ނ. ފޮއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2026” ގެ މެންސް ޑިވިޝަންގައި ކުޅެވުނު ފޯރިގަދަ ދެވަނަ މެޗު، ފޮއްދޫ ހެލްތް ސެންޓަރުން ކާމިޔާބުކޮށްފިއެވެ.
ފޮއްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ކުޑަ ކަންމަތި ސްޕޯޓްސް ކްލަބާއި ފޮއްދޫ ހެލްތް ސެންޓަރެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ އަދި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެ ޓީމުންވެސް ދިޔައީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ހެލްތް ސެންޓަރުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 12، އަލީ ފާއިޤެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ހެލްތް ސެންޓަރުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދިނީ ޖާޒީ ނަންބަރު 22، މުހައްމަދު ނިވާޒެވެ.
ނަމަވެސް، ކުޑަ ކަންމަތި ސްޕޯޓްސް ކްލަބުން އުންމީދު ކަނޑާނުލައި ކުރި މަސައްކަތުން، އެ ޓީމުގެ ޖާޒީ ނަންބަރު 9 ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ހެލްތް ސެންޓަރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ދެ ޓީމުން ނުކުތީވެސް ވަރަށް ވާދަވެރި ރޫޙެއްގައެވެ. މި ހާފުގައިވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ހެލްތް ސެންޓަރުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަލީ ފާއިޤެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
ފޯރިގަދަ ކުޅުމަކަށްފަހު މެޗު ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއަކުން ކުޑަ ކަންމަތި ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި، ފޮއްދޫ ހެލްތް ސެންޓަރު މެޗުން މޮޅުވެގެންނެވެ. މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ކުޅިވަރުގެ ރޫޙު ދިރުވުމަށް ފޮއްދޫ ކައުންސިލުން ކުރިއަށްގެންދާ މުބާރާތެކެވެ.

Leave a Reply