އިޓަލީގެ ޓާރަންޓޯގައި މިހާރު ކުރިއަށްދާ މެޑިޓެރޭނިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލުން ޓިއުނީޝިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމު ޖާގަ ހޯދައިފިއެވެ. ޓިއުނީޝިއާ ފައިނަލަށް ދަތުރުކުރީ ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި އިޓަލީގެ މައްޗަށް ވަރުގަދަ ކާމިޔާބީއެއް ހޯދައިގެންނެވެ.
މި މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ޑިއޭގޯ ޕިރްލޯ ވަނީ ލަނޑެއް ޖަހައި އިޓަލީއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު އިޓަލީ ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފުގައި ޓިއުނީޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ވަރުގަދަ ކަމްބެކެއް ދައްކުވައިދީފައެވެ.
އެގޮތުން، މެޗުގެ 59 ވަނަ މިނެޓުގައި އަލާއެއްދީން ދަރުބާލީ ވަނީ ޓިއުނީޝިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ރަޔަން އަނާން ވަނީ ލަނޑެއް ޖަހައި ޓިއުނީޝިއާއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވަލީދު ދޮއިބް ކާމިޔާބުކުރި ލަނޑާއެކު ޓިއުނީޝިއާ ވަނީ މޮޅު ކަށަވަރުކޮށްފައެވެ.
މިއީ މެޑިޓެރޭނިއަން ގޭމްސްގެ ތާރީޚުގައި ޓިއުނީޝިއާ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެކުރިން އެ ޓީމުން ވަނީ 1971 ވަނަ އަހަރު ތުރުކީގެ އިޒްމީރުގައި ބޭއްވި މުބާރާތާއި، 2001 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ރަން މެޑަލް ހޯދާފައެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ޓިއުނީޝިއާ ވާދަކުރަން ޖެހޭނީ އަލްޖީރިއާ އާއި މޮރޮކޯ ބައްދަލުކުރާ އަނެއް ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ.

Leave a Reply