ދިވެހިރާއްޖޭގެ ކުޑަ މުޖުތަމައަކީ އަބަދުވެސް މަދަހަ ކިޔުމަށާއި މަދަހަ އަޑުއެހުމަށް ޚާއްސަ ލޯތްބެއް އޮންނަ މުޖުތަމައެކެވެ. މާތް ﷲ އަށް ހަމްދާއި ސަނާ ދެންނެވުމަށާއި، ކީރިތި ރަސޫލާއަށް ސަލަވާތް ކިޔުމުގައި ދިވެހިން އަބަދުވެސް ތިބެނީ ފުން އަސަރުތަކަކާ އެކުގައެވެ. މިގޮތުން، މިފަހަރު “ކިޔާލާ.ކޮމް” ގެ “މީހުން” ސެގްމެންޓުން މި ގެނެސްދެނީ، އޭނާގެ ފުރިހަމަ އަޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ހުނަރުވެރި ފަންނާނު އައުފް ހުސެންގެ ވާހަކައެވެ.
މަދަހަ ކިޔުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ގޮތާ ގުޅޭގޮތުން “ކިޔާލާ.ކޮމް” އިން ކުރި ސުވާލަށް ހިނިތުންވެލަމުން އައުފް ބުނީ، މަދަހަ ކިޔުމަކީ އޭނާގެ އާއިލާގެ ތެރޭގައި ވެސް އޮތް ހުނަރެއް ކަމަށެވެ. އެގޮތުން އައުފްގެ މާމައަކީ ވަރަށް ރީތިކޮށް މަދަހަ ވިދާޅުވާ ކަނބަލެއް އޭނާ ފާހަގަކުރިއެވެ.
މަދަހަ އިޚްތިޔާރު ކުރުމުގައި ބަލަނީ ކޮން ކަންކަމަކަށްތޯ އެހުމުން އައުފް ބުނީ، “މަދަހައެއް އިޚްތިޔާރު ކުރާއިރު އަޅުގަނޑު ވަރަށް ބޮޑަށް ބަލަން އެ މަދަހައަކީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ހަމްދާއި ސަނާ އަދި ސަލަވާތް ކިޔާ މަދަހަތަކަށް ވޭތޯ. އަދި ނަސޭހަތުގެ މަދަހަތައް ހިމެނުމަށް ވަރަށް ބޮޑަށް އިސްކަންދެން. އެއީ ގިނަ ބަޔަކަށް ނަސޭހަތްތެރިވެ، މީސްތަކުން ތެދުމަގަށް ރުޖޫޢަވުމަށް ބާރަކަށް ވުމަށްޓަކައި،” ކަމަށެވެ.
މަދަހަ ކިޔުމުގެ ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ނަސޭހަތް ދެމުން އައުފް ބުނީ، މަދަހަ ކިޔާއިރު އެ މަދަހައެއްގެ ޅެމުގައި ބުނެދޭ ވާހަކަތަކާއި އޭގެ މާނައަށް ވަރަށް ބޮޑަށް ވިސްނަންވާނެ ކަމަށެވެ. އަދި ގިނައިން މަދަހަ ކިޔައި، މި ދާއިރާގެ ތަޖުރިބާކާރު މީހުންގެ ލަފައާއި އިރުޝާދު ހޯދުމަކީ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ވާހަކަ ނިންމާލަމުން، އައުފް ބުނީ، “އަޅުގަނޑު މި ފަންނުގައި މި ހިސާބަށް އާދެވުނީތީ ﷲ ޝުކުރުކުރަން އަދި އެޔާ އެކު އައުފް ހުސެން ގެ ލޮބުވެތި މަންމަ އާއި ބައްޕަ އަޅުގަނޑަށް އަބަދު ވެސް ދެމުން ދިޔަ ހިތްވަރާއި ކޮއްދެއްވި ބުރަ މަސައްކަތަށް ޝުކުރު އާދާ ކުރަމެއެވެ . އަދި އަޅުގަނޑު ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާއި އަންހެނުންނަށް ޝުކުރު އަދާ ކުރަމެއެވެ . ހާއްސަ ގޮތެއްގައި އިބްރާހިމް ޝާހިދް އަަޅުގަނޑުގެ ފަހުގެ ތާރީޙް އެއްގައި މަދަހަ ކިޔުމުގެ ފަންނުން ކުރިޔަށް ދިޔުމަށް ދެއްވި އެޙީތެރި ކަމަށް ޝުކުރު އަދާ ކުރަމެއެވެ . ޖުމްލަ ގޮތެއްގައި ވަކި ވަކި ނަން ފާހަގަ ނުކުރެވި ތިއްބެވި ހުރިހާ ފަރާތް ތަކަށް ޝުކުރު އަދާ ކުރަމެއެވެ . އޭނާގެ މަދަހަތަކަށް ލޯބިކުރާ އެންމެހައި ފޭނުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާ ކުރަމެއެވެ ” މިހެންނެވެ

Leave a Reply