ނައިލް ކޯރުގައި އިތުރު ޑޭމްތައް އެޅުމުގެ ވިސްނުމަކީ، ގްރޭންޑް އިތިއޮޕިއަން ރެނެސަންސް ޑޭމް (ޖާޑް) އަށްފަހު ކޯރުގެ ފެނުގެ ދައުރުވުން ކޮންޓްރޯލްކޮށް، އިތުރު ޑޭމްތައް ބިނާކުރުމުގެ ނިޔަތް އޮތްކަން އިތިއޮޕިއާގެ ފެނާއި ހަކަތައާ ބެހޭ ވަޒީރު ހަބްތަމު އެޓެފާ ހާމަކުރެއްވުމާ ގުޅިގެން ސަރަހައްދީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ. މިކަމާ ގުޅޭގޮތުން ސައިންޓިފިކް އެކި ދިރާސާތައް ކުރެވިފައިވާއިރު، އޭގެ ތެރެއިން ބައެއް ކަންކަމަކީ ވަރަށް އުނދަގޫ އަދި އަނެއްބައި ކަންކަމަކީ ޕޮޒިޓިވް ނަތީޖާތަކެއް ލިބިދާނެ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އަލްޖަޒީރާ ނެޓާ ވާހަކަ ދެއްކެވި ތަޖުރިބާކާރުން ސިފަކުރެއްވި ގޮތުގައި، މި ދިރާސާތަކުގައި ފާހަގަކޮށްފައިވާ ހެޔޮ ކަންކަމަކީ ހިތި ހަގީގަތަކާ ފުށުއަރާ “ޔޫޓޯޕީއަން” ނުވަތަ ޚިޔާލީ މަންޒަރުތަކެކެވެ. މިއީ ރެނެސަންސް ޑޭމްގެ ހިތި ތަޖުރިބާއިން ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމެކެވެ.
ކަރަންޓާއި ފެނުގެ އަސަރު
މި މައުޟޫއާ ގުޅޭގޮތުން ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވާސިޓީގެ ދިރާސާވެރިން ކުރިއަށް ގެންގޮސް “އެންވަޔަރަންމަންޓަލް ރިސާޗް ލެޓަރސް” ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާ ބިނާވެފައިވަނީ ރެނެސަންސް ޑޭމްގެ ފަހަތުގައި އިތިއޮޕިއާ އިން އިތުރު ދެ ޑޭމް އަޅައިފިނަމަ ވެދާނެ ގޮތްތަކުގެ މައްޗަށެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، މި ދެ ޑޭމްގެ ސަބަބުން ބްލޫ ނައިލްގެ ދަށުން، ލޭކް ތާނާ އިން ފެށިގެން ޚާރްޠޫމް އާއި ހަމައަށް، އަދި މައި ނައިލް އިން ޚާރްޠޫމް އިން ފެށިގެން އަސްވާން އާއި ހަމައަށް އަހަރަކު އެވްރެޖްކޮށް ހައިޑްރޯއިލެކްޓްރިކް ކަރަންޓް އުފައްދާ މިންވަރު ގާތްގަނޑަކަށް %50 އިތުރު ކުރެވިދާނެއެވެ. މިއާއެކު ކަރަންޓް އުފެއްދުން އަހަރަކު 30.2 ޓެރަވޮޓް ގަޑިއިރުން 44.7 ޓެރަވޮޓް ގަޑިއިރަށް (އަހަރަކު 14.5 ޓެރަވޮޓް ގަޑިއިރު) އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ހަމައެކަނި ހައިޑްރޯއިލެކްޓްރިކް ހަކަތަ އުފެއްދުމަށް މި ދެ ޑޭމް ހިންގާނަމަ ފެނުގެ ދައުރަށް މާބޮޑު އަސަރެއް ނުކޮށް ހަކަތަ އުފެއްދޭނެ ނަމަވެސް، މި ޑޭމްތަކުން ބޮޑެތި މިންވަރަކަށް ފެން ނަގައި ބޭނުންކުރަން ފަށައިފިނަމަ ނުރައްކާ އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އެގޮތުން އަހަރަކު 5 ބިލިއަން ކިއުބިކް މީޓަރުގެ ފެން ނަގައިފިނަމަ، ސޫދާނުގެ މެރޯވޭ ޑޭމް ރިޒާވަރުން އެވްރެޖްކޮށް ބޭރުވާ މިންވަރު %6.2 (އަހަރަކު ގާތްގަނޑަކަށް 4.1 ބިލިއަން ކިއުބިކް މީޓަރު) ދަށްވެ، އަދި މިސްރުގެ ހައި ޑޭމް ރިޒާވަރުން ބޭރުވާ މިންވަރު %3.3 (އަހަރަކު 1.8 ބިލިއަން ކިއުބިކް މީޓަރު)ދަށްވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެ އިތުރުން، މިސްރުގެ ހައި ޑޭމްގެ ރިޒާވަރު 60 ބިލިއަން ކިއުބިކް މީޓަރަށް ވުރެ ދަށްވުމުގެ އަހަރީ ފުރުސަތު މިހާރު %8.5 ގައި އޮތް ނަމަވެސް، އަހަރަކު 5 ބިލިއަން ކިއުބިކް މީޓަރުގެ ފެން ނަގާ ހާލަތުގައި އެ ފުރުސަތު %45.2 އަށް ފުންމައިގެންދާނެއެވެ. މިއީ މިހާރުގެ ހާލަތަށް ވުރެ 5.3 ގުނަ އިތުރު އަދަދަކަށް ވާތީ، ސްޓޮކް ރައްކާތެރިކުރުމަށާއި ފެނުގެ ދަތިކަމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ހިމެނޭ “ޑްރޯޓް މެނޭޖްމަންޓް ޕޮލިސީ” އެއް ތަންފީޒުކުރަން މަޖުބޫރުވާނެ ކަމެކެވެ.
ޑޭމްތައް ފުރުމަށްފަހު އެއްބާރުލުން ދިނުމުގެ މަންޒަރު
މި މައްސަލައިގައި އިތިއޮޕިއާގެ ބަހިރުދާރު ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ 2 ޑޭމްގެ ބަދަލުގައި 4 ޑޭމް ހެދުމުގެ މަންޒަރަކަށް އަލިއަޅުވާލައި ދިރާސާއެއް ކޮށްފައެވެ. “ޖާނަލް އޮފް ހައިޑްރޮލޮޖީ: ރީޖަނަލް ސްޓަޑީޒް” ގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބިނާކޮށްފައިވަނީ އިތިއޮޕިއާ އިން ކޯރުގެ ތިރީގައިވާ ގައުމުތަކަށް އެއްބާރުލުން ދޭނެ ކަމުގެ އުއްމީދުގެ މައްޗަށެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި، ޑޭމްތައް ފުރާ މުއްދަތުގައި ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ފުރި ނިމުމުން ފެންބޮޑުވުމާއި ހަނަފަސް ދުވަސްވަރު ފެން ދޫކުރާ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭނެއެވެ.
ޑޭމްތައް ފުރާ މަރުހަލާގައި ސޫދާނުގެ މެރޯވޭ ޑޭމްގެ ފެންގަނޑު ގާތްގަނޑަކަށް 5 މީޓަރަށް ތިރިވެ، މިސްރުގެ ހައި ޑޭމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. އެހެންނަމަވެސް، ޑޭމްތައް ފުރި ނިމުމުން، ވާރޭ ވެހޭ މޫސުމުގެ ފެން ހިފަހައްޓައި، ފެން މަދު މަސްތަކުގައި ގަވާއިދުން ފެން ދޫކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން، ހިކި މަހެއް ކަމަށްވާ މެއި މަހު މިސްރުގެ ހައި ޑޭމަށް ފޯރާ ފެނުގެ މިންވަރު %35 އިތުރުވެ، 3.4 ބިލިއަން ކިއުބިކް މީޓަރުން 4.6 ބިލިއަން ކިއުބިކް މީޓަރަށް އިތުރުވެދާނެއެވެ. އަދި ދިގުދެމިގެންދާ ހަނަފަސް ދުވަސްވަރުގެ މަސްތަކުގައި (މާރޗް އިން ޖޫން އަށް) ފެން ލިބޭ މިންވަރު %133 އިތުރުވެ، 1.272 ބިލިއަނުން 2.967 ބިލިއަން ކިއުބިކް މީޓަރަށް އިތުރުވާނެ ކަމަށް ދައްކައެވެ.
މިއާ ޚިލާފަށް، އިންތިހާއަށް ފެންބޮޑުވާ އޮގަސްޓް މަހުގައި ހައި ޑޭމަށް އަންނަ ފެން 32.6 ބިލިއަނުން 19 ބިލިއަން ކިއުބިކް މީޓަރަށް (%42 އަށް) ދަށްކުރެވޭނެ ކަމަށާއި، ވަރަށް ވިއްސާރަ އަހަރުތަކުގައި ޚާރްޠޫމަށް ފޯރާ ނުރައްކާތެރި ފެންބޮޑުވުންތައް (10.1 ބިލިއަނުން 5.08 ބިލިއަން ކިއުބިކް މީޓަރަށް) ކުޑަކުރެވިގެންދާނެ ކަމަށް މި ސިމިއުލޭޝަނުން ފާހަގަކުރެއެވެ.
ނަމަވެސް، މިއީ ގައުމުތަކުގެ މެދުގައި ފުރިހަމަ އެއްބާރުލުމާއި އިތުބާރު އޮވެގެން ނޫނީ ހަގީގަތަކަށް ނުހެދޭނެ “ޔޫޓޯޕީއަން” ވިސްނުންތަކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ މިހާރު ވެސް ރެނެސަންސް ޑޭމާ ގުޅިގެން އިތިއޮޕިއާ، މިސްރު އަދި ސޫދާނާ ދެމެދު އެއްބަސްވުމަކަށް ނާދެވި، ސަރަހައްދީ ނުތަނަވަސްކަން އުފެދިފައިވުމެވެ.

Leave a Reply