ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިފިއެވެ. މިއަދު ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމާ ގުޅިގެން މިކަން ވަނީ ހިނގާފައެވެ.
އޭއެފްޕީން ބުނާ ގޮތުގައި ގަނޑުވަރު މިހާރު ވަނީ މުޒާހަރާކުރާ މީހުންގެ ބާރުގެ ދަށަށް ގޮސްފައެވެ. އަދި ސިފައިންގެ ވެރިޔާ ގައުމާ މުހާތަބުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
ބީބީސީން ބުނާ ގޮތުގައި ހަސީނާ ވަނީ ހެލިކޮޕްޓަރެއްގައި އިންޑިއާގެ އަގާޓަލާ ސިޓީއަށް ވަޑައިގެންފައެވެ. ހަސީނާގެ އަރިސް ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ހަސީނާ ގައުމު ދޫކޮށް ވަޑައިގަތީ އަމިއްލަފުޅު ރައްކާތެރިކަން ކަށަވަރުކުރެއްވުމަށެވެ.
މިދިޔަ މަހު ސިވިލް ސާވިސް ވަޒީފާއަށް މީހުން ނަގާ ގޮތާ މެދު ހިތްހަމަނުޖެހިގެން ފެށުނު މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން މުޒާހަރާ މެދުކަނޑާލުމަށް ފަހު މި ހަފްތާގައި އަލުން މުޒާހަރާ ފެށުނެވެ. އިއްޔެ އަކީ މުޒާހަރާގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެއާ އެކު ހަސީނާގެ އިސްތިއުފާއަށް ގޮވައި، މުޒާހަރާގެ މިސްރާބު އެއްކޮށް ބަދަލުވިއެވެ.
މުޒާހަރާގެ ލީޑަރުން އިއްޔެ އިއުލާނުކުރި ގޮތުގައި މިއަދަކީ މުޒާހަރާގެ ފަހު ދުވަހެވެ. އެހެންކަމުން ވެރިރަށް ޑާކާއަށް އެންމެން ޖަމާވުމަށް ގޮވާލާފައިވެއެވެ. މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެ އެތަނުގައި ހުރި ތަކެތި ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ.
މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދިން ނަމަވެސް އިއްޔެ ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލާފައެވެ.
Leave a Reply