ޣައްޒާއަށް ދޭ އެހީއާ ގުޅޭގޮތުން އިސްރާއީލުން ދައްކާ ވާހަކަތައް ގަތަރުގެ ބޮޑުވަޒީރު ދޮގުކުރައްވައިފި

ޣައްޒާއަށް ދޭ އިންސާނީ އެހީތަކާ ގުޅުވައިގެން ޒަޔަނިސްޓު އިސްރާއީލުން ފަތުރަމުންދާ ދޮގު ވާހަކަތަކާއި ކުރާ ތުހުމަތުތައް ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ ހަރުކަށި އިބާރާތުން ދޮގުކުރައްވައިފިއެވެ.

ސީއެންއެންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، ހަމާސްއަށް ފައިސާ ފޯރުކޮށްދޭ ކަމަށް ބުނެ އިސްރާއީލުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ގަތަރުން އެއްގޮތަކަށްވެސް ބަލައިނުގަންނަ ދޮގު ދައުވާތަކެއް ކަމަށެވެ. އެމަނިކުފާނު ސާފުކޮށްދެއްވި ގޮތުގައި ގަތަރުގެ އެހީ އަބަދުވެސް އަމާޒުކޮށްފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ ޣައްޒާގެ އިންޖީނުގެ ހިންގުމަށް ބޭނުންވާ ގޭސް ގަތުމަށާއި، އިސްރާއީލުން ފާސްކޮށްފައިވާ ލިސްޓެއްގެ ދަށުން ހާލުގައި ޖެހިފައިވާ ނިކަމެތި އާއިލާތަކަށް ފައިސާގެ އެހީ ދިނުމަށެވެ. މީގެއިތުރުން، ސިވިލް ސާވަންޓުންގެ މުސާރަ ވެސް ދެމުން ގެންދިޔައީ އިސްރާއީލުގެ ސަލާމަތީ ހިދުމަތްތަކުން ފުރިހަމައަށް ބަލައި ޗެކުކޮށް ފާސްކޮށްފައިވާ ލިސްޓުތަކަށް ބަލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންޓަވިއުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝައިޚް މުހައްމަދު ވިދާޅުވީ، ނަތަންޔާހޫ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށާއި އަސީރުން މިނިވަންކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ އެތެރޭގެ އިންތިޚާބީ އަދި ސިޔާސީ ހަމަނުޖެހުންތަކުގައި ގަތަރު “ކަތިލާ ބަކަރިއެއްގެ” ގޮތުގައި ބޭނުންކުރަން ނަތަންޔާހޫ މަސައްކަތް ކުރައްވާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ޣައްޒާގެ ބިންމަތީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، އިސްރާއީލުން މިހާރު ޣައްޒާގެ ބިމުގެ 70 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިސޯރުކޮށްފައިވާ ކަމަށާއި، އެމީހުން ޝަރުމް އެލް-ޝެއިޚް އެއްބަސްވުމުގައި ވެފައިވާ ވައުދުތަކާ ޚިލާފުވަމުންދާ ކަމަށެވެ.

މީގެއިތުރުން، ސަރަހައްދީ ހަމަޖެހުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝައިޚް މުހައްމަދު ހާމަކުރެއްވި ގޮތުގައި، އެމެރިކާގެ ވޮޝިންޓަނާއި އީރާނުގެ ތެހެރާނާ ދެމެދު ގަތަރު މެދުވެރިވެގެން ބުރާސްފަތި ދުވަހު ނުސީދާ މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށާއި، މި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ

Be the first to comment

Leave a Reply

Your email address will not be published.


*