ނޯޔާ

ކިޔާލާ.ކޮމް (ވާހަކަ ނޯޔާ )

(މިއީ ޚިޔާލީ ވާހަކައެކެވެ.)

ލަންޑަނުގެ ހަލަބޮލި މާހައުލެވެ. ފިނި މޫސުމުގެ ފުރިހަމަކަން ދައްކުވައިދެމުން، މުޅި މަގުތައް ވަނީ ހުދު ސްނޯއިން ފޮރުވާލެވިފައެވެ. ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ މީހުންގެ ގިނަކަމުން މަގުތައް އޮތީ ތޮއްޖެހިފައެވެ. މި ހަލަބޮލި މާހައުލުގައި، ފިނިގަދަ ސްނޯތަކުގެ މަތީގައި ހިނގަމުން ދިޔަ ޒުވާން އަންހެން ކުއްޖަކީ ނޯޔާއެވެ. ބަލާބެލުމަށް ޔޫރަޕް ގޮތްގަނޑެއް ހުއްޓަސް، އެއީ ދިވެހިރާއްޖެއަށް އުފަން، ދިވެހި ލެޔާއި ރޫޙު ހުރި ޒުވާނެކެވެ. ދިރިއުޅުމުގެ އެތަކެއް ކަނޑެއް ކަޑައްތުކޮށް، ހިތްވަރާއެކު ސަލާމަތުގެ އައްސޭރިއަކަށް ވާސިލްވެފައިވާ މުރާލި އަންހެން ކުއްޖެކެވެ.

ނޯޔާ ލަންޑަނަށް ބަދަލުވީ އޭނާގެ މަތީ ތަޢުލީމު ފުރިހަމަކުރުމަށެވެ. މީޑިއާގެ ދާއިރާއިން ކުރިއަށް ގޮސް، ކާމިޔާބު ޝަޚްޞިއްޔަތަކަށް ވުމުގެ ފޮނި އުއްމީދު ނޯޔާ ކުރަމުން ދިޔަ ނަމަވެސް، އެ ހުވަފެންތަކުގައި ކުލަޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ދިރިއުޅުމުގެ އެތަކެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ވަކިން ޚާއްޞަކޮށް، ލޯބިވާ ޢާއިލާއާއި އެންމެ ގާތް ރަޙްމަތްތެރިންނާ ދުރުގައި، އެކަނިވެރިކަމާއެކު އުޅެން ޖެހުމަކީ ނޯޔާއަށް ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަމެވެ.

“ހަލޯ ދަރިފުޅާ.. މިހާރު ދަރިފުޅު ހާދަ ތަފާތުވެއްޖޭ ދޯ.. މިހާރު ތިހުރީ ޔޫރަޕް އަންހެން ކުއްޖެއްހެން ދޮންވެފައެއްނު،” ފޯނުގެ އަނެއްކޮޅުން ޒާހިރާ ބުނެލީ ވަރަށް ސަމާސާ ރާގެއްގައެވެ. އެއީ އަބަދުވެސް ޒާހިރާގެ އާދައެވެ. ދަރިންނާ ވާހަކަދައްކާއިރު އަބަދުވެސް އޮންނާނީ ސަކަ މިޒާޖެކެވެ.

“މަންމަވެސް ދައްކާނެ ދޯ ތިކަހަލަ ވާހަކަ،” ނޯޔާ ހެމުން ހެމުން ބުނެލިއެވެ. ދެމައިންގެ އޮލަ ވާހަކައިގެ މެދުން، ނޯޔާ އަހާލިއެވެ. “ކޮބާ ބައްޕަމެން ރަނގަޅުތަ؟ ވަރަށް ހަނދާންވޭ.. އެކަމަކު ދާނަން ވަރަށް އަވަހަށް މަންމަމެން ކައިރިއަށް.” އެ ހިނިތުންވުމާއެކު ނޯޔާގެ އަޑުގައި ވަކިވުމުގެ ރިހުން އެކުލެވިފައި ވިއެވެ.

އޭރު ލަންޑަން ގަޑިން ހަވީރު 4:30 ވެއްޖެއެވެ. މިއީ ނޯޔާއަށް އާއިލާގެ މީހުންނާ ފަސޭހައިން ގުޅާލެވޭ ވަގުތެވެ. ނަމަވެސް، ދެ ޤައުމުގެ ގަޑީގެ ތަފާތުން، އެ ވަގުތަކީ ރާއްޖެއަށް މެންދަމުގެ އަރާމު ނިދީގެ ވަގުތެވެ. މާދަމާއަކީ ކިޔެވުމުން ބަންދު ދުވަހެއް ކަމުން، ނޯޔާ އޭނާގެ ކޮޓަރީގެ އެކި ކަންކަން ނިންމުމުގައި މަސްއޫލުވެ އުޅުނެވެ.

ނޯޔާއަކީ ފުރިހަމަ ޒުވާން ރީތިކަމެއް ލިބިފައިވާ ކުއްޖެކެވެ. ބުޅި އިސްތަށިގަނޑަކާއި، ތުނިތުނި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ ދެލޮލުގައިވާ ޖަޒުބާތީ އަސަރުތަކަކީ ފެންނަ ކޮންމެ ޒުވާނެއްގެ ހިތް ކަތިލައި، މަފްތޫން ކުރުވާ ފަދަ ޖާދޫއެކެވެ.

އާ ދުވަހަކަށް އިރުއެރީ ނޯޔާއަށް ވަރަށް ވެސް އުފާވެރި އިހުސާސްތަކަކާ އެކުގައެވެ. އެނދުގައި އޮތް ނޯޔާ، ކަންނެތް ކަމާއެކު ދެލޯ ހުޅުވާލިއެވެ. އަދި ހޭވިފައި ހުރި ބުޅި އިސްތަށިގަނޑު ފަހަތަށް ހުޅިއެއް ޖަހާލުމަށް ފަހު، ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ފިނި ވައިރޯޅިތައް މޫނުގައި ބީހިލި އިރުވެސް، ނޯޔާގެ ބޮޑު ދެލޮލުން ނިދީގެ އަސަރު މުޅިން ފިލައިގެން ނުދެއެވެ. ބެލްކަނީގެ ރެއިލިންގގައި އަތް އަޅުވާލައިގެން ހުރެ، ދުރުން ފެންނަމުންދިޔަ ހުދު ސްނޯގެ ފަރުދާތަކަށް ބަލަހައްޓައިގެން ހުރި ނޯޔާގެ ހިތުގައި ވަނީ އައު އުއްމީދުތަކަކާއި، މުސްތަޤުބަލުގެ ފޮނި ހުވަފެންތަކެވެ.

މި ޚިޔާލުތަކުގައި ހުއްޓާ ނޯޔާގެ ފޯނު ރިންގުވާން ފެށިއެވެ. ކާކުތޯ ބަލައިލިއިރު އެއީ އެއް ކޮލެޖެއްގައި ކިޔަވަމުން އަންނަ ގާތް ރަހުމަތްތެރިޔާ ރައިނާއެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

“ހޭ ނޯޔާ.. ވެޔާ އާރ ޔޫ؟ ޓުޑޭ އިސް ހޮލިޑޭ.. ލެޓްސް މޭކް ސަމްތިން ފަން.. ލެޓްސް ގޯ ޓު އަ ޕާކް!” ރައިނާ ވަރަށް ފޯރިއާއެކު ބުނެލިއެވެ.

“ޔާ ލެޓްސް ގޯ.. ބަޓް… ނައު އައި ކާންޓް ގޯ އެނީވެޔާ… ޓުޑޭ އިވްނިންގ އޯކޭ؟” ނޯޔާ ހިނިތުންވެލަމުން ޖަވާބު ދިނެވެ.

ރައިނާ އެއްބަސްވުމުން ފޯނު ބޭއްވުމަށްފަހު، ނޯޔާ އަވަސްވެގަތީ ގޭތެރެ ސާފުކުރުމުގެ މަސައްކަތަށެވެ. ޗުއްޓީ ދުވަސްދުވަހު ގޭތެރެ ތަރުތީބުކޮށް ސާފުކުރުމަކީ އަބަދުވެސް އޭނާ ވަރަށް ކުރާހިތުން، އާދަވެގެން ކުރަމުން އަންނަ ކަމެކެވެ.

ރައިނާ އެއްބަސްވުމުން ފޯނު ބޭއްވުމަށްފަހު، ނޯޔާ އަވަސްވެގަތީ ގޭތެރެ ސާފުކުރުމުގެ މަސައްކަތަށެވެ. ޗުއްޓީ ދުވަސްދުވަހު ގޭތެރެ ތަރުތީބުކޮށް ސާފުކުރުމަކީ އަބަދުވެސް އޭނާ ވަރަށް ކުރާހިތުން، އާދަވެގެން ކުރަމުން އަންނަ ކަމެކެވެ. މިއަދަކީ ހަފްތާ ބަންދު ދުވަހަކަށް ވެފައި، އެކުވެރިޔާއާއެކު ބޭރަށް ދާން ރޭވިފައި އޮތުމުން ނޯޔާގެ ހިތުގައި ވަކިން ބޮޑު އުފާވެރިކަމެއް އުފެދިފައި ވެއެވެ.

އަވަސް އަވަހަށް ނޯޔާ ގޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިއްމާލިއެވެ. ކުނިކަހައި، ފޮޅައި ސާފުކޮށް، ހުރިހާ އެއްޗެއް ހަމަޔަކަށް އެޅުވީ ހިތްހަމަޖެހުމާއެކުގައެވެ. އެއީ އަވަހަށް ޕާކަށް ދިޔުމަށްޓަކައެވެ. ހަވީރުގެ ފިނި ވަގުތުގައި، ޕާކުގެ ހިތްގައިމު މާހައުލުގައި އެކުވެރިޔާއާއެކު ވަގުތު ހޭދަކޮށްލުމަކީ ނޯޔާ މި ހަފްތާގައި އެންމެ އިންތިޒާރުކުރި އެއް ކަންތަކެވެ.

އިސާހިތަކު އިރުއޮއްސެން ކައިރިވެ، ހިތްގައިމު ހަވީރުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނި ރޯޅިން މުޅި މާހައުލަށް ތާޒާކަން ގެނެސްދެމުން ދިޔައެވެ. ނޯޔާ އަވަހަށް ބޭރަށް ދިޔުމަށްޓަކައި ތައްޔާރުވެލިއެވެ. ރީތި، ހިތްގައިމު ހެދުމެއް ލައި، ނަލަހެދިލުމަށްފަހު، ކޮނޑުގައި ކުޑަ ދަބަސް އަޅުވާލިއެވެ. އަދި ފޯނު ނެގުމަށްފަހު ރައިނާއަށް ގުޅާލީ، އޭނާ ތައްޔާރުވިތޯ ބަލައި، ޕާކުން ބައްދަލުކުރުމަށް ދެކެވުނު ވާހަކަ ޔަޤީންކޮށްލުމަށެވެ.

ފޯނު ނަގައި ރައިނާ ބުނެލި ޖުމްލައާއެކު ނޯޔާގެ މޫނުމައްޗަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. އުފަލުން ފުރިގެންވި ހިތަކާއެކު، އިންތިޒާރުކުރި ވަގުތު އައިސް ޖެހުމުން، ނޯޔާ އެންމެ ބޭނުންވި ކަންތައް ވެގެންދިޔައީ އޭނާ އުއްމީދުކުރި ވަރަށްވުރެވެސް ފުރިހަމަކޮށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*