ޒުވާން ލަވަ ކިޔުންތެރިޔާ މަޒީން އާއި އެކު ވަގުތުކޮޅެއް

ކިޔާލާ.ކޮމް

ދިވެހި މިއުޒިކީ ދާއިރާގައި، ޚާއްޞަކޮށް ބޮޑުބެރުގެ ފަންނުގައި ފާހަގަކޮށްލެވޭ ހުނަރުވެރި، ޒުވާން ލަވަކިޔުންތެރިޔާ މަޒީނަކީ މިއަދު ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ހުނަރުވެރިކަމާއި، މިއުޒިކީ ދަތުރުގެ ތަޖުރިބާތަކާ ގުޅޭގޮތުން “ކިޔާލާ.ކޮމް” އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މަޒީން ވަނީ އޭނާގެ ހަޔާތުގެ މުހިންމު ވާހަކަތަކެއް ހިއްސާކޮށްފައެވެ.

މަޒީން، ލަވަކިޔުމާއި މިއުޒިކަކީ ތިމާ ޙަޤީޤަތުގައިވެސް ކުރިއަށްދާން ބޭނުންވާ ދާއިރާކަން އެންމެ ފުރަތަމަ އިޙްސާސް ކުރެވުނީ ކޮން އިރަކު؟

މަޒީން ބުނީ، މިއުޒިކީ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުޤުވެރިކަން އެންމެ ފުރަތަމަ އުފެދުނީ ސްކޫލް ދައުރުގައި ކަމަށެވެ. އެގޮތުން ސްކޫލްގައި އުޅުނުއިރު ބޭއްވުނު އެކިއެކި ރައިވަރާއި މަދަހަ މުބާރާތްތަކުގައި ބައިވެރިވެ، އެ މުބާރާތްތަކުން ލިބުނު ކާމިޔާބީތަކާއި ކުރިއެރުންތަކަކީ މި ދާއިރާއަށް ލޯހުޅުވިގެންދިޔަ މައިގަނޑު ސަބަބެވެ. މީގެއިތުރުން، އޭނާގެ ހުށަހެޅުންތައް އަޑުއެހި ގިނަ ފަރާތްތަކެއްގެ ފަރާތުން ލިބުނު ހިތްވަރުދޭ ރަނގަޅު ކޮމެންޓްތަކުގެ ސަބަބުން، މިއީ ހަޤީޤަތުގައިވެސް އަމިއްލަ ނަފްސު ކުރިއަށްގެންދަން އެންމެ އެކަށީގެންވާ ދާއިރާކަން އިޙްސާސްކުރެވުނު ކަމަށް މަޒީން ފާހަގަކުރިއެވެ.

ސުވާލު: ޒުވާން ބޮޑުބެރު ލަވަކިޔުންތެރިއެއްގެ ގޮތުން، ބޮޑުބެރަކީ އަމިއްލަ ގޮތުން ބަލާއިރު ކިހާ މުހިންމު އެއްޗެއް؟ އަދި ބޮޑުބެރަށް މިހާ ބޮޑަށް ލޯބިޖެހުނީ ކީއްވެގެން؟

ބޮޑުބެރާ ގުޅޭގޮތުން ވާހަކަދައްކަމުން މަޒީން ބުނީ، ބޮޑުބެރަކީ ދިވެހިރާއްޖެއަށް ނުހަނު މުހިންމު، ދިވެހިންގެ އަސްލުވަންތަކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ މުހިންމު ސަޤާފީ ތަރިކައެއް ކަމަށެވެ. ބޮޑުބެރަށް ލޯބިޖެހުނު ގޮތް ކިޔައިދެމުން މަޒީން ބުނީ، އެ ލޯބި ފެށިގެން އައީ 2011 ވަނަ އަހަރު އޭނާ ގްރޭޑް 2 ގައި ކިޔަވަމުން ދިޔަ ދުވަސްވަރު ކަމަށެވެ. އެއީ އޭރު ރަށުގައި އޮތް “ޒިފިއަސް” (Xiphius) ބޮޑުބެރު ގްރޫޕަށް ނަށަން މަންމަ އޭނާ ވެއްދި ހިސާބުންނެވެ. އެ ތަޖުރިބާއަކީ ބޮޑުބެރުގެ ފަންނަށް އޭނާގެ ހިތުގައި ޚާއްޞަ ލޯތްބެއް އުފެދިގެންދިޔަ މައިގަނޑު ބިންގަލެވެ.

ސުވާލު: މިހާރު ރާއްޖޭގައި ތިޔަ ޕާފޯމް ކުރަމުންދާ ދިއުމުގައި މި ތަޖުރިބާ ކިހިނެއް؟ އަދި މިހާތަނަށް އެންމެ ހަނދާނުން ނުފިލާ ވަގުތަކީ ކޮބައިތޯ؟

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާފޯމް ކުރަމުންދާއިރު ލިބޭ ތަޖުރިބާއާ ގުޅޭގޮތުން މަޒީން ބުނީ، ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑުބެރަށް ވަރަށް ބޮޑު ތަރުޙީބަކާއި ސަޕޯޓެއް ލިބެމުންދާ ކަމަށެވެ. އަދި މިކަމުން ހާމަވަނީ ދިވެހިންގެ ހިތްތަކުގައި އަދިވެސް ބޮޑުބެރަށް އޮތް ފުން ލޯތްބެވެ. މިހާތަނަށް އޭނާގެ މިއުޒިކީ ހަޔާތުގައި އެންމެ ހަނދާނުން ނުފިލާ ވަގުތަކީ “ބިދަބިން” ގްރޫޕުގައި އުޅުނުއިރު، އެއް ދުވަހެއްގެ ތެރޭގައި 4 ޝޯ ކުޅެން ޖެހުނު ދުވަސް ކަމަށް މަޒީން ބުންޏެވެ. އެއީ ހެނދުނު އެއް ޝޯ، ހަވީރު އެއް ޝޯ އަދި ރޭގަނޑު ކުޅުނު ދެ ޝޯއެވެ. މިއީ ވަރުބަލި ނަމަވެސް، ފަންނާނެއްގެ ގޮތުން ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަޚުރުވެރި ތަޖުރިބާއެކެވެ.
ސުވާލު: މަޒީނަށް އެންމެ ބޮޑު އިންސްޕިރޭޝަނެއް (ހިތްވަރެއް) ދެނީ ކޮން ލަވަކިޔުންތެރިންނެއް ނުވަތަ މިއުޒީޝަނުންނެއް؟ އަދި ދުވަހަކު އެކުގައި މަސައްކަތް ކޮށްލަން އެންމެ ބޭނުންވާ ފަންނާނަކީ ކޮބައިތޯ؟

މި ދާއިރާއިން މަޒީނަށް އެންމެ ބޮޑު ހިތްވަރަކާއި އިންސްޕިރޭޝަނެއް ލިބެނީ ދިވެހި މިއުޒިކީ ދާއިރާގެ މަޝްހޫރު ލެޖެންޑުން ކަމުގައިވާ ޢަލީ ރަމީޒު، ކުޑަ އިއްބެ އަދި ތޭރާގެ ފަރާތުންނެވެ. އެ ފަންނާނުންގެ ހުނަރުވެރިކަމާއި ލަވަތަކަކީ މަޒީންގެ މިއުޒިކީ ދަތުރުގައި އަބަދުވެސް ނަމޫނާއެއްގެ ގޮތުގައި ދެކޭ ކަންކަމެވެ. އަދި ދުވަހަކު ނަމަވެސް އެކުގައި މަސައްކަތް ކޮށްލަން އެންމެ ބޮޑަށް ބޭނުންވާ އަދި އުންމީދުކުރާ ފަންނާނަކީ “ތޭރާ” ކަމުގައި މަޒީން ފާހަގަކުރިއެވެ.
ސުވާލު 5: ލަވަކިޔުންތެރިއަކަށް ނުވަތަ މިއުޒީޝަނަކަށް ވާން ހުވަފެން ދެކޭ ޒުވާން ޖީލަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟

މި ސުވާލުގެ ޖަވާބުގައި މަޒީން ބުނީ، ކޮންމެ މީހަކުވެސް ދެކޭ ހުވަފެނަކީ އޭގައި ހަގީގީ ކުލަ ޖެއްސިދާނެ އެއްޗެއް ކަމަށެވެ. ނަމަވެސް ބައެއް ކުދިން ވަކި ހިސާބަކުން އުންމީދު ކަނޑާލައި، މަސައްކަތް ހުއްޓާލާ (ގިވްއަޕް ކުރާ) ތަން ފެންނަކަމީ ހިތާމަކުރާ ކަމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ. ކާމިޔާބީއާ ހަމައަށް ދެވެނީ ހިތްވަރާއެކު ސާބިތުވެ ތިތިބެގެންނެވެ.

ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން މަޒީން ބުނީ، ފުރުސަތަކީ ހޯދަން އަމިއްލައަށް މަސައްކަތް ކޮށްފިނަމަ ލިބޭނެ އެއްޗެއް ކަމަށެވެ. ވަކި މީހެއްގެ ފަރާތުން ފުރުސަތެއް ނުލިބުނު ކަމުގައި ވިޔަސް، މިއަދުގެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި (ޔޫޓިއުބް، ޓިކްޓޮކް، އިންސްޓަގްރާމް ފަދަ) ވީޑިއޯތައް ޕޯސްޓްކޮށްގެން އަމިއްލަ ހުނަރު ދައްކާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިގޮތަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތްކޮށް، ގިނަ ފުރުސަތުތަކެއް ހޯދަމުންދާ ކުދިން މިހާރުވެސް ވަރަށް ގިނަކަން މަޒީން ފާހަގަކުރިއެވެ.

އަދި މި ދާއިރާގައި ގިނަ ފުރުސަތުތައް ލިބޭ ދުވަސްވަރާއި، އެއްވެސް ފުރުސަތެއް ނުލިބި ދާ ދުވަސްތައްވެސް އަންނާނެއެވެ. އެހެންކަމުން، ރަނގަޅު ރަން ފުރުސަތެއް ލިބޭ ވަގުތު އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށާއި، އެ ފުރުސަތު ދޫކޮށްނުލުމަށް މަޒީން އިލްތިމާސްކުރިއެވެ. އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ މުސްތަގުބަލުގައި މި ދާއިރާއިން ކުރިއަރައިގެން ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

މަޒީންގެ މި ވާހަކަތަކުން އެނގިގެންދަނީ، ކާމިޔާބީގެ އަސްލަކީ ކެނޑިނޭޅި ކުރާ މަސައްކަތާއި، ހިތްވަރު އެލުވާނުލައި ފުރުސަތުގެ ބޭނުން ހިފުން ކަމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*