ރަސްމީ ބަޔާންތަކާއި ޖޯޝުން ފުރިގެންވާ ތަގުރީރުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މުސްތަގުބަލު ކިތަންމެ އުޖާލާކޮށް ދެއްކި ނަމަވެސް، ޓެކްނޮލޮޖީއަށް ހަމައެކަނި ޝިއާރުތަކުގެ ބަސް ނުވިސްނޭ ކަމަށާއި، ހަގީގީ ބާރުވެރިކަން ލިބެނީ އަމިއްލަ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ކޮންޓްރޯލް ކުރެވިގެން ކަމަށް ބައިނަލްއަގުވާމީ މާހިރުން ހާމަކޮށްފިއެވެ. ރަސްމީ ވާހަކަތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކާއި މޮޑެލްތަކުން ޑިޖިޓަލް ބާރުވެރިކަން ދައްކުވައިދިން ނަމަވެސް، މި ޝިއާރުތަކުގެ ފަހަތުގައި ވަނީ ކޮމްޕިއުޓިން، ޑޭޓާ ސެންޓަރު، ޗިޕްސް، ހަކަތަ، ޑޭޓާ، ކްލައުޑް އަދި އިންސާނީ ތަޖުރިބާ ހިމެނޭ ވަރަށް ކޮމްޕްލެކްސް ނިޒާމެކެވެ.
މި މުހިންމު މަޝްވަރާތައް އިސްވެގެން ދިޔައީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 އިން 10 އަށް ޓިއުނީޝިއާގެ ޔާސްމީން ހައްމާމެޓްގައި ބޭއްވުނު “އޭއައި ފޯވާޑް ސަމިޓް” ގެ ދެވަނަ އެޑިޝަންގައެވެ. ލީގް އޮފް އަރަބް ސްޓޭޓްސްގެ ބެލުމުގެ ދަށުން، އަރަބި އޯގަނައިޒޭޝަން ފޯ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އާއި ޓިއުނީޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް ގުޅިގެން ކުރިއަށް ގެންދިޔަ މި ސަމިޓުގައި 22 އަރަބި ގައުމެއްގެ މަންދޫބުން ބައިވެރިވިއެވެ. ސަމިޓް ކުރިއަށް ދިޔައީ “ޝޭޕިން ދަ ފިއުޗާ އޮފް އިންޓެލިޖެންސް: ފްރޮމް ވިޝަން ޓު ވެލިއު” ގެ ޝިއާރުގެ ދަށުންނެވެ.
މި ސަމިޓުގައި ޑިޖިޓަލް އިސްތިގުލާލުގެ (Digital Sovereignty) ބެނާ އުފުލައި، ތަސައްވުރުތައް ތަންފީޒު ކުރުމަށް ބާރުއެޅި ނަމަވެސް، ޝައުގުވެރިކަމާއި ހަގީގީ ގާބިލްކަމާ ދެމެދު އޮތް ފަރަގަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ގައުމެއްގެ އޭއައި ތައްޔާރީ މިންކުރަންވާނީ އިއުލާންކުރާ މޮޑެލްތަކާއި ދޫކުރާ ފައިސާގެ ސައިޒަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ މި ޓެކްނޮލޮޖީ ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލައަށް ހިންގުމަށް ބޭނުންވާ ސޮފްޓްވެއާ އަދި މާއްދީ ވަސީލަތްތަކަށް ބަރޯސާވާ މިންވަރުންނެވެ.
މި މަގުސަދުގައި، ސަމިޓުގެ ތެރޭގައި ވަނީ “ފިއުޗާ އިންޑެކްސް ފޯ އާޓިފިޝަލް އިންޓެލިޖެންސް” ތައާރަފްކޮށްފައެވެ. މި އިންޑެކްސްގެ ޕައިލެޓް މަރުހަލާގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، މިސްރު، އަދި ޓިއުނީޝިއާއެވެ. ތިން އަހަރުގެ ރޯޑްމެޕެއްގެ މައްޗަށް ބިނާކޮށްފައިވާ މި މަސައްކަތުގައި ތައްޔާރީ މިންކުރަނީ ހަމައެކަނި ސާވޭތަކުން ނޫން ކަމަށާއި، ހެކިތަކާއި ޑޭޓާ އަދި އަމަލީ ޓެސްޓްތަކުގެ މައްޗަށް ބަލައިގެންނެވެ.
ބައިނަލްއަގްވާމީ މާހިރު ހަމްދީ ވިދާޅުވި ގޮތުގައި، ހަގީގީ ގޮންޖެހުން އޮތީ މޮޑެލްތަކާއި، އިންފްރާސްޓްރަކްޗާ އަދި އިންސާނީ ވަސީލަތްތައް ގުޅުވައިލުމުގައެވެ. އަދި ކުރިއަރާފައިވާ މޮޑެލްއެއް އޮތުމަކީ އެ މޮޑެލް ބިނާވެފައިވާ ފުރިހަމަ ނިޒާމު އޮތުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މި އިންޑެކްސްއިން ދައްކާ ގޮތުގައި ސައުދީ، ޔޫއޭއީ އަދި ގަތަރުން މޮޑެލްތައް ތަރައްގީކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، މިސްރުން ގައުމީ މޮޑެލްތައް ބިނާކުރަން ވަނީ ފަށާފައެވެ. ނަމަވެސް ޓިއުނީޝިއާ އަދި އޮތީ ވަރަށް ކުރީކޮޅުގައެވެ. ހަމްދީ ގަބޫލުކުރައްވާ ގޮތުގައި ހުރިހާ ގައުމަކުން ސުމަކުން ފަށައިގެން ވަކިވަކި ނިޒާމުތައް ހެދުމުގެ ބަދަލުގައި، އަރަބި ގައުމުތަކުން އެކުގައި ބޭނުންކުރެވޭނެ އާންމު ގާބިލްކަމެއް ބިނާކުރުން މުހިންމެވެ.
ޓިއުނީޝިއާ މިސާލަކަށް ނަގާއިރު، އެ ގައުމުގައި އޭއައި ދާއިރާގެ ހުނަރުވެރި ޕްރޮފެޝަނަލުންނާއި ސައިންޓިފިކް ކޮމިއުނިޓީއެއް އޮތް ނަމަވެސް، ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ކޮމްޕިއުޓިން ޕަވަރ، ޑޭޓާ ސެންޓަރު، ހަކަތަ އަދި ސާފު ސްޓްރެޓެޖީއެއްގެ ދަތިކަން އެބައޮތެވެ.
މިކަމާ ގުޅޭގޮތުން، ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ) ގެ ޓެލެކޮމިއުނިކޭޝަން ސްޓޭންޑަރޑައިޒޭޝަން ބިއުރޯގެ ޑެޕިއުޓީ ޑިރެކްޓަރ އަދި ސްޓަޑީ އެންޑް ޕޮލިސީ ގްރޫޕްސް (އެސްޕީޑީ) ގެ ހެޑް ޑރ. ބިލާލް އަލްޖަމޫސީ އަލްޖަޒީރާއަށް ވިދާޅުވީ، ކޮންމެ ގައުމީ އޭއައި ސްޓްރެޓެޖީއަކަށް ވެސް އަސާސީ އިންފްރާސްޓްރަކްޗާގެ ތަނބުތައް ކޮންމެހެން ބޭނުންވާ ކަމަށެވެ. އެއީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ގައުމީ ހައްލުތައް އުފެއްދުމަށް މަގުފަހިވާނެ ސަބަބެވެ.
މީގެއިތުރުން، އައިޓީޔޫ އިން ސްޓާޓްއަޕްތަކަށާއި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އެހީތެރިވަމުން އަންނައިރު، އޭއައިގެ ގަވަރނަންސް އާއި މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި އައިޓީޔޫ އާއި އައިއެސްއޯ ގުޅިގެން 900 އަށް ވުރެ ގިނަ ޕަބްލިކޭޝަންތައް ހިމެނޭ ޑޭޓާބޭސްއެއް ގާއިމްކޮށްފައިވާ ކަމަށް އަލްޖަމޫސީ ހާމަކުރެއްވިއެވެ. އަދި ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކަށް އެހީވުމަށްޓަކައި މީގެ ދެ މަހެއްހާ ދުވަސް ކުރިން “އޭއައި ފޯ ގުޑް ލެބް” ތައާރަފްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Leave a Reply