ދިވެހި ފިލްމީ އިންޑަސްޓްރީއަށް އަލަށް ތައާރަފުވަމުން އަންނަ ޒުވާން ހުނަރުވެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ އެކަކީ އަމަން އެވެ. މިއީ އަދި ކިރިޔާ މި ދާއިރާއަށް ފިޔަވަޅު އަޅަން ފަށައިގަތް ޒުވާން އެކްޓަރެއް ކަމުގައި ވިޔަސް، އޭނާގެ ހިތުގައި މި ދާއިރާއާ މެދު އޮތް ތަސައްވުރާއި ދެކޭ ހުވަފެންތައް ވަރަށް ވެސް ބޮޑެވެ. މިގޮތުން، އޭނާގެ އެކްޓިން ދަތުރާއި، އެންމެ ގަޔާވާ ތަރިން އަދި ކުރިމަގުގައި ކުޅެން އުންމީދުކުރާ ރޯލުތަކާ ގުޅޭގޮތުން އަމަން ވަނީ ‘ކިޔާލާ ޑޮޓްކޮމް’ އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަ ދައްކާފައެވެ.
އެކްޓިންގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނު ގޮތާ ބެހޭގޮތުން ސުވާލުކުރުމުން އަމަން ބުނީ، އަސްލު ކުރަން ހިތައް އެރި ކަމެއްނޫން އަމިއްލަ އަށް އެކްޓް ކުރުމަކީ . އެހެންނަމަވެސް އެހެން މީހުން ލައްވާ އެކްޓް ކުރުވާގެން ފިލްމް އެއްޗިސް ހަދާ ހިތްވޭ އަަބަދުވެސް.
ފިލްމީ ދާއިރާގައި އެންމެ ގަޔާވާ އެކްޓަރުންނާއި ބަތަލާއިންނަކީ ކޮބައިތޯ އެހުމުން އަމަން ފާހަގަކުރީ ރާއްޖޭގެ ފުންނާބުއުސް ގިނަ ތަރިންތަކެކެވެ. އެގޮތުން އައްޒަ، ޝިފާ، ނިއުމާ، ވާޝިޔާ، އާޝާ، ޔޫޕޭ، ޝާރިފް، ޝަރަފް އަދި މަނިކުގެ އިތުރުން އަނަންދު އަދި ނިމްސް އަކީ އޭނާގެ ހިތުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ ފަންނާނުން ކަމުގައި އަމަން ބުންޏެވެ.
ކުޅެން އެންމެ ލޯބިކުރާ ރޯލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަމަން ބުނީ، އޭނާ އެންމެ ބޮޑަށް ބޭނުންވަނީ ވަރަށް އަސަރުގަދަ އަދި ޖަޒުބާތީ ރުއިމުގެ މަންޒަރުތައް އެކުލެވޭ ރޯލެއް އަދާކުރުމަށެވެ. އަދި މީގެ ކުރިން އޭނާގެ ފަރާތުން ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ތަފާތު ރޯލެއް ތަޖުރިބާކޮށްލުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ. މީގެއިތުރުން، ސްކްރީން ހިއްސާކުރަން އެންމެ ބޭނުންވާ ތަރިންނަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން އަމަން ބުނީ އިޝްފާން، ނިއުމާ އަދި ރިޝްމީ ފަދަ ކުޅަދާނަ ފަންނާނުންނާއެކު އެކްޓް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ ނުހަނު އުފާވާނެ ކަމެއް ކަމަށެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އަމަން އަކީ ފިލްމީ ދާއިރާއަށް އަލަށް ވަން ނަމަވެސް ބޮޑެތި އަމާޒުތަކަކާއި ހުވަފެންތަކެއް އޮތް ޒުވާނެކެވެ. އޭނާގެ އުންމީދަކީ އަމިއްލަ ފިލްމެއް އުފައްދައި، ކުޅަދާނަ ތަރިންނާއެކު މަސައްކަތްކޮށް، ދިވެހި ސިނަމާގައި އޭނާގެ ނަން ވިދާލުމެވެ.
މިއީ ކިޔާލާ.ކޮމް ގެ ފަރާތުން އައިޝަތު ލުއުލުއާ ކޮއްފައިވާ އިންޓަވިއުއެކެވެ.

Leave a Reply