މަގުބޫލު ނޫސްވެރިޔާ އަދި އެކްޓިން ދާއިރާގައި ފިޔަޖަހަމުން އަންނަ ހުނަރުވެރި ތަރި އައިޝަތު ލައިޝާ ލަތީފް (ލައި)، އޭނާގެ ނޫސްވެރިކަމުގެ ކެރިއަރާއި ފިލްމީ ދާއިރާގެ ތަޖުރިބާތަކާ ބެހޭގޮތުން “ކިޔަލާ.ކޮމް” އަށް ޚާއްސަ އިންޓަވިއުއެއް ދީފިއެވެ.
މި އިންޓަވިއުގައި ވާހަކަދައްކަމުން ލައި ބުނީ، ނޫސްވެރިކަމަކީ ވެސް އެކްޓިންއާ ވަރަށް ބޮޑަށް ގުޅިފައިވާ، އޭގެ ބާވަތެއް ކަމަށެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، އެސްއެސް ޓީވީގެ ޖާނަލިސްޓެއް، ޕްރެޒެންޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް އެކްޓިންގެ ދާއިރާއަށް ނުކުތުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އޭނާ ފާހަގަކުރިއެވެ.
ފިލްމީ ދާއިރާއަށް ލައި ތައާރަފްވެގެން ދިޔައީ މަގުބޫލު ސީރީޒް “ރައިހާ” އިންނެވެ. އެއީ އަބަދުވެސް ކުރަން ބޭނުންވެފައި ހުރި ކަމަކަށް ވާތީ ލިބުނު ފުރުސަތުގެ ބޭނުން ހިފީ ކަމަށާއި، އޭގެ ފަހުން “އިމްތިހާން” އަދި “އިލްޒާމް” ފަދަ ޕްރޮޖެކްޓްތަކުން ވެސް އޭނާއަށް ފުރުސަތުތައް ފަހިވެގެން ދިޔަ ކަމަށް ލައި ބުންޏެވެ. މި މަސައްކަތްތަކުގެ ތެރެއިން އޭނާ ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައި، އެކްޓިންގެ ރޮނގުން އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ.
އޭނާގެ “ޑްރީމް ރޯލް” ނުވަތަ ދެން އެންމެ ކުޅެން ބޭނުންވާ ރޯލާ ބެހޭގޮތުން ވާހަކަދައްކަމުން ލައި ބުނީ، މިހާތަނަށް ގިނައިން ކުޅެވިފައި ހުރީ ވަރަށް އިމޯޝަނަލް ނުވަތަ ރުޅިގަދަ ތަފާތު ކެރެކްޓާތައް ކަމަށެވެ. ނަމަވެސް، އަދި މިހާތަނަށް އޭނާގެ ހުނަރު ދައްކާނުލެވި އޮތީ ބިރުވެރި ރޯލަކުން ކަމަށްވާތީ، މިހާރު އެންމެ ބޮޑަށް ކުޅެން ބޭނުންވަނީ ބިރުވެރި ފިލްމެއްގެ ރޯލެއް ކަމަށް އޭނާ ހާމަކުރިއެވެ.
ލައި އަަށް ދާއިރާއިން ކުރިމަތިލާންޖެހޭ އެންމެ ބޮޑު ޗެލެންޖަކީ ކޮބައިތޯ ސުވާލުކުރުމުން ލައި ބުނެފައިވަނީ. ދާއިރާގައި އުޅޭ އިރު ބުރުގާ އަޅާފައި ހުންނާތީ ވަރަށް ބޮޑު ޗެލެންޖަކަށް ވާކަމަށް. އެހެންނަމަވެސް ލައިދެކޭ ގޮތުގައި ބުރުގާ އަޅާފައި ތިބޭ ކުދިންނަށް ވެސް ވަރަށް ބޮޑަށް ދާއިރާއިން ކުރިއަށްދެވޭނެ ރާޖޭން ބޭރުގައިވެސް ބުރުގާ އަޅާފައި ތިބޭ ކުދިން ވަރަށް ބޮޑެތި ރޯލް ކުޅެފައި ހުރޭ އެހެންވީމަ ރާޖޭގަވެސް އެ ޗާންސް ދީފިއްޔާ ކުރިއަށް ދެވޭނެ ކަމައް ލައި ބުނެފައިވެ އެވެ.
އިންޓަވިއު ކުރުމާއި އެކްޓް ކުރުމުގެ ތެރެއިން އެންމެ އުނދަގުލީ ކޮން ކަމެއްތޯ އެހުމުން ލައި ބުނީ، ޕްރޮފެޝަނަލްކޮށް ކުރާ ކޮންމެ ކަމަކީ ވެސް އޭގެ ޒާތުގައި ގޮންޖެހުންތަކެއް އެކުލެވިގެންވާ ކަންކަން ކަމަށެވެ. ނަމަވެސް، ކުރާ މަސައްކަތަށް އޮންނަ ޝައުގުވެރިކަމާއި ލޯތްބެއްގެ ސަބަބުން، ދެ ދާއިރާގައި ވެސް ކުރިއަށް ދިއުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ޚުލާސާކޮށް ބަލާއިރު، އައިޝަތު ލައިޝާ ލަތީފަކީ ނޫސްވެރިކަމުގެ ޒިންމާދާރު ދާއިރާއިން ފެށިގެން އެކްޓިންގެ ފަންނީ ދުނިޔެއާ ހަމައަށް ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރަމުން އަންނަ ހުނަރުވެރި، އުންމީދީ ޒުވާނެކެވެ. އޭނާގެ މި ދަތުރަކީ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމާއި ހުނަރުގެ ފުރިހަމަ މިސާލެކެވެ.
މިއީ ކިޔާ.ކޮމް ގެ ފަރާތުން އައިޝަތު ލުއުލުއާ ކޮއްފައިވާ އިންޓަވިއުއެކެވެ.

Leave a Reply