ދިވެހި މިއުޒިކީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރިންގެ ތެރެއިން އެކަކީ ޝައްކެއްވެސްނެތް ގޮތުގައި ‘ބޮޓު’ އެވެ. އޭނާއަކީ މިހާރު ތިކްޓޮކްގައި މަދަހަ އާއި ،،ލަވަކިޔުމުގައި މީހުންގެ މަގްބޫލް ކަން ހޯދަމުން އަންނަ ޒުވާނެކެވެ. މިއަދު އަޅުގަނޑުމެން މި ބަލައިލަނީ ބޮޓުގެ ލަވަކިޔުމުގެ ޝައުޤުވެރިކަމާއި، މުސްތަޤުބަލުގެ އުންމީދުތަކާއި، އޭނާ އެންމެ ގަޔާވާ ފަންނާނުންގެ އިތުރުން މިއުޒިކީ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަށެވެ.
1. ލަވަކިޔުމުގެ ޝައުޤުވެރިކަން އުފެދުނީ ކޮން އިރަކު؟
ބޮޓު ހާމަކުރި ގޮތުގައި، ލަވަކިޔުމުގެ ޝައުޤުވެރިކަމަކީ އޭނާގެ ވަރަށް ޅަފަތުއްސުރެ ވެސް ހިތުގައި އޮތް ކަމެކެވެ. މިއުޒިކީ ދާއިރާއިން ކުރިއަށްދިއުމަކީ އޭނާ އެންމެ ބޭނުންވި ކަންތައްކަން ޅަދުވަހުއްސުރެ އޮތީ ޔަޤީންވެފައެވެ.
2. މިއުޒިކީ ދާއިރާއިން ކުރިމަގުގައި ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޮބާ؟
މުސްތަޤުބަލުގައި އޭނާ ދެކެން ބޭނުންވާ އެންމެ ބޮޑު ހުވަފެނަކީ، އޭނާ ހުށަހަޅައިދޭ މިއުޒިކާއި ލަވަތަކަކީ އަޑުއަހާ ފަރާތްތަކުން ބަލައިގަންނަ، އަދި އެންމެންގެ ލޯބި ލިބިގެންދާ ފަދަ ލަވަކިޔުންތެރިއަކަށް ވެގެން ދިޔުމެވެ.
3. އެންމެ ގަޔާވާ އަދި މިސާލެއްގެ ގޮތުގައި ބަލާ ރާއްޖޭގެ 3 މިއުޒިޝަނުންނަކީ ކޮބާ؟
ދިވެހި ފަންނާނުންގެ ތެރެއިން އޭނާ އެންމެ ބޮޑަށް ބަލައިގަންނަ އަދި ޝައުޤުވެރިވާ ތިން މިއުޒިޝަނުންނަކީ ޓޯއި، ޝަލަބީ، އަދި އިޝާމް އެވެ. މި ފަންނާނުންގެ ހުނަރަކީ އޭނާއަށް ވަރަށް ކަމުދާ ހުނަރުތަކެކެވެ.
4. ޑުއެޓެއް (ދެމީހުން އެކުގައި ލަވައެއް) ކިޔަން ވަކި ޚާއްޞަ މީހަކު ޚިޔާރުކުރާނަމަ، އެއީ ކާކު؟
މި ސުވާލަށް ޖަވާބުދެމުން ބޮޓު ބުނީ، ވަކި ޚާއްޞަ އެކަކުގެ ނަން ބުނަން ދަތި ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ ފަންނާނަކާއެކު ލަވައެއް ކިޔުމުގެ ފުރުޞަތު ލިބުނު ކަމުގައި ވިޔަސް، އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އޭނާ ހިފާނެ ކަމަށެވެ.
5. މިއުޒިކީ ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް ދޭން އޮތީ ކޮން މެސެޖެއް؟
ޒުވާން އާޓިސްޓުންނަށް ބޮޓު ދޭން ބޭނުންވާ މެސެޖަކީ ވަރަށް ސާދާ ނަމަވެސް ވަރުގަދަ މެސެޖެކެވެ؛ “ކޮންމެ މީހަކަށް ވެސް މިކަން ވާނެއެވެ.” ޒުވާނުން އަޒުމާއެކު ބުރަކޮށް މަސައްކަތްކޮށް، އުންމީދު ގެއްލުވައިނުލައި، އެމީހުންގެ ހުވަފެންތައް ދޫކޮށްނުލުމަށް އޭނާ އިލްތިމާސްކުރެއެވެ. ސާބިތުކަމާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށްވެސް އެދޭ ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.
ޒުވާން ލަވަކިޔުންތެރިޔާ ބޮޓު ދައްކުވައިދެނީ އުންމީދާއި ހިތްވަރުގެ ރީތި މިސާލެކެވެ. އޭނާގެ މިއުޒިކީ ޙަޔާތަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދެމެވެ.

Leave a Reply