144 ދެވަނަ ބައި

ކިޔާލާ.ކޮމް

ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވަމުން ގޮސް ކޮންމެ ރެއަކުވެސް ފޯނުން ގުޅައި ވާހަކަދައްކަން ފެށީމެވެ. ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން ލޯތްބަށް ބަދަލުވަމުން އައި ދަނޑިވަޅެއްގައި، ކުއްލިއަކަށް އޭނާ މާލެއިން ބޭރު ރަށަކަށް ދެތިން ދުވަހުގެ ދަތުރެއްގައި ދާންޖެހުނެވެ. އެއިރު އަހަރެންވެސް އުޅުނީ އަހަރެންގެ އުފަން ރަށުގައެވެ.

އޭނާ އެ ރަށަށް ދިޔަގޮތަށް ފުރަތަމަ ދެތިން ދުވަހު އަހަރެންނަށް އެއްވެސް ޚަބަރެއް ނުވެ، ނުވެސް ގުޅައެވެ. އަހަރެން އެކަމާ ވަރަށް ދެރަވެ، އިންތިޒާރުގައި ގިނަ ވަގުތުތަކެއް ހޭދަކުރީމެވެ. ނަމަވެސް، އެއްރެޔަކު މާބޮޑަށް އޭނާ މަތިން ހަނދާންވާން ފެށުމުން، ކެތްނުކުރެވިގެން އަހަރެންގެ ގިޓާ ނަގައިގެން، ގިޓާއާއެކު މިރަރ ސެލްފީއެއް ނަގައި، ސްނެޕްޗެޓުން އޭނާއަށް ފޮނުވާލީމެވެ.

އިރުކޮޅެއް ނުވަނީސް، އޭނާ އެ ސްނެޕްތައް ޗެޓަށް ސޭވްކުރި ކަމުގެ ނޮޓިފިކޭޝަން އަހަރެންގެ ފޯނަށް އަޔެވެ. އަދި ވަގުތުން އޭނާ އަހަރެންނަށް ގުޅިއެވެ. އެރެޔަކީ އަހަރެމެން ދެމީހުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޯލް ކުރި ރެއެވެ. އެރޭ އަހަރެމެން ދެމީހުން، އެކަކު އަނެކަކުގެ ދިރިއުޅުމުގެ ތަފާތު ވާހަކަތައް ހިއްސާކުރަން ފެށީމެވެ.

ޖެހިގެން އައި ދުވަހަކީ އޭނާ އެ ރަށުން އެނބުރި މާލެ އަންނަން އޮތް ދުވަހެވެ. މާލެ އާދެވުމާއެކުވެސް އޭނާ އަހަރެންނަށް ގުޅިއެވެ. ނަސީބު ދިމާކުރި ގޮތުން، އޭނާ މާލެ އައިތާ ޖެހިގެން އައި ދުވަހަކީ އޭނާގެ އުފަންދުވަހެވެ. އަހަރެން ނިންމީ އޭނާ ލައިވް ޖެއްސުމުން، އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އުފަންދުވަހުގެ ލަވައެއް ކިޔައިދިނުމަށެވެ. ނަމަވެސް، އެރޭ އޭނާ ލައިވް ޖެއްސުމުން އަހަރެން ލަވަ ކިޔުމުގެ ކުރިން އެހެން މީހަކު އެ ލަވަ ކިޔައިދިނުމުން އަހަރެންގެ މޫޑު މުޅިން ޚަރާބުވިއެވެ. އެ ރޭ އޭނާއަށް ވައިފައި (Wifi) ގެ މައްސަލަ ދިމާވުމުގެ ސަބަބުން، އުޅެން ޖެހުނީ ބޭރުގައެވެ. ރަނގަޅަށް އިންޓަނެޓް ލިބޭތޯ އެކި ހިސާބުތަކަށް ސައިކަލުގައި ދުއްވަމުން ގޮސް، އޭނާ ދައްކަމުން ދިޔަ ލައިވް މާ ގިނައިރެއް ނުވެ ކަނޑައިލަން ޖެހުނެވެ.

ނަމަވެސް، މާ ގިނައިރެއް ނުވެ އޭނާ އަހަންނަށް ގުޅައިފިއެވެ. އެ ފޯންކޯލާއެކު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ބޭރުގައި، ފިނިރޯޅިތަކުގެ ތެރޭގައި ސައިކަލު މަތީގައި އިނދެގެން ވެސް އޭނާ ބޭނުންވީ އަހަންނާ ވާހަކަދައްކާށެވެ. އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެ ރޭ ވީޑިއޯ ކޯލުން އޭނާގެ ސޫރަ އަހަންނަށް ފެންނަމުން ދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. އަހަރެންގެ ހިތުގެ ކަނަކުން ބުނެލި ކަހަލައެވެ؛ އޭނާ ހާދަހާވާ ރީއްޗެވެ. މީގެ ކުރިން އަހަންނަށް އެންމެ ކަމުދިޔައީ އޭނާގެ މަޑުމައިތިރި އަދި މަޖާ މިޒާޖެވެ. އެކަމަކު އެ ރޭ، އޭނާގެ ބޭރުފުށުގެ ރީތިކަން ވެސް އަހަރެންގެ ހިތް ދަމައިގަތެވެ. ހަމައެކަނި އަހަރެންގެ ހިތަކު ނޫނެވެ؛ އެ ރޭ އޭނާ ވެސް އަހަންނަށް ތަޢުރީފުކޮށް، ހިތްގައިމު ހުޝާމަދުތައް ކުރަމުން ދިޔައެވެ. ދެމީހުންގެ މެދުގައި ދެކެވެމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުދެކެވޭ ފަދަ ޚާއްޞަ، އަސަރުގަދަ ތަފާތު ވާހަކަތަކެކެވެ.

އެގޮތުގައި ވަގުތުތައް ފާއިތުވަމުން ގޮސް، ފަތިސްވާން ކައިރިވެއްޖެއެވެ. ގެއަށް ދަނީ ކަމުގައި ބުނެ، އަހަރެން ކައިރީގައި ނިދަން ދިޔުމަށް އެދެމުން އޭނާ ފޯނު ބޭއްވިއެވެ. ނަމަވެސް، ފޯނު ބޭއްވި ނަމަވެސް އަހަރެންގެ ލޮލަކަށް ނިދީގެ ކަންފުޅެއްވެސް ނައެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތްއިރު ހިތަށް އަރަމުން ދިޔައެވެ؛ ދެން ހަމަ އޭނާ ނުގުޅާނެ ބާވައެވެ؟ އަދި އެންމެ ފަހަރަކު ނަމަވެސް މިރޭ ގުޅާލާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

ހިތަށް މިފަދަ ޚިޔާލުތައް ވެރިވިތާ ފަސް މިނެޓުވެސް ނުވަނީސް، އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް ބަލައިލިއިރު، އާނއެކެވެ! އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ހަމަ އޭނާއެވެ. އަހަރެންގެ ހިތުގައި ހިނގަމުން މިދާ ޖަޒުބާތީ އިހުސާސްތައް ހަމަ އޭނާގެ ހިތުގައި ވެސް ހިނގަނީ ބާވައެވެ؟ އުފަލުން ފޮޅިފައިވާ ހާލު، ހިތާއި ހިތުން އަހަންނަށް މިހެން ކިޔައިލެވުނެވެ.

ފޯނު ނަގަމުން އަހަންނަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ފޯނު ނެގި ތަނާހެން ސަމާސާ ރާގަކަށް އޭނާ އަހަރެން ގާތު އެހިއެވެ. “އަދިވެސް ނުނިދާ ތި އޮންނަނީ ކާކު މަތިން ‘މިސް’ ވާތީ ހެއްޔެވެ؟”

އަހަރެން ހިތުގެ ހާލަތު ފޮރުވަމުން ބުނީމެވެ. “ނޫނެކެވެ.”

އެހެން ބުނުމުން އޭނާ ކުޑަކޮށް މާޔޫސްވާ ކަމަށް ހެދެމުން ބުނެލިއެވެ. “އަހާ! މަގޭ މަތިން ވެސް މިސް ނުވޭ ދޯއެވެ؟”

އެ ވަގުތު އަހަންނަށް ހިތްވަރުކޮށްފައި ވަގުތުން ބުނެވުނެވެ. “ނޫނެކެވެ. ހަމަ އަދި ގުޅާނެ ނަމައޭ ހިތަށް އަރައަރާ އޮއްވައެވެ ތި ގުޅީ ވެސް. ކީއްވެ ހެއްޔެވެ؟ ގެއަކަށް ނުދަނީ ހެއްޔެވެ؟”

އެހިނދު ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ބުންޏެވެ. “ނޫނެކެވެ. މިއައީ ގެއަށް ވެސް ގޮއްސައެވެ. އެކަމަކު ނުނިދިގެންނެވެ. އަސްލު ހިތަށް އަރަނީ މިހާރު ކިހިނެއް ބާއޭ މި ވަނީ؟ އަސްލު ކީއްވެ ހެއްޔެވެ އަހަންނާ ތި ވާހަކަ ދައްކަނީ؟ ލޯބިވަނީ ހެއްޔެވެ އަހަރެން ދެކެ؟”

އޭނާ ދުރުދުރުން އެ ފެށި ވާހަކައިން އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. މޫނުމައްޗަށް ވެރިވި ލަދުވެތިކަމާއެކު އަހަންނަށް އިސްޖަހައިލެވުނެވެ. އެ ރޭ ސީދާ “އާނއެކޭ” ބުނާކަށް އަހަންނަކަށް ނުކެރުނެވެ. ހިތުގެ ތެޅުން އަވަސްވެފައިވާ ހާލު، އަވަސް އަވަހަށް ބުނެވުނީ “ނޭނގެ” މިހެންނެވެ. އެ ލަދުވެތި، ނަމަވެސް ހިތްގައިމު ވަގުތުކޮޅަށް ފަހު، އަނެއްކާވެސް ދެމީހުންގެ މެދުގައި ދެކެވެން ފެށީ ދިރިއުޅުމުގެ އެކި އެކި ވާހަކަތަކެވެ. ކުރިމަގުގެ އުއްމީދުތަކާއި، ދިރިއުޅުމާ ދޭތެރޭ ދެކޭގޮތުގެ ވާހަކަތަކެވެ.

އެއީ އޭގެ އަނެއް ރެއެވެ. 14 އެޕްރީލް 2025 ވީ ރެއެވެ. އާނއެކެވެ! މި ވާހަކައިގެ ނަމަކީ “14-4 ގެ އަސްލު” އެވެ.

އެ ރޭ ވެސް އޭނާއަށް ވައިފައިގެ މައްސަލަ ދިމާވެފައި ވާތީ، ހަމަ ސައިކަލުގައި ގޮސް އިނީ ކުރީ ރޭ ވެސް ވާހަކަދައްކަން އިން ތަނުގައެވެ. އެތަނުގައި އިނދެގެން އޭނާ އަހަންނަށް ގުޅިއެވެ. ކުރީ ރެއާ ޚިލާފަށް، މިރޭ އޭނާ ވަރަށް ސީރިއަސްވެފައި އަހަރެން ގާތު އެހިއެވެ. “ދެން ކޮބާ ހެއްޔެވެ ފިއުޗަރ ޕްލޭންސް (ކުރިމަގުގެ ރޭވުންތަކަކީ)؟”

އަހަރެން ކުރު ގޮތަކަށް އޭނާއަށް އަހަރެންގެ ވިސްނުމާއި ޕްލޭންތައް ކިޔައިދިނީމެވެ. ދެން އޭނާ އަހައިލިއެވެ. “ދެން މީހަކާ ރައްޓެހި ވެސް ނުވަންތަ؟”

އަހަރެން ޖަވާބުގައި ބުނީމެވެ. “މީހަކާ ރައްޓެހި ވެވޭނީ ވެސް، އަދި އިނދެވޭނީ ވެސް މީހަކު އެހީމާ ނޫން ހެއްޔެވެ؟”

އެހިނދު، އެއްވެސް ޖެހިލުމެއް ނެތި އޭނާ ވަރަށް ސީދާކޮށް ބުނެލިއެވެ. “މަށާ އިންނަންވީނުން!”

އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. އެއީ މީގެ ދެ އަހަރު ވަންދެން އަހަރެން އިންތިޒާރުކުރި، އަދި އަހަރެންގެ މުޅި އުމުރުގައި ވެސް އެންމެ އަޑުއަހަން ބޭނުންވި ޖުމްލައެވެ. ޤަބޫލުކުރަން ދަތިވެފައި ހުރެ، އަހަންނަށް މަޑުމަޑުން އަހައިލެވުނެވެ. “ހަމަ ތި އެހީ ހެއްޔެވެ؟”

Be the first to comment

Leave a Reply

Your email address will not be published.


*