12،000 އަށް ވުރެ ގިނަ ޑީލް… ތާރީހުގައި ވެސް އެންމެ އަގުބޮޑު ޓްރާންސްފާ ވިންޑޯ ރެކޯޑް ކޮށްފި

ފޮޓޯ އަލް ޖަޒީރާ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯ ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ހޭދަކުރި އަދި އެންމެ ގިނަ ޑީލްތައް ނިންމި ޓްރާންސްފާ މުއްދަތަށެވެ.

ފީފާއިން ބުރާސްފަތި ދުވަހު އާންމުކުރި ބައިނަލްއަގްވާމީ ޓްރާންސްފާތަކާ ބެހޭ އެންމެ ފަހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފިރިހެން ބައިނަލްއަގްވާމީ ޓްރާންސްފާ ފީތަކަށް މި ހޫނު މޫސުމުގައި ކްލަބުތަކުން ވަނީ ޖުމްލަ 9.89 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފައެވެ. މިއީ އަހަރުގެ މެދުތެރޭގެ ޓްރާންސްފާ ވިންޑޯއެއްގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ މަތީ އަދަދެވެ. މީގެއިތުރުން މުޅި ދުނިޔޭގައި ޖުމްލަ 12،500 އަށް ވުރެ ގިނަ ޓްރާންސްފާ ޑީލް ނިންމާފައިވާއިރު، މިއީ މިދިޔަ އަހަރު ރެކޯޑްކުރެވުނު 11،863 ޑީލާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ޕްރިމިއާ ލީގުގެ ޑޮމިނޭންސް

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވެސް އެންމެ ބޮޑު ހަރަދެއް ކޮށްގެން ކުރި ހޯދީ އިނގިރޭސި ކްލަބުތަކުންނެވެ. އިނގިރޭސި ކްލަބުތަކުން ބިދޭސީ ކުޅުންތެރިން ހޯދުމަށް ޓްރާންސްފާ ފީގެ ގޮތުގައި އެކަނިވެސް 3.02 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވެއެވެ. ނަމަވެސް، ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އިނގިރޭސި ކްލަބުތަކުގެ އެތެރޭގެ ޓްރާންސްފާތަކާއެކު މި އަދަދު ޕްރިމިއާ ލީގުން ކަނޑައަޅާފައިވާ 4.7 ބިލިއަން ޑޮލަރުގެ ރެކޯޑް އަދަދަށް އަރައެވެ.

ހަރަދުކުރުމުގެ ލިސްޓުގެ ދެވަނައިގައި އިޓަލީގެ ކްލަބުތައް (1.1 ބިލިއަން ޑޮލަރު) އޮތްއިރު، ތިންވަނައިގައި އޮތީ ސްޕެއިންގެ ކްލަބްތަކެވެ (940 މިލިއަން ޑޮލަރު). އަދި ހަތަރުވަނައިގައި ޖަރުމަނުގެ ކްލަބްތައް (904 މިލިއަން ޑޮލަރު) އަދި ފަސްވަނައިގައި ފްރާންސްގެ ކްލަބްތައް (641 މިލިއަން ޑޮލަރު) ހިމެނެއެވެ.

އަނެއްކޮޅުން، ކުޅުންތެރިން ވިއްކައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދީ ފްރާންސްގެ ކްލަބުތަކުންނެވެ. އެ ގައުމުގެ ކްލަބުތަކަށް 1.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، ދެވަނައިގައި އޮތް އިނގިރޭސި ކްލަބުތަކަށް ލިބުނީ 1.43 ބިލިއަން ޑޮލަރެވެ. ޖަރުމަނަށް 1.02 ބިލިއަން ޑޮލަރު، ސްޕެއިނަށް 773 މިލިއަން ޑޮލަރު، އަދި ޕޯޗުގަލްގެ ކްލަބުތަކަށް 642 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މި އަހަރުގެ ޓްރާންސްފާ ބާޒާރަށް ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާކަން ފީފާއިން ފާހަގަކުރެއެވެ. އެގޮތުން މުބާރާތާ ގުޅުން ހުރި ކުޅުންތެރިންގެ ޓްރާންސްފާގެ އަގު 3.3 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 47 ގައުމަކަށް ނިސްބަތްވާ 267 ކުޅުންތެރިން ވަނީ ކްލަބު ބަދަލުކޮށްފައެވެ.

އަންހެން ފުޓްބޯޅައިން އާ ރެކޯޑްތަކެއް

އަންހެނުންގެ ފުޓްބޯޅައިގައި ވެސް ޓްރާންސްފާގެ ގޮތުން މި ފަހަރު ވަނީ ތާރީޚީ ރެކޯޑްތަކެއް ގާއިމުކޮށްފައެވެ. ފީފާގެ ރިޕޯޓުގައިވާ ގޮތުން ޕްރޮފެޝަނަލް އަންހެން ފުޓްބޯޅައިގައި 1،406 ބައިނަލްއަގްވާމީ ޓްރާންސްފާ ހިންގާފައިވެއެވެ. މިއީ އޭގެ ކުރީގެ ރެކޯޑަށް ވުރެ 19.2 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެއިތުރުން، އަންހެން ކުޅުންތެރިންގެ ބައިނަލްއަގްވާމީ ޓްރާންސްފާ ފީއަށް ކުރި ހޭދަ ވަނީ ކުރީ އަހަރާ އަޅާބަލާއިރު ދެގުނައަށް ވުރެ އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 28.6 މިލިއަން ޑޮލަރަށް އަރާފައެވެ. މި ހިސާބުތަކުން ދައްކުވައިދެނީ ދުނިޔޭގެ ފުޓްބޯޅައިގެ ވިޔަފާރި ކުރިއަށްވުރެ ބާރަށް ފުޅާވަމުން އަންނަކަމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*