ޒެވިއެން 2

ލަޔަކް އަދި އިޔާން ނިންމީ އެމީހުންގެ ލޯބިވާ ދަރިފުޅު ޒެވިއެން ގޮވައިގެން ލަޔަކްމެންގެ ރަށަށް ދުވަސްކޮޅަކަށް ޗުއްޓީ ހޭދަކޮށްލަން ދިއުމަށެވެ. އެއީ ގާތްތިމާގެ މީހުންނާ ބައްދަލުކޮށް، އާއިލީ ގުޅުން ބަދަހިކޮށްލުމުގެ މާތް މަގުސަދުގައެވެ.
ކަނޑު ދަތުރުގެ ވަރުބަލިކަމަށްފަހު ރަށަށް އެރުމާއެކު، ބަނދަރު މަތިން އެމީހުންނަށް މަރުހަބާ ކީ ލަޔަކް މީގެ ކުރިން ދުވަހަކުވެސް ނުދެކޭ، ނުދަންނަ އަންހެނެކެވެ. އެ އަންހެން މީހާ ފެނުމުން، ލަޔަކްގެ ބޮޑުދައިތަ ޒުހައިނާ ބުނީ އެއީ ދުރުތާ ތިމާގެ މީހެއް ކަމަށެވެ.
ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް، މަޑުމަޑުން އެ އަންހެން މީހާ ލަޔަކްމެން ތިބޭ ގެއަށް އަންނަން ފެށިއެވެ. އޭނާގެ ނަމަކީ ސަމާހާއެވެ. ސަމާހާގެ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހުރެއެވެ. ދުވަސްކޮޅެއްގެ ތެރޭގައި ލަޔަކްއާއި ސަމާހާގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔައެވެ. ސަމާހާގެ ފިރިމީހާއަކީ މަހަށްދާ މީހަކަށް ވާތީ، އޭރުވެސް އޭނާ ވީ މަހަށް ގޮހެވެ. އެހެންކަމުން ސަމާހާ ގިނަ ވަގުތު ހޭދަކުރަނީ ލަޔަކްމެންގެ ގޭގައެވެ.
ލަޔަކް ކޮޓަރި ތެރޭގައި މަސައްކަތުގައި އުޅޭ ވަގުތުތަކުގައި، ސިޓިންގރޫމުގައި ކުޑަކުޑަ ޒެވިއެން ގޮވައިގެން ލޯތްބާއެކު އުޅެނީ ސަމާހާއެވެ. ސަމާހާ އުޅެމުން ދިޔައީ ނުހަނު ހިތްހެޔޮ، އޯގާތެރި މިޒާޖެއްގައެވެ. ލަޔަކްވެސް ސަމާހާގެ ދަރިފުޅު އަޒިއެލް ދެކެ ނުހަނު ލޯބިވެ، އަމިއްލަ ދަރިއެއް ފަދައިން ގާތްކޮށް ހިތައެވެ. ހަމައެއާއެކު، އިޔާންއަކީވެސް މީހުންނާ ގާތް ގުޅުމެއް ބާއްވާ ހިތްހެޔޮ މިޒާޖެއްގެ ޒުވާނެކެވެ.
ނަމަވެސް، އެއްދުވަހަކު ލަޔަކްގެ ވަރަށް ދުވަސްވީ ގާތް އެކުވެރިއެއް ކަމަށްވާ ނިޝްފާއަށް މި މަންޒަރު ފެނުނެވެ. ނިޝްފާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ. ސަމާހާ ކުޑަކޮށް ދުރަށް ޖެހިލި ވަގުތު ބަލާފައި، ނިޝްފާ ސިއްރުސިއްރުން ލަޔަކްގެ ގާތަށް ޖެހިލިއެވެ.
“ސަމާހާއާ ތިހާ ގާތްކޮށް ނޫޅޭތި! ފަހުން ދެރަވާން ޖެހިދާނެ…” ނިޝްފާ ސީރިއަސް ރާގެއްގައި ބުނެލިއެވެ.
ނިޝްފާ އެހެން ބުނިތަނާހެން އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ކުއްލި ކޯލެއް އައުމާ ގުޅިގެން، އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުލިބި، އަވަސް އަވަހަށް އެގެއިން ނުކުމެގެން ދާން ނިޝްފާއަށް މަޖުބޫރުވިއެވެ.
ނިޝްފާ ދެއްކި ވާހަކައިގެ ސަބަބުން ލަޔާކްގެ ހިތުގައި ބޮޑު ހައިރާންކަމަކާއި ސުވާލު މާކުތަކެއް އުފެދިގެން ދިޔައެވެ. ސަމާހާގެ ހިތްހެޔޮ ކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ސިއްރެއް ބާއެވެ؟ ނިޝްފާ އެ ދިން އިންޒާރަކީ ކޮން ކަމެއްގެ ފެށުމެއް ބާއެވެ؟
ލަޔަކްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުތައް ދަތުރުކުރަން ފެށިއެވެ. ނިޝްފާ އެ ބުނެލި ކުޑަ ޖުމުލައިގެ މާނަ ފުންކަމުން، ސިކުނޑިއަށް ބާރުބޮޑުވެގެން ދިޔައެވެ. ނިޝްފާއަކީ ދުވަހަކުވެސް ސަބަބެއް ނެތި އެފަދަ ވާހަކައެއް ދައްކާނެ މީހެއް ނޫނެވެ.
ކޮޓަރީގެ ދޮރުމަތީގައި ހުރެ ލަޔަކް ފުން ވިސްނުމަކަށް ގެނބިފައި ހުއްޓާ، ސިޓިންގރޫމުން އިވުނީ ކުޑަކުޑަ ޒެވިއެންގެ ހުނުމުގެ އަޑެވެ. ލަޔާކް މަޑުމަޑުން ބޯދިއްކޮށް ބަލައިލިއެވެ. ސަމާހާ އިނީ ޒެވިއެން އުރާލައިގެންނެވެ ބަލާބެލުމަށް އެއްވެސް ކަހަލަ ގޯސް ނިޔަތެއް ނުވަތަ ނުބައިކަމެއް އެ މޫނުމަތިން ނުފެނެއެވެ.
“ލަޔާކް، ކީއްވެ ތިތާ ހުރީ؟ ދަރިފުޅު ނިންދަވަންވީތަ؟” ސަމާހާ ކުއްލިއަކަށް ހިނިތުންވެލަމުން އަހައިލިއެވެ.
“ނޫނޭ… ކަމެއް ނުވޭ،” ލަޔަކް ގަދަކަމުން ހިނިތުންވެލަމުން ބުންޏެވެ. ނަމަވެސް، މިހާރު ލަޔަކްގެ ހިތުގައި ސަމާހާއާމެދު އޮތް އިތުބާރަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރައިފިއެވެ.
އެރޭ އިޔާން ގެއަށް އައުމުން، ލަޔަކް ނިންމީ ނިޝްފާ ދެއްކި ވާހަކަ އިޔާންއާ ހިއްސާކުރާށެވެ. މި ސިއްރުގެ ހަގީގަތް ހޯދުމަށް ލަޔާކްގެ ހިތް އެދެމުން ދިޔައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*