ފޮއްދޫ ކައުންސިލް ކަޕް 2026: ސިލްވާ ތްރީ އަތުން ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބް ފަސޭހަ މޮޅެއް

ފޮޓޯ : ފޮއްދޫ ކައުންސިލް

ނ. ފޮއްދޫ: ފޯރިގަދަ މާހައުލެއްގައި ރޭ ފެށިގެން ދިޔަ “ފޮއްދޫ ކައުންސިލް ކަޕް 2026” ގެ ފުރަތަމަ މެޗުގައި ސިލްވާ ތްރީ އާ ވާދަކޮށް ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް، ސިލްވާ ތްރީގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބަށް މި މެޗުގައި ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ އިރުފާން އާއި ހުސައިން ޝިހާމްއެވެ. މި ދެ ކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ސިލްވާ ތްރީން ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު ޔައިޝް އާއި އަހްމަދު ފާރިޝްއެވެ.

މި މުބާރާތުގައި ދެން ކުޑަ ކަންމަތީ ސްޕޯޓްސް ކުލަބު ބައްދަލުކުރަން ޖެހޭނީ ހެލްތު ސެންޓަރާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 އޯގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ. ސިލްވާ ތްރީ ދެން ބައްދަލުކުރަން ޖެހޭނީ ވެސް ހެލްތު ސެންޓަރާއެވެ. އެ މެޗު އޮންނާނީ 9 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ރޭ 8:30 ގައެވެ.

ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

 

Be the first to comment

Leave a Reply

Your email address will not be published.


*