ކުރީ ޒަމާނުގައި އެގެޔަކުން ބަތްތެލީގެ ފޫ ކަހާލާ އަޑު އިވުނަސް އަވަށްޓެރި ގޭގެއިން ބަތް ކޮޅެއް ގެނެސްދޭ ކަމީ މިކަން ރަމްޒުކޮށްދޭ އެންމެ މުހިންމު އެއްކަމެވެ. މީގެ އިތުރުން މީހަކަށް ދެރަކަމެއް ދިމާވާ ހިނދެއްގައި އެ މީހަކަށް އެންމެ ފުރަތަމަ އަދި އެންމެ އަވަހަށް އެހީތެރި ކަމުގެ އަތެއް ދިއްކޮލާނީ ހަމަ މި އަވަށްޓެރިންކަން އެއީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.
ނަމަވެސް މިހާރަކަށް އައިސް މިކަހަލަ ކަންތައް ނުފެންނަ އެއް ސަބަބަކީ އެކި ޕާޓީތައް އުފެދި އެއްބަޔަކު އަނެއް ބަޔަކާއި ހިޔާލު ތަފާތުވެ، އެއްބަޔަކު ކުރާ ކަމަކީ އަނެއް ބަޔަކަށް ރަނގަޅުކަމަށް ނުވުން ކަމަށްވެސް ވެދާނެ އެވެ. ސިޔާސީ ގޮތުން “ހަތުރު” ވެވެނީ އެވެ. މިހާރު މަގެއްގެ މައްޗަށް ނިކުމެލިޔަސް އިވިގެންދާނީ މިވެނި ޕާޓީއެއްގެ އަކުން މިވެނި ކަމެއް ކޮށްފިޔޭ އެވެނި މީހަކު މިވެނި ކަމެއް ކޮށްފިޔޭ ކިޔާ އަޑެވެ. ތިމާ ތާއީދުކުރާ ޕާޓީ މީހާ “ރައްކާކޮށް” ނުރުހޭ ޕާޓީ މީހާ “ނޮޅާލާ” ތަނެވެ.
ސުވާލަކީ ކުރިން މިހާ އެއްބަޔެއްވަންތަ ބަޔަކު މިހާރު އެކަކު އަނެކަކު “ކަރު” ގައި ހިފާ ހިސާބަށް މިދާން ޖެހުނީ ކީއްވެގެންތޯ އެވެ. ޖަވާބަކީ ދިވެހިންނައް ޖެހިގެން އުޅޭ ސިޔާސީން ދެއްކި “ޑިމޮކްރަސީ” ގެ ބަލިމަޑު ކަމޭ ބުނުން އެއީ ގޯހަކަށް ނުވާނެ އެވެ. މިކަމުގެ ސަބަބުން އެކަކުއަނެކަކާއި ޖެހި އެއް އާއިލާއެއްގެ މީހުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ އެތަށް ޒަމާނެއް ވަންދެން އުޅޭކަމަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް އެއީ ހަމަ ހަގީގަތްކަން އެންމެންނައްވެސް އިނގެ އެވެ. މުޅި މައްސަލައަށް ހައްލެއް ހޯދުމަށް ވުރެ ބޮޑަށް އުޅެވެނީ “ޕާޓީ ގްރޫޕް” ބޮޑުކުރެވޭތޯ އެވެ.
އެއްބަޔަކު އެ މީހަކު ތާއިދު ކުރާ މީހަކު ރޭގަނޑު މިއީ ހެނދުނޭ ބުނިޔަސް އެކަން ގަބޫލުކޮށް އަތް ޖަހާ އިރު، އެ މީހުން ތާއީދު ނުކުރާ މީހަކު ހެނދުނު ގަޑީގައި މިއީ ހެނދުނޭ ބުނިޔަސް އެއީ ދޮގުވެރިޔަކަށް ނިންމާ އޭނާ ހައްޔަރު ކުރަން ގޮވާލަ އެވެ. އަދި އޭނާގެ “ހަލާކަށް” އެދެ އެވެ. ދެން އަނެއް ބަޔަކު އެ މީހުން ތާއީދު ކުރާ ފަރާތަށް ތާއީދު އިތުރުކުރުމަށް ނުކުރާކަށް ކަމެއްނެތެވެ. މިކަން ކުރަން އެ މީހުން ބޮޑެތި ދޮގުތައް ހަދާ، ހެސްކިޔާފަ ލާރި ހަރަދުކޮށް، މީހުންގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވާކަމީ ހަމަ އެންމެނައްވެސް އިނގޭ ބޮޑު ހަގީގަތެވެ. ބައެއް ފަހަރު ބައެއް މީހުންގެ “ފުރާނަ” ވެސް ހުއްދަ ކުރެ އެވެ. “ކަނޑުވިޔަސް މަރުވިޔަސް ހެޔޮ މަށަށް” ބުނެ ލަވަ ކިޔާ ކަހަލަ އެވެ.
ސިޔާސީ ވެރިން ސިޔާސީވެ ބޮޑެތި ގުރުބާނީތައް ވެގެން ހޮވާ މީހާ މަގާމަށް ހޮވުމުން ދެވަނަ ދުވަހު އެ ހުރިހާ ކަމެއް ކޮށްދިން މީހާއަކީ ކާކުކަން ނޭނގޭ ފަހަރުވެސް އަންނަނީ މަދަކުންނޫނެވެ. މިއީ ވެސް ޒާތެއްގެ ބޭސްފަރުވާއެއް ނެތް “ބައްޔެ” ކެވެ. މީގެ އިތުރުން މަގާމަށް ހޮވުމަށް އޭނާ އެތަކެއް “ވައުދާ/ހުވާ” ކޮށް އެތަކެއް ފޮނި ހުވަފެން ދައްކައިގެން އެމީހުން ގުނބޯ ހަދައިގެން މަގާމަށް ހޮވުމުން އެ ނިކަމެތި ރައްޔިތުމީހާ މަތިން ހަދާންނެތިގެން ދާކަމީ ހަމަ ވަރަށް ދެރަކަމެކެވެ.
މިކަންކަމަށް އޮތް އެއް ހައްލަކީ ފެހި ގާނޫނު އަސާސީގެ ނިވަލުގައި ރާއްޖެ އަށް ކުއްލިޔަކަށް އެތެރެވި “ސިޔާސީ ޕާޓީ” އުފެއްދުމާއި ހިންގުމާއިއެކު ކުރިއަށް ދާނީ ތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ ވޯޓަކުން ފެންނަ/ނުފެންނަ އެހުމެވެ.
Leave a Reply