އިސްރާއީލުގެ އިސްތިއުމާރީ ޖަލުތަކުގައި 22 އަހަރު ދުވަސް ހޭދަކުރުމަށްފަހު، ފަލަސްތީނުގެ ގައިދީ ހަސަން އަރާރު މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމާއެކު، އޭނާގެ މައިންބަފައިންނާއި ދެބެއިން މަރުވިކަމުގެ ހިތާމަވެރި ޚަބަރު އޭނާއަށް ލިބިއްޖެއެވެ.
ރަމަاللهގެ ހުޅަނގު އުތުރުގައި އޮންނަ ގަރާވަތު ބާނީ ޒައިދު އަވަށަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އަރާރު، ގިލްބޯއާ ޖަލުން ދޫކޮށްލުމަށްފަހު ވަގުތުން ގެންދެވުނީ ރަމަاللهގެ އިސްތިޝާރީ ހޮސްޕިޓަލަށެވެ. އިސްތިއުމާރީ ސިފައިންގެ އަނިޔާވެރި ތަޅާފޮޅުންތަކާއި ސިއްހީ ދަތި ހާލަތުގެ ސަބަބުން ވަރުބަލިވެފައިވާ އަރާރަށް، މައިންބަފައިން މަރުވި ޚަބަރު ލިބުމާއެކު ވަނީ ކޮންޓްރޯލް ނުކުރެވިގެން ރޮއިގަނެފައެވެ.
ފަލަސްތީނުގެ ޕްރިޒަނަރސް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަރާރުގެ މަންމައާއި ބައްޕަ (ބައްޕަ މަރުވީ މިދިޔަ ޖެނުއަރީ މަހު) ފާއިތުވި އަހަރުތަކުގައި މަރުވެފައިވަނީ އޭނާއަށް އެކަމުގެ މައުލޫމާތު ނޭނގި އަދި އަލްވަދާއު ކިޔުމުގެ ފުރުސަތުވެސް ނުލިބި ކަމަށެވެ. މީގެ އިތުރުން އޭނާ ބަންދުގައި ހުރި އަހަރުތަކުގައި އޭނާގެ ދެބެއިންވެސް ވަނީ މަރުވެފައެވެ.
ޕްރިޒަނަރސް ކްލަބުން ފާހަގަކުރި ގޮތުގައި އަރާރުގެ މައްސަލައަކީ، ގައިދީންނާއި އާއިލާތަކާ ދެމެދު އޮންނަ މުއާމަލާތްތައް ހަނިކުރުމަށް އިސްތިއުމާރީ ބާރުތަކުން ގެންގުޅޭ އަނިޔާވެރި ސިޔާސަތުގެ ދަށުން އެތައް ގައިދީންނަކަށް ތަޖުރިބާކުރަންޖެހިފައިވާ ހަގީގަތެކެވެ. އަދި ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނީއްސުރެ ގައިދީން އާއިލާތަކާ ގުޅުން މަހުރޫމްކުރުމުގެ ސިޔާސަތު އިތުރަށް ހަރުކަށިކޮށްފައިވާ ކަމަށްވެސް ކްލަބުން ބުނެއެވެ.
ޖަލުން ދޫކޮށްލިތާ ވަގުތުން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަރާރު ބުނީ، އޭނާ ދޫކޮށްލީ ބަދަލުހިފުމުގެ މަގުސަދުގައި ކޮންމެ ދުވަހަކު ތަޅައި، އެންމެ ނުބައި އަނިޔާތައް ދެމުންދިޔަ މުސީބާތުގެ އަނިޔާވެރި މާހައުލަކުން ކަމަށެވެ. އަދި އޭނާ ޑިޓެންޝަން ރޫމުން ނެރުނު ދުވަހުން ފެށިގެން ދޫކޮށްލުމާ ހަމައަށް ކްލިނިކާއި، ޕޯސްޓް އޮފީހާއި، ހުޅަނގު އައްސޭރީގެ އުތުރުގެ ޖަލާމޭ ޗެކްޕޮއިންޓް ފަދަ ތަންތަނުން ގެންގުޅުނު ކަމަށް އޭނާ އިޝާރާތް ކުރިއެވެ. އޭނާ ޖަލުގައި ހުރި މުޅި މުއްދަތުގައި އެތައް ފަހަރަކު އެކަހެރިކޮށް ބަންދުކޮށް، އިންސާނީ އަސާސީ ބޭނުންތަކުން މަހުރޫމްކޮށް އަނިޔާކުރި ކަމުގެ ޝަކުވާ ކުރިންވެސް ވަކީލު މެދުވެރިކޮށް ހުށަހަޅާފައިވެއެވެ.
ފަލަސްތީނުގެ ގައިދީންގެ މުއައްސަސާތަކުން ބުނާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކުގައި ގާތްގަނޑަކަށް 9،400 ގައިދީން އެބަތިއްބެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން، އެމީހުންގެ އާއިލާތަކާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) ގެ ޒިޔާރަތްތައް ވަނީ މުޅިން ހުއްޓުވާފައެވެ.
މި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލާތައް އިތުރުވެ، ފަލަސްތީނުގެ 1,183 އަށްވުރެ ގިނަ މީހުން މަރާލައި، 13,000 އަށްވުރެ ގިނަ މީހުން އަނިޔާވެ، ގާތްގަނޑަކަށް 25,000 މީހުން ހައްޔަރުކުރުމުގެ އިތުރުން ގާތްގަނޑަކަށް 33،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ޕްރިޒަނަރސް ކްލަބުން ބުނެއެވެ

Leave a Reply