ތިޔަ ހަނދާން

ރާޔާ، ނަޝާ އަދި ފައިނާނަކީ ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި، އެކަކު އަނެކަކަށް ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބި ވަރަށް ގާތް ތިން އެކުވެރިންނެވެ. އެކަކު ދެރަވާ ދުވަހަކީ އަނެކަކުގެ ވެސް ހިތްދަތި ދުވަހެކެވެ. އުފަލާއި ހިތާމަ އެކުގައި ހިއްސާކުރަމުން ދިޔަ މި ތިން އެކުވެރިން، ހޮނިހިރު ދުވަހުގެ ހެނދުނު ބޮޑު މުނާޖާއާއެކު ހޭލައިގެން ތިބީ މޫދަށް ދިޔުމުގެ ފޮނި އިންތިޒާރުގައެވެ. މިއީ އެތައް ދުވަހަކުއްސުރެ ރާވަމުން އައި ދަތުރެކެވެ.
ނަމަވެސް، އެހެން ދުވަސްދުވަހާ ޚިލާފަށް ރާޔާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ރޭގަނޑު ރަނގަޅަށް ނުނިދި، މޭގައި އާދަޔާ ޚިލާފު ބިރުވެރިކަމެއް އުފެދިފައިވާ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ހީވަނީ ކޮންމެވެސް ގޯސް ކަމެއް ހިނގަން އުޅޭހެންނެވެ. ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން އޭނާގެ މަންމަ އަޒީޒާއާ ވާހަކަދައްކަމުން ވެސް މި އިހުސާސްތައް ހިއްސާކުރިއެވެ. “މަންމާ، އަހަރެންގެ ހިތް ވަރަށް ނުތަނަވަސްވޭ، ހީވަނީ ކޮންމެވެސް ކަމެއް ވާން އުޅޭހެން،” ރާޔާ ބުނި ހަނދާން އަޒީޒާގެ ހިތުގައި ހަރުލާފައި ހުއްޓެވެ. މަންމަ ހިތްވަރުދީ، ދުޢާކޮށްގެން ނިދަން ބުނި ނަމަވެސް އެ ނުތަނަވަސްކަން ފިލައިގެން ނުދިޔައެވެ.
ހެނދުނު ތިން އެކުވެރިން ބައްދަލުވުމާއެކު، ރާޔާ ކަންބޮޑުވެފައި އިނދެ ބުންޏެވެ. “އަހަންނަކަށް ހިޔެއްނުވޭ މިއަދު އަހަރެމެން މޫދަށް ދިޔުން އެހާ ރަނގަޅުހެން. އަހަރެންގެ ހިތް ބުނަނީ ނުދާށޭ.”
ރާޔާ މިހެން ބުނުމާއެކު، ނަޝާ ތުންއަނބުރައިލަމުން ބުނެލިއެވެ. “އޯ ކަމް އޮން! ކޮން ދުވަހެއް މި ޕްލޭން ކުރާތާ؟ ދެން މޫޑު ރަނގަޅު ކޮށްލަބަލަ. އެހެންނޫނަސް މިހާ އަވަހަށް ހޭލާފައި ދެން ކެންސަލް ކުރާކަށް ނުވާނެއެއްނު.” ފައިނާން ވެސް ނަޝާއާ އެއްބަސްވެ، ރާޔާއަށް ހިތްވަރުދީ އެންމެން އެކުގައި މޫދަށް ދިޔުމަށް ޝައުޤުވެރިކަން ފާޅުކުރިއެވެ. އެކުވެރިންގެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން، ހިތުގައި އޮތް ބިރުވެރިކަން އެއްފަރާތްކޮށްފައި ރާޔާ އެމީހުންނާއެކު ދިޔައެވެ.
ރަށުގެ ހިތްގައިމު ތުނޑިމައްޗަށް ގޮސް، ތިން ކުދިން އެކުގައި މޫދަށް އެރުނެވެ. ފުރަތަމަ ކޮޅު އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ނަމަވެސް، ކުއްލިއަކަށް އޮއިވަރު ގަދަވެ، ބޮޑު ރާޅަކާއެކު ތިން ކުދިން ފުނަށް ދަމައިގަތެވެ. ހަޅޭކުގެ އަޑާއި، ސަލާމަތަށް އެދި އަތްފައި ތަޅުވަމުން ދިޔަ މަންޒަރު ފެނުނީ އެ ވަގުތު އަތިރިމަތީގައި ދުވަން އުޅުނު މުޙައްމަދަށެވެ. މުޙައްމަދު ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް ނަޝާ އާއި ފައިނާން ސަލާމަތްކޮށް އެއްގަމަށް އެރުވިއެވެ.
އެހެން ނަމަވެސް، ރާޔާ ފެންނާކަށް ނެތެވެ. ނަޝާއާއި ފައިނާން ބިރުން ރޮއިގަންނަމުން “ރާޔާ! ރާޔާ!” ގޮވަމުން ދިޔައެވެ. ވަގުތުން ފުލުހުންނަށާއި ކޯސްޓްގާޑަށް ޚަބަރު ދެވުނެވެ. އިސާހިތަކު ފުލުހުންނާއި ސިފައިން، އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަޙައްދަށް ޖަމާވެ، ރާޔާ ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފެށިއެވެ.
މަންމަ އަޒީޒާ ދުވަމުން ކަހަލަ ގޮތަކަށް އަތިރިމައްޗަށް އައިސް، ހޭނެތޭ ވަރަށް ރުޔެވެ. “އަހަރެންގެ ދަރިފުޅު ރޭގަ ބުންޏޭ ކަމެއް ވާން އުޅޭހެން ހީވެއޭ…” އަޒީޒާގެ އަޑުގައި ވަނީ ހިތްފަޅައިގެންދާ ފަދަ ވޭނެކެވެ.
އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތަށްފަހު، ފުލުހުންނަށް ފެނުނީ މޫދު އަޑީގައި ފުރާނަ ނެތް މަސްގަނޑެއްގެ ގޮތުގައި އޮތް ރާޔާގެ ހަށިގަނޑެވެ. އެ ޚަބަރު ވެގެންދިޔައީ މުޅި ރަށަށް ވެރިވި ކަޅު އަނދިރިކަމަކަށެވެ.
ނަޝާއާއި ފައިނާންގެ ހިތް ކުދިކުދިވިއެވެ. ރާޔާ ފުރަތަމަ ދެއްކި ވާހަކަތަކާއި، “އަހަންނަކަށް ހިޔެއްނުވޭ މިއަދު އަހަރެމެން މޫދަށް ދިޔުން އެހާ ރަނގަޅުހެން” ބުނެ އާދޭސްކުރި އަޑު، އެ ދެކުދިންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެމީހުންގެ ސަބަބުން ރާޔާ މަރުވީ ކަމުގެ އިހުސާސް ކުރެވި، އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ.
ދުވަސްތައް ވޭތުވަމުން ދިޔަ ނަމަވެސް، އެ ހިތާމަވެރި ހާދިސާއާއި، ރާޔާގެ އެންމެ ފަހު ބަސްތައް، އަދި އެކުގައި ހޭދަކުރި އުފާވެރި މާޒީގެ ހަނދާންތަކަކީ ނަޝާއާއި ފައިނާންގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*