްފައެވެ. މީގެ ކުރިން ހަމައެކަނި ހުޅަނގު އައްސޭރިއަށް އަމާޒުވެފައި އޮތް މި މަޝްރޫއު، މިހާރު ޣައްޒާއަށް އަލުން އާބާދީތައް ގެނައުމަށާއި، ސީރިއާގެ ދެކުނުގެ ސަރަހައްދުތަކުގައި އައުޓްޕޯސްޓްތައް ގާއިމްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޢިލްމުވެރިޔާ މުޙައްމަދު އަޔޫބު ވިދާޅުވާ ގޮތުގައި، ހުޅަނގު އައްސޭރީގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތަކީ ހަމައެކަނި ބިން ހިފުމެއް ނޫނެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި އެ ބިމުގައި ދެމިތިބުމުގެ ގާބިލުކަން ނައްތާލުމަށް ހިންގާ ރޭވުންތެރި މަސައްކަތެކެވެ. އިސްރާއީލު ސަރުކާރުން ގެންދަނީ ކުރިން ގާނޫނީ ހުއްދަ ނެތް ކަމަށް ބެލެވުނު އައުޓްޕޯސްޓްތައް ގަވާއިދުގެ ތެރެއަށް ފެއްތުމާއި، މަގުތައް ހެދުމާއި، އަސްކަރީ ޒޯންތައް ގާއިމްކޮށް ފަލަސްތީނު މީހުންގެ ގެދޮރު ތަޅާލަމުންނެވެ.

މި މަޝްރޫއުގެ ދަށުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިސްރާއީލު ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ވަރުގަދަކޮށްފައެވެ. އަދި އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗްގެ ބެލުމުގެ ދަށުން، 434 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު 34 އާ އާބާދީ ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު އާބާދީތަކުގެ ޖުމްލަ އަދަދު 100 އަށް ވުރެ މައްޗަށް އަރާނެއެވެ.

ޣައްޒާއާ ގުޅޭގޮތުން އަޔޫބު ފާހަގަކުރެއްވީ، އިސްރާއީލުގެ އޮފިޝަލުން މިހާރު ޣައްޒާގެ ރައްޔިތުން “އިޚްތިސާދީ ގޮތުން ހިޖުރަކުރުން” ޕްރޮމޯޓް ކުރަމުންދާ ކަމަށެވެ. މީގެ މގުސަދަކީ ޣައްޒާގެ ބިންތަކުގައި އަލުން ޔަހޫދީން އާބާދުކުރުމެވެ. ހުޅަނގު އައްސޭރީގައި ބިއުރޯކްރެޓިކް ނިޒާމެއް ބޭނުންކުރާއިރު، ޣައްޒާގައި ބޭނުންކުރަނީ ތަކުރާރުކޮށް ގެދޮރު ނައްތާލައި ދިރިއުޅެވޭނެ މަގުތައް ބަންދުކުރުމުގެ މޮޑެލްއެކެވެ.

މީގެ އިތުރުން، ސީރިއާގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް ވަޒަންވެރިންގެ ނުފޫޒު ވަނީ ފޯރާފައެވެ. “ޕައިނިއަރސް އޮފް ބާޝަން” ނަމަކަށް ކިޔާ ހަރުކަށި ޖަމާއަތަކުން ދަނީ ސީރިއާގެ ކުނައިތުރާ އާއި ދަރާ ފަދަ ސަރަހައްދުތަކަކީ ޔަހޫދީންގެ ތާރީހީ ބިންތަކެއް ކަމަށް ދައުވާކޮށް، އެތަންތަނަށް ވަދެގަންނަން މަސައްކަތް ކުރަމުންނެވެ. މިދިޔަ އޭޕްރީލް މަހު އެ ގްރޫޕުން ސީރިއާގެ ހަދަރު އަވަށަށް ވަދެފައިވާއިރު، އެމީހުންގެ ބޭނުމަކީ ގޯލާން ހައިޓްސް ކައިރީގައި އައުޓްޕޯސްޓްތައް ގާއިމްކުރުމެވެ.

މި ހަރަކާތްތަކާ ގުޅިގެން ސީރިއާ ސަރުކާރުން ވަނީ އިސްރާއީލު ސިފައިން އެ ސަރަހައްދުތަކުން ފޭބުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. އަޔޫބު ނިންމަވާލައްވަމުން ވިދާޅުވީ، ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނެއްގެ ދިރިއުޅުން ނައްތާލުމަށް ހިންގާ މިފަދަ ސިޔާސަތުތަކުގެ ސަބަބުން މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ

Be the first to comment

Leave a Reply

Your email address will not be published.


*