އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮގްރާމަކީ މުފްތީއަކަށް ވެދާނެ ހެއްޔެވެ؟ އަދި އޭގެ ޖަވާބަކީ ޞައްޙަ ޖަވާބެއް ނަމަ، އެއީ ޙަޤީޤަތުގައި ޝަރުޢީ ފަތުވާއެއް ކަމަށް ބެލެވިދާނެ ހެއްޔެވެ؟ ނުވަތަ އެއީ ހަމައެކަނި ފަތުވާއަކާ ވައްތަރު ލިޔުމެއް އުފެއްދުން ހެއްޔެވެ؟ ކަނޑައެޅިގެން އިތުބާރު ހުރި ބަހުރުވައިން އޭއައި ދޭ ޖަވާބަކީ އިސްލާމީ ފިޤުހުގެ އަސާސްތަކާ ފުށުއަރާ އެއްޗަކަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
މި މުހިންމު ސުވާލުތަކަކީ މާލީގައި ހުންނަ ފްރެންޗް-އަރަބް ޔުނިވާސިޓީ އޮފް އެފްރިކާގެ ފެކަލްޓީ އޮފް އާޓްސް އެންޑް ހިއުމަނިޓީސްގެ ޑިޕާޓްމަންޓް އޮފް ޖުރިސްޕްރޫޑެންސް އެންޑް އިޓްސް ޕްރިންސިޕަލްސް އަށް ދިރާސާވެރިޔާ އުމަރު އަމަރު ހުށަހެޅި މާސްޓާސް ތީސީސްގެ މައިގަނޑު ބަހުސެވެ. “ޝަރީއާ ވިއުވިންގް އެންޑް ދަ ޗެލެންޖްސް އޮފް ހިއުމަން ރިސެޕްޝަން: އެ ކްރިޓިކަލް އެނަލިޓިކަލް ސްޓަޑީ އިން ދަ އެޖް އޮފް އާޓިފިޝަލް އިންޓެލިޖެންސް” ގެ ނަމުގައި ހުށަހެޅި މި ދިރާސާގައި ވަނީ ޒަމާނީ ޓެކްނޮލޮޖީއާއި ދީނީ ފަތުވާގެ މައްސަލަތައް ފުންކޮށް ދިރާސާކޮށްފައެވެ.
މި ދިރާސާ ބިނާވެފައިވަނީ އޭއައި އަކީ ދީނީ ދާއިރާއާ ދުރުގައި ބަހައްޓަންޖެހޭ ނުރައްކަލެއްގެ ގޮތުގައި ނުވަތަ ޢިލްމުވެރިންގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، މިއަދުގެ ހަގީގަތުގެ މައްޗަށެވެ. އެއީ މީހަކު ދީނީ ސުވާލަކަށް ޖަވާބު ހޯދުމަށް މުފްތީއަކަށް ނުވަތަ ދީނީ މުއައްސަސާއަކަށް ދިއުމުގެ ބަދަލުގައި، އޭއައި ޕްލެޓްފޯމެއްގައި ސުވާލު ލިޔެލުމުން ސިކުންތުކޮޅެއްގެ ތެރޭގައި ފުރިހަމައަށް އެކުލަވާލެވިފައިވާ ޖަވާބެއް ލިބެން އޮތް ހަގީގަތެވެ. ނަމަވެސް، ފަތުވާ ދޫކުރުމުގެ މަސައްކަތް އޭއައި އާ ހަވާލުކުރެވިދާނެތޯ އަދި ސުވާލުކުރާ މީހާގެ ހާލަތާއި ނަތީޖާތަކަށް ރިޢާޔަތްކުރާ “އިންސާނީ ފަތުވާ” އާއި ބަސްތައް އެއްކޮށްލައިގެން އުފައްދާ “އޮޓޮމެޓިކް ޖަވާބު” ގެ ފަރަގަކީ ކޮބައިތޯ މި ދިރާސާގައި ސުވާލު އުފައްދައެވެ.
އެނަލިޓިކަލް އަދި ކްރިޓިކަލް މެތަޑްތަކުގެ މައްޗަށް ބިނާކޮށް ހެދި މި ދިރާސާގައި، އޭއައި މޮޑެލްތަކަށް ޝަރުޢީ އަދި ފިޤުހީ 30 ސުވާލެއް ހުށަހަޅައި، ލިބުނު ޖަވާބުތައް އިސްލާމީ މަޞްދަރުތަކާ އަޅާކިޔާފައިވެއެވެ. މި ޓެސްޓުތަކުން ދެއްކި ގޮތުގައި އޭއައި އަށް ވާހަކަ އެކުލަވާލުމުގެ ގާބިލްކަން ލިބިފައިވީ ނަމަވެސް، ފިޤުހީ ޢިލްމު ފުރިހަމައަށް ލިބިފައެއް ނުވެއެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް މިސާލަކީ ޚުއްފުގައި (ނުވަތަ އިސްޓާކީނުގައި) ފެންފޮހުމާ ގުޅޭގޮތުން ޖީޕީޓީ-3.5 މޮޑެލްއާ ކުރި ސުވާލެކެވެ. އެ މޮޑެލް ދިން ޖަވާބުގައި ފޮހެލުމަކީ ހުއްދަ ކަމެއް ކަމަށް ބުނުމަށްފަހު، “އެންޓިބެކްޓީރިއަލް އޭޖެންޓެއް ބޭނުންކުރުމަކީ ރަނގަޅު ކަމެއް” ކަމަށާއި އަދި “އަންހެނަކު ނަމާދަށް ފަހު އިސްޓާކީނު އެއްކުރުން، ހިޖާބު ލައިގެން ހުރި ކަމުގައި ވިޔަސް ނުވިޔަސް” ހުއްދަ ކަމަށް ބުނެފައިވެއެވެ. މިއީ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ސިއްހީ އަދި އިޖުތިމާއީ ވާހަކަތަކެއް ފިޤުހީ ހުކުމުގެ ތެރެއަށް ވައްދާފައިވާ ގޮތެވެ.
ހަމައެއާއެކު، ވާރޭވެހުމުގެ ސަބަބުން ނަމާދު ޖަމާކުރުމާ ބެހޭގޮތުން ސުވާލުކުރުމުން، އާއިލީ ގާނޫނުތަކާ ގުޅޭ “ކަސްޓޯޑީ” (ދަރިން ބެލެހެއްޓުން) އަކީ ނަމާދު ޖަމާކުރަން ހުއްދަވާ ސަބަބެއްގެ ގޮތުގައި އޭއައި ބަޔާންކުރިއެވެ. މީގެއިތުރުން ބޮޑެތި މީހުންނަށް ގާތުން ކިރުދިނުމުގެ މައްސަލާގައި ޖަވާބު ދެމުން، ފިޤުހީ މިންގަނޑުތަކާ މުޅިން ޚިލާފަށް “ނިދުމާއި، ބޮސްދިނުމާއި، އަޅާލުން” ފަދަ މައްސަލައާ ނުގުޅޭ އިބާރާތްތައް ހިމަނާފައިވެއެވެ.
މި ދިރާސާއިން ފާހަގަކުރާ ގޮތުގައި، އޭއައި އިން އަބަދު ގޯސް ޖަވާބު ދެނީއެއް ނޫނެވެ. ޒަމާނީ ގިނަ މައްސަލަތަކުގައި އަވަހަށް ރަނގަޅު ޖަވާބު ދިނުމާއި، ޚިޔާލުތަފާތުވުންތައް ބަޔާންކުރުމުގެ ގާބިލުކަން އޭގައި އެބަހުއްޓެވެ. ނަމަވެސް ބޮޑު މައްސަލައަކީ، ޝަރުޢީ ފުން ޢިލްމު ނެތުމާއި، އެކި ބާވަތުގެ ޙުކުމްތައް އޮޅުންބޮޅުންވުމާއި، މަޞްދަރުތަކުގެ ބަލިކަށިކަމެވެ. އެހެންކަމުން، ސުވާލުކުރާ މީހާގެ ނިޔަތާއި ހާލަތަށް ބަލައި ފަތުވާ ދިނުމުގެ ޒިންމާދާރުކަން އޭއައި އަކަށް އަދާނުކުރެވޭނެ ކަމަށާއި، ދީނީ ކަންކަމުގައި އިތުބާރު ހުރި ފިޤުހުވެރިންގެ ލަފާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މި ދިރާސާގައި ވަނީ ނިންމާފައެވެ.

Leave a Reply