އިތިއޮޕިއާ-އެމެރިކާގެ އަސްކަރީ އެއްބާރުލުން: މިސްރަށް ފޮނުވި މެސެޖަކާއި އެހެން ފަރާތްތަކަށް އިންޒާރެއް

ފޮޓޯ އަލް ޖަޒީރާ

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ޕެންޓަގަންގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ އެފްރިކާ ސެންޓަރ ފޯ ސްޓްރެޓެޖިކް ސްޓަޑީޒްގެ ކުރިމަތީގައި ނަގާފައިވާ ފޮޓޯއަކުން ފެންނަނީ ވަރަށް ވަރުގަދަ ރަމްޒީ މެސެޖެކެވެ. ތަރިއަކާއި ހުރަސްކޮށްފައިވާ ދެ ކަނޑި ޖަހާފައިވާ ރަން އަސްކަރީ ބެޖަކުން ޒީނަތްތެރިކޮށްފައިވާ ކެމޮފްލޭޖް ޔުނީފޯމެއްގައި މޭޖަރ ޖެނެރަލް ޓެޝޯމޭ ގެމެޗޯ ފެނިވަޑައިގަންނަވަނީ، އިތިއޮޕިއާގެ ވަފުދުގެ އޮފިސަރުންނާއި ޕެންޓަގަންގެ އިސްވެރިންނާ އެކުގައެވެ.

މި ފޮޓޯ އާންމުވެފައި މިވަނީ، އިތިއޮޕިއާގެ އަސްކަރީ ވަފުދެއް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވޮޝިންޓަނަށް ކުރި ދަތުރު ނިންމާލުމަށްފަހު، އޮގަސްޓް 21 ވަނަ ދުވަހު ވޮޝިންޓަނާއި އެޑިސް އަބާބާއާ ދެމެދު އަސްކަރީ އާ އެއްބަސްވުމެއް ޤާއިމުކުރިކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ. މީޑިއާތަކަށް ތިލަވެފައިވާ މަޢުލޫމާތުތައް ބުނާގޮތުން، ދެޤައުމުން ވަނީ އާ ސްޓްރެޓެޖިކް ފްރޭމްވޯކެއްގެ ދަށުން ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައެވެ. އަދި ދެ ފަރާތުގެ ޖޮއިންޓް ބަޔާނުގައި ވާގޮތުން، މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޕެންޓަގަންގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އެމެރިކާގެ އަސްކަރީ ޓީމަކުން އިތިއޮޕިއާގެ ޕީސްކީޕިންގ ސެންޓަރުގައި ތަމްރީނުތަކެއް ފެށިކަން އެ ޤައުމުގެ އަސްކަރިއްޔާއިން އިޢުލާނުކުރިތާ އެންމެ ދެ ދުވަސް ފަހެވެ.

ހަތިޔާރާއި، ތާރީޚާއި، ޖިއޮގްރަފީ

އިތިއޮޕިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ‘އެޑިސް ސްޓޭންޑަޑް’ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އެއްބަޔަކު އަނެއްބަޔަކަށް އޮތް އިތުބާރު ވަރުގަދަކޮށް، ‘ހޯރން އޮފް އެފްރިކާ’ ސަރަޙައްދުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމެވެ. އަހަރަކު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ ބަޖެޓެއް އޮންނަ އަދި 150،000 އެކްޓިވް ސިފައިން ތިބޭ އިތިއޮޕިއާގެ އަސްކަރިއްޔާއަކީ ފަރުބަދަމަތީގެ ހަނގުރާމަތަކާއި އާބަން ހަނގުރާމަތަކުގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ، ޓެންކުތަކާއި އާމަރޑް ވެހިކަލްތަކުން މުއްސަނދިވެފައިވާ ބާރެކެވެ. ކޮންމެ މިނިވަން ދައުލަތަކަށް އަސްކަރީ ގުޅުންތައް ބަދަހިކުރުމުގެ ޙައްޤު އޮތް ނަމަވެސް، މި ފިޔަވަޅަކީ އިތިއޮޕިއާއިން އަވައްޓެރިންނަށާއި ސަރަޙައްދީ ބާރުތަކަށް ފޮނުވި މެސެޖެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ނައިލް ކޯރުގެ މައްސަލައާއި ދެބަސްވުންތައް

ތާރީޚީ ގޮތުން ބަލާއިރު، ނައިލް ކޯރުގެ ޒަރީއާއިން އިތިއޮޕިއާއާއި މިޞްރު ވަނީ ގުޅިލާމެހިފައެވެ. 1959 ވަނަ އަހަރު ޤާހިރާއާއި ޚާރްޠޫމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިޞްރަށް އަހަރަކު 55.5 ބިލިއަން ކިއުބިކް މީޓަރުގެ ފެން ކަށަވަރުކޮށްދީފައިވާއިރު، 1929 ވަނަ އަހަރުގެ އެއްބަސްވުމުން ނައިލް ކޯރުގައި ހިންގާ މަޝްރޫޢުތައް ހުއްޓުވުމުގެ ވީޓޯ ބާރުވެސް މިޞްރަށް އޮވެއެވެ.

ނަމަވެސް، އިތިއޮޕިއާއިން 4 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ބިނާކުރި ‘ގްރޭންޑް އިތިއޮޕިއަން ރެނެސަންސް ޑޭމް’ 2022 ވަނަ އަހަރު އޮޕަރޭޓް ކުރަން ފެށުމާއެކު، ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އަދި ޚާރިޖީ ވަޒީރު ބަދުރު ޢަބްދުލްޢާތީ ވަނީ މިކަމުގައި އިތިއޮޕިއާއަށް ހަރުކަށި އިންޒާރުތަކެއް ދެއްވާފައެވެ.

ރެޑް ލައިން އަދި ހުޅުވިފައިވާ ފުރުސަތުތައް

އެފްރިކާއާއި ޢަރަބި ދުނިޔޭގެ އެންމެ ވަރުގަދަ އަދި ދުނިޔޭގެ 15 ވަނައަށް އެންމެ ބާރުގަދަ އަސްކަރިއްޔާ އޮންނަ މިޞްރުގެ އަސްކަރީ ޤާބިލުކަން އިންތިހާއަށް މައްޗެވެ. 4،900 ޓެންކާއި 1،000 ހަނގުރާމަމަތީ މަތިންދާބޯޓު އަދި ދެ އެއާކްރާފްޓް ކެރިއަރާއެކު މިޞްރުގެ މީޑިއާތަކުން ދަނީ، ބޭނުންވެއްޖެ ހިނދެއްގައި އެ ޑޭމް އެއްކޮށް ހަލާކުކޮށްލުމުގެ ފުރިހަމަ ޤާބިލުކަން އެޤައުމުގެ ސިފައިންނަށް ލިބިގެންވާ ކަމަށް ބުނަމުންނެވެ.

މީގެ އިތުރުން، އިތިއޮޕިއާއިން ކަނޑަށް މަގުފަހިކުރުމަށްޓަކައި ސޯމާލިލޭންޑާއެކު ހަދަން އުޅޭ އެއްބަސްވުމާމެދުވެސް މިޞްރުން އޮތީ ނުރުހިފައެވެ. މިޞްރުން ތަކުރާރުކޮށް ބުނަމުންދަނީ، ސޯމާލިއާގެ އިސްތިޤުލާލަށް އުނިކަން އަންނަ އަދި ރަތް ކަނޑާއި ‘ހޯރން އޮފް އެފްރިކާ’ ގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާ ފަދަ އެއްވެސް އެއްފަރާތު އެއްބަސްވުމަކަށް އެ ޤައުމުން ދުވަހަކުވެސް ޖާގަ ނުދޭނެ ކަމަށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*