އިންވެސްޓްމަންޓްތައް ނުހުއްޓުވައި އޭއައި ރެގިއުލޭޓް ކުރުމުގެ ގޮންޖެހުން: މާހިރުންގެ ކަންބޮޑުވުން ސައިބަރ ސެކިއުރިޓީއާއި ބަރޯސާވުމުގެ ނުރައްކަލަށް

ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށާއި ޓެކްނޮލޮޖީގެ ދާއިރާއަށް އަންނަ އިންވެސްޓްމަންޓްތަކަށް ހުރަސްނޭޅޭނޭހެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރެވިދާނެތޯ މިއީ މިއަދު ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ބަހުސެއް އުފެދިފައިވާ މުހިންމު ސުވާލެކެވެ.

ޓެކްނޮލޮޖީގެ ދާއިރާގެ މާހިރު މުހައްމަދު އަލް ސުވައިސީ ވިދާޅުވާ ގޮތުގައި، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ނުރައްކާތަކުގެ އެންމެ ކުރީގައި އޮތީ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ގޮންޖެހުންތަކެވެ. އަދި އެއް ދާއިރާއެއް އަނެއް ދާއިރާއަކާ ގުޅިލާމެހިފައިވާ މިންވަރު ބޮޑުވުމަކީ މި ނުރައްކާ އެތައް ގުނައަކަށް އިތުރުކޮށްދޭ ކަމެކެވެ.

މިކަމާ ގުޅޭގޮތުން އަލްޖަޒީރާ ނެޓަށް މައުލޫމާތު ދެއްވަމުން އަލް ސުވައިސީ ވިދާޅުވީ، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ކުދި އަދި ބޮޑެތި ވިޔަފާރިތައް އެއް ވިއުގައަކުން ގުޅިފައިވުމުން ނުރައްކާތައް އިންތިހާއަށް ނާޒުކުވެގެންދާ ކަމަށެވެ. އެގޮތުން، ފުޅާ ބާރުތަކެއް ލިބިފައިވާ އޭއައި ނިޒާމަކުން ދިމާވާ ކުޑަ ޚިލާފެއް ނުވަތަ ހީވެސް ނުކުރާ ފަދަ އަމަލެއްގެ ސަބަބުން، އެއާ ގުޅިފައިވާ އެހެން ހުރިހާ މުއައްސަސާތަކަކަށް އޭގެ ނޭދެވޭ އަސަރު ފޯރައިގެން ހިނގައިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މިއީ ހަމައެކަނި ސެކިއުރިޓީއާ ގުޅުންހުރި މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން އަލް ސުވައިސީ ވިދާޅުވީ، އެކި ގައުމުތަކުގެ އިގްތިސާދުތަކަށާއި ކުންފުނިތަކަށް މި އައު ޓެކްނޮލޮޖީ ބަލައިގަނެ، އެއަށް ހޭނުމުގެ ގާބިލްކަން ހުރި މިންވަރަކީވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ހަމައެއާއެކު، އޭއައި މޮޑެލްތަކާއި ކްލައުޑް ކޮމްޕިއުޓިންގެ ޚިދުމަތް ފޯރުކޮށްދޭ މަދު އަދަދެއްގެ ކުންފުނިތަކަށް މުޅި ދުނިޔެ ފުޅާދާއިރާއެއްގައި ބަރޯސާވާން ޖެހުމަކީ، ޓެކްނޮލޮޖީގެ ގޮތުން އެ ފަރާތްތަކުގެ މައްޗަށް މާބޮޑަށް ބަރޯސާވާންޖެހޭ (ޓެކްނޮލޮޖިކަލް ޑިޕެންޑެންސީ) ޙާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

އެހެންކަމުން، މި ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓްތަކަށް ހުރަސްނޭޅޭނެ ގޮތަށް ރައްކާތެރި ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމަކީ ދުނިޔޭގެ އިގްތިސާދީ އަދި ޑިޖިޓަލް ސަލާމަތަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*