މިއުޒިކީ ދާއިރާއިން ވިދަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ލައި

ކިޔާލާ.ކޮމް

ލަވަކިޔުމުގެ ދާއިރާއިން ފިޔަޖަހަމުން އަންނަ ލައި ވަނީ އޭނާގެ މިއުޒިކީ ދުނިޔެއާ ބެހޭ ގޮތުން ކިޔާލާ.ކޮމް އަަށް އިންޓަވިއުއެއް ދީފަ އެވެ.
ތިރީގައި އެވަނީ މި އިންޓަވިއުގެ ހާއްސަ ބައިތަކެވެ..
ދިވެހިރާއްޖޭގެ މިއުޒިކީ އުދަރެހުގައި މިހާރު ވިދަމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް އަޑަކީ ލައިގެ އަޑެވެ. ތަފާތު ހުނަރަކާއި އަޑުގެ ޖާދޫން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ލައިއާއެކު ކުރެވުނު މި އިންޓަވިއުގައި، އޭނާގެ މިއުޒިކީ ދަތުރާއި، ކުރިމަގުގެ އުއްމީދުތައް އަދި ދާއިރާއަށް ނުކުންނަ ޒުވާނުންނަށް ދޭން ބޭނުންވާ މުހިންމު މެސެޖުތަކަށް ވަނީ އަލިއަޅުވާލެވިފައެވެ.
ސުވާލު: ލަވަކިޔުމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ ކިހިނެއް ހެއްޔެވެ؟
ލައި: ލަވަކިޔުމުގެ ދާއިރާއަށް އަޅުގަނޑުގެ ޝައުޤުވެރިކަން އެންމެ ފުރަތަމަ އުފެދިގެން އައީ ސްކޫލް ދައުރުގައެވެ. ސްކޫލުގައި ކުރިއަށްދިޔަ ތަފާތު އެކި ޙަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ ތެރޭގައި ލަވަޔާއި، މަދަޙަ އަދި ޅެމާއި ބަންދި ފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ހިތްޖެހި، ޝައުޤުވެރިކަން އިތުރުވެގެން ދިޔައީއެވެ. އެ ހިސާބުން ފެށިގެން މި ދާއިރާއިން ކުރިއަށް ދިއުމުގެ ބިންގާ އެޅުނެވެ.
ސުވާލު: މުސްތަޤުބަލުގައި ލައިގެ އެންމެ ބޮޑު ހުވަފެނަކީ ކޮބައިތޯއެވެ؟
ލައި: އަޅުގަނޑުގެ އެންމެ ބޮޑު އެއް ހުވަފެނަކީ އަމިއްލަ ބޭންޑެއް އުފެއްދުމެވެ. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ މޮޅު އަދި އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ (vocalists) ތެރޭގައި ހިމެނިގެން ދިއުމަކީ އަޅުގަނޑު ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ.
ސުވާލު: ލައި އެންމެ ފާހަގަކޮށްލާ 3 ދިވެހި މިއުޒީޝަނުންނަކީ ކޮބައިތޯއެވެ؟
ލައި: ރާއްޖޭގައި ވަރަށް މޮޅެތި މިއުޒީޝަނުން އެބަތިއްބެވި. އެހެންނަމަވެސް އަޅުގަނޑު އެންމެ ފާހަގަކޮށްލާ ތިން ފަންނާނުންނަކީ މީރާ، ރާފިޔަތު އަދި ފާތޯއެވެ. އެބޭފުޅުންގެ ހުނަރަކީ އަޅުގަނޑަށް އަބަދުވެސް ވަރަށް ބޮޑު އިންސްޕިރޭޝަނެކެވެ.
ސުވާލު: ލެޖެންޑަރީ މިއުޒީޝަނަކާއެކު ޑުއެޓް (duet) އެއް ކިޔުމުގެ ފުރުޞަތު ލިބިއްޖެނަމަ ޚިޔާރުކުރާނީ ކާކު ހެއްޔެވެ؟
ލައި: އެފަދަ ރަނުގެ ފުރުޞަތެއް ލިބިއްޖެނަމަ، އަޅުގަނޑު ޚިޔާރުކުރާނީ ހިޝާންއެވެ. އޭނާއާއެކު މަސައްކަތްކޮށްލަން ލިބުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ.
ސުވާލު: މި ދާއިރާއަށް އަލަށް ނުކުންނަ ޒުވާން އާޓިސްޓުންނަށް ލައި ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯއެވެ؟
ލައި: މި ދަތުރުގައި ތަފާތު މިޒާޖުގެ، އެކި ކަހަލަ މީހުންނާ ދިމާވާނެއެވެ. ބައެއް މީހުން ތިބާގެ ކުޅަދާނަކަމާމެދު ޝައްކު އުފައްދާނެއެވެ. އަނެއްބައި މީހުން ކުރިއަށްދާން ހިތްވަރުދީ އެހީތެރިވާނެއެވެ. އެހެންކަމުން، މީހުން ކިޔާ އެއްޗެހި މާ ޒާތީ ގޮތެއްގައި ނުނަގާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. އަދި އަމިއްލަ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާށެވެ. އަދި ތިބާއަށް އިތުބާރުކުރާ، ހެޔޮއެދޭ މީހުންނާއެކު އަބަދުވެސް ވަގުތު ހޭދަކުރާށެވެ. ހަނދާން ބަހައްޓާށެވެ؛ ކާމިޔާބީއާ ހަމައަށް ދިއުމަކީ ވަގުތު ނަގާނެ ކަމެކެވެ. އެކަން ތިބާއަށް ވާނެއެވެ!
މިއީ ލައިގެ މިއުޒިކީ ޙަޔާތުގެ ވިސްނުމާއި އޭނާގެ ހިތްވަރުގަދަ މެސެޖުތަކެވެ. ކުރިމަގުގައި ދިވެހި މިއުޒިކީ ދާއިރާއިން ލައިގެ ގިނަގުނަ ކާމިޔާބީތަކެއް ފެނިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*