144 ؟

ކިޔާލާ.ކޮމް

މިއީ އަހަރެންގެ ހަޔާތުގެ ލޯބިވެރިޔާއާ ދިމާވި ގޮތުގެ ހިތްގައިމު ވާހަކައެވެ. ތަޤުދީރުގެ ނިޔާ ދެމީހަކު ގުޅުވައިލަނީ ކިހާ އަޖާއިބު ގޮތަކަށްކަން ސާބިތުކޮށްދޭ އަސަރުގަދަ ހަދާނެކެވެ.

އެއީ އަހަރެން ވަރަށް ފޫހިވެގެން އުޅުނު ދުވަހެކެވެ. ކަމެއް ނެތިގެން ފޯނުން ޓިކްޓޮކް ސްކްރޯލް ކުރަމުން ދަނިކޮށް، ރާއްޖޭގެ ޓިކްޓޮކް ހޯސްޓެއްގެ ލައިވްއެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެ ލައިވް ފެނުމާއެކު އަހަރެންގެ ހިތަށް އެރިއެވެ. “މީ އަދި ލައިވް ޖައްސަން ކާކު ހެއްޔެވެ؟” ކޮންމެއަކަސް ފުރަތަމަ ފެނުނު ފެނުމުގައި އަހަރެންނަކަށް އެއީ އެހާ ގަޔާވި މީހަކަށް ނުވިއެވެ.

އެހެންނަމަވެސް، ފޫހިފިލުވާލުމުގެ ބޭނުމުގައި އެ ލައިވްއަށް ވަދެލީމެވެ. ހަމަ ވަދެވުނު ތަނާހެން، އެމީހާ ވަރަށް ލޯބިން އަހަރެންގެ ނަން ގޮވާލާފައި “ވެލްކަމް!” އެކޭ ބުނެލިއެވެ.

އަސްތާ އެވެ! އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. މިއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ އެ މަޑުމައިތިރި އަޑު ކަންފަތުގައި ޖެހުމާއެކު، ވަގުތުން ހިތް ލެބުނު ކަހަލައެވެ. އަނެއްކާވެސް އޭނާ އަހަރެންނަށް އެގޮތަށް ނަމުން ގޮވާލުމަށް ހިތް އެދެން ފެށިއެވެ. މިއޮއް ކަމެއް ތާއެވެ! އަހަރެން ވަގުތުން އެއީ ކާކުތޯ ބަލައި އެ އެކައުންޓަށް ފޮލޯ ކޮށްލީމެވެ. އެއާއެކު، އަނެއްކާވެސް ހަމަ އެހާ ލޯބިން އޭނާ އަހަރެންގެ ނަން ގޮވާލައި، “ތޭންކް ޔޫ ފޯ ދަ ފޮލޯ!” އެކޭ ބުނެލިއެވެ. އެ ވަގުތު އަހަރެންގެ ހިތް މުޅިން ވިރިގެން ދިޔައެވެ. އެ ދުވަހަށްފަހު، އަހަރެންގެ ‘ފޯޔޫ ޕޭޖު’ން އަބަދުވެސް އޭނާގެ ލައިވްތައް ފެންނަން ފެށިއެވެ. އަދި އަހަރެން އޭނާގެ ލައިވްތައް ބަލާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވިއެވެ.

ނަމަވެސް، ދުވަސްކޮޅެއްގެ ފަހުން އެކަން ހުއްޓުނެވެ. އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ހުރެ، ޓިކްޓޮކާ ކުޑަކޮށް ދުރުވެލެވުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ދެ އަހަރު ފަހުން އަނެއްކާވެސް އަހަރެން ޓިކްޓޮކަށް ވަނީމެވެ. މިފަހަރު އަހަރެން ވަނީ ‘ބެއާ’ (Bear) ޖަހާފައިވާ އާ އައިޑީއެއްވެސް ހަދައިގެންނެވެ. އަހަރެން އެ ‘ބެއާ’ އައިޑީ ހެދި އިރުވެސް، ކީއްވެގެން ކަމެއް ނޭނގެއެވެ، އެންމެ ފުރަތަމަވެސް ހަނދާންވީ އޭނާ މަތިންނެވެ. ދެ އަހަރު ފަހުން ޓިކްޓޮކަށް ވަދެ އާ އައިޑީއެއް ހެދިއިރުވެސް އަހަރެންގެ ހިތަށް އެންމެ ފުރަތަމަވެސް އައީ އޭނާގެ ނަމެވެ. އެހެންކަމުން، އެ އައިޑީން އެންމެ ފުރަތަމަވެސް ފޮލޯ ކުރީ އޭނާއަށެވެ.

އެއާއެކު، އަނެއްކާވެސް އޭނާގެ ލައިވްތައް އަހަރެންނަށް ފެންނަން ފެށިއެވެ. ދެ އަހަރު ކުރީގެ އެ ކްރަޝް، އަދިވެސް ހަމަ އަހަރެންގެ ކްރަޝްގެ ގޮތުގައި ހުރިކަން އަހަރެންނަށް އިހުސާސްވިއެވެ. ނަމަވެސް، ދެން އަހަރެންނަށް ފެންނަން ފެށީ އޭނާގެ ޓިކްޓޮކް ވީޑިއޯތަކެވެ. އެ ވީޑިއޯތަކުން އޭނާގެ ދަރިއަކު ހުންނަކަން އަހަރެންނަށް އެނގުނެވެ. އެހެންވެ، އަހަރެން ހީކުރީ އޭރުވެސް އޭނާ އުޅެނީ މީހަކާ އިނދެގެން ކަމަށެވެ. އޭނާއަކީ ދުވަހަކުވެސް އަހަރެންނަށް ލިބޭނެ މީހެއް ކަމަކަށް އަހަރެންގެ ހިތަކަށް އެއްވެސް އިރަކު ނާރައެވެ.

އަހަރެން މަޑުމަޑުން އޭނާގެ ލައިވްތަކަށް ވަންނަން ފެށީމެވެ. އޭނާގެ ލައިވްއަށް ގެސްޓެއްގެ ގޮތުގައި އަރަން ރިކުއެސްޓް ކުރި ކަމުގައި ވިޔަސް، އޭރު އަހަރެންނަކަށް އަރާކަށް ނުކެރެއެވެ. ނަމަވެސް އެއްދުވަހަކު ލައިވްއަށް އަރައި، އެހެން މީހުން ތިބުމުން އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެހެންނަމަވެސް އޭނާގެ ލައިވްގައި އަހަރެން ވަރަށް ގިނަ ވަގުތު ހޭދަކުރީމެވެ.

ފަތިސްވި ފަހުން އެހެން މީހުން ދިއުމުން، އޭނާއާއި އަހަރެންނާ ދެމީހުން ލައިވްގައި އެހެން ގޮތަކަށް ވިޔަސް ފުރަތަމަ ފަހަރަށް ވާހަކަދެއްކީމެވެ. އޭނާ އަހަރެން ގާތުގައި އަހާލިއެވެ. “ޓިކްޓޮކުން ހާސިލުކުރަން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ހޯސްޓަކަށް ވާން ބޭނުންވަނީ ހެއްޔެވެ؟ ނޫނީ ގިފްޓަރަކަށް ވާން ހެއްޔެވެ؟”

އެ ސުވާލަށް އަހަރެން ތެދަށް ޖަވާބު ދޭނީވެސް ކިހިނެއް ހެއްޔެވެ؟ އަހަރެން ހާސިލުކުރަން ބޭނުންވަނީ ހުދު އޭނާއެވެ! ނަމަވެސް، އެއީ ވާނެ ކަމެއް ނޫންކަމަށް އަހަރެންގެ ސިކުނޑި އަބަދުވެސް ވިސްނައިދެއެވެ. އެހެންކަމުން އެއަށް އެއްޗެއް ނުބުނެ، އަހަރެން އޭނާ ގާތު ލަވައެއް ކިޔައިދިނުމަށް އެދުނީމެވެ. އެހެން ބުނުމުން އޭނާ ބުނީ ލަވަ ކިޔަން ނޭނގޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި އަހަރެންގެ ގާތުގައި ލަވައެއް ކިޔައިދިނުމަށް އޭނާ އެދުނެވެ. އަހަރެން ބުނީމެވެ. “އެހެން ރޭކުން ލަވައެއް ކިޔައިދޭނަމެވެ.”

ހަމަ އެރޭ އޭނާ އަހަރެންނަށް އޭނާގެ ލައިވްގެ މޮޑަރޭޓަރުކަން ދިނެވެ. އަދި އަބަދުވެސް ލައިވްއަށް އައުމަށް އެދުނެވެ. އޭގެ ފަހުން އަހަރެން ކޮންމެ ރެއަކުވެސް އޭނާގެ ލައިވްއަށް ދާން ފެށީމެވެ. އަދި ފަހުން، އޭނާގެ އެދުމުގެ މަތިން އަހަރެން ލަވައެއް ކިޔައިދިނީމެވެ. އެއީ އަހަރެން އޭނާއަށް ކިޔައިދިން އެންމެ ފުރަތަމަ ލަވައެވެ.

“ހުވަފެންތަކުން ފެންނަ މޫނޭ ތީ،

ހިތް އެންމެ ބޭނުންވި ޔާރާއޭ ތީ،

ލިބުމަށް އެދޭނޭ ނަސީބޭ ތީ،

ދާވާނާ ވޭ ހިތް ސީދާ ވީމާ،

ލޯ މޮޔަވެއްޖެއޭ ފެނިފާ ތިޔަވާ ހިނިތުންވުން،

ނުމެ ދާނަން ދޫކޮށް ވަޢުދޭ މީ އަދި ވާ،

ނޭދެނަން ލޯތްބެއް ޔާރާ ނޫން ދެން އެހެން…”

އޭނާއަށް އެއީ އަހަރެން ކިޔައިދިން އާދައިގެ ލަވައެއް ކަމުގައި ފެނުނަސް، އެއީ އޭރު އަހަރެންގެ ހިތުގައި ހިނގަމުންދިޔަ ހަގީގީ އިހުސާސްތަކެވެ. އަހަރެން ލަވަ ކިޔައި ނިމުމުން، އޭނާ ބުނީ އަހަރެންގެ އަޑަކީ “މެޖިކަލް” (ޖާދޫވީ) އަޑެއް ކަމަށެވެ. އަދި އެ ވަގުތު ލައިވްގައި ތިބި އެހެން މީހުންގެ ތަރުހީބުވެސް އަހަރެންނަށް ވަރަށް ބޮޑަށް ލިބުނެވެ.

އޭގެ އަނެއްރޭ ލައިވްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން މީހަކު އޭނާގެ ދަރިފުޅު ކޮބައިތޯ ސުވާލުކުރިއެވެ. އޭނާ ޖަވާބުގައި މާދަމާވެސް ދަރިފުޅު ގާތަށް ދާންޖެހޭ ކަމަށާއި، ދަރިފުޅުގެ މަންމަ ނިޔާވި ފަހުން އަބަދުވެސް އޭނާއާއެކު ވަގުތު ހޭދަކުރަން ދަރިފުޅު ބޭނުންވާ ވާހަކަ ބުންޏެވެ. އޭނާ އުޅެނީ މީހަކާ އިނދެގެން ނޫންކަން އަހަރެންނަށް އެނގުނީ އެ ހިސާބުންނެވެ. ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އުއްމީދެއް ވެރިވިއެވެ.

އޭގެ އަނެއްރޭ ލައިވްގައި އޭނާއާއި އިތުރު ދެ މީހުންގެ އިތުރުން ދެން އިނީ އަހަރެން އެކަންޏެވެ. ލައިވްގައި ހުރި އޭނާގެ އެކުވެރިއަކާއެކު ކޮފީއަކަށް ދާންވެގެން، އޭނާ މާ އަވަހަށް ލައިވް ނިންމާލަން އުޅުނެވެ. އަދި ދަމުން އަހަރެން ގާތު އިންސްޓަގްރާމް އައިޑީއަށް އެދުނެވެ. އަހަރެން އިންސްޓަގްރާމް ނުގެންގުޅޭ ކަމަށާއި ގެންގުޅެނީ ސްނެޕްޗެޓް ކަމަށް ބުނުމުން، އޭނާ ބުނީ އައިޑީ ފޮނުވާލާފައި ބާއްވާށޭ، ޚަބަރެއް ވާނަމޭއެވެ.

އެރޭ އޭނާ އަހަރެންނަށް ގުޅީ ހުޅުމާލޭގައި ހުރެފައެވެ. އަދި ބުންޏެވެ. “މި ގުޅީ ލަވަ އަޑުއަހަން ތިޔަ މެޖިކަލް ވޮއިސްއިން ލަވައެއް ކިޔައިދީބަލާށެވެ.” އަހަރެން އެ ލަވަ ކިޔައިދިނުމުން އޭނާ ބުންޏެވެ. “ތިޔަ އަޑު ދުވަހަކުވެސް މަށަށް ނުގެއްލެހެއްޗޭ އިނގޭ!” އޭނާގެ އެ ފޮނި ބަސްތަކުން އަހަރެން އުފަލުން ނަށަމުން ދިޔައެވެ

2 ވަނަ ބަޔައް އިންތިޒާރު ކޮއްލައްވާ

Be the first to comment

Leave a Reply

Your email address will not be published.


*