ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް އާއި އެމަނިކުފާނުގެ ބައްޕާފުޅު ޢަބްދުއްރަހީމް ޢަބްދުﷲ އަކީ ނުކިޔަވާ ތިބިމީހުން ކަމަށްވެ ، އެކަމާ ކަންބޮޑުވެގެން ރައީސް ޔާމީން އުޅުއްވާއިރު އެމަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދެއްވި ޚިދުމަތެއް ވިދާޅުވެ ދެއްވުމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ފޭސްބުކުގައި ކުރެއްވި ޕޯސްޓްގައި އެދި ވަޑައިގެންފިއެވެ. ރައީސް ޔާމީނަށްޓަކައި މެދު ކެނޑުމެއް ނެތި 20 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ސިޔާސީ އަޅު މަސައްކަތް ވަރުބަލި ކަމެއް ފޫހި ކަމެއްނެތި ކޮށްދިންކަން ދިވެހި ޤައުމު ހެކިވާނެ ކަމަށް ޢަބްދުރަހީމް ޢަބްދުﷲގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައި ވެއެވެ. އެޕޯސްޓްގައި ފައިސަލް ވިދާޅުވެފައިވާ ގޮތުގައި 2018ގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމްގެ އޮޑި ފަރަށް އެރީ ރައީސް ޔާމީންގެ އަނބިކަބަލުން ލައްވާ ޕީޕީއެމް ހިންގުވައި މުލިއާގޭގައި “ސިހުރުތަށި” ތަށި ދުއްވަން އުޅުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ. 2019ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 29ވަނަ ދުވަހު ވޮޑަމުއްލާ މައްސަލައިގައި ރައީސްޔާމީނަށް ކުރިމިނަލް ކޯޓުން 5އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން ދެޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24ގަޑިއިރު ގަނަތެޅުނީ މިނިސްޓަރ ފައިސަލްގެ ބައްޕާފުޅު ކަމަށް ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ. ޕާޓީ އަކީ ރައީސް ޔާމީންގެ ތަރިކަ މުދަލެއް ކަމަށް ހިތާ ޕާޓީއަށް ލިބުނު ފައިސާގެ އެކި މިންވަރުގެ އެހީން ބޮޑުބައެއް 2013އިން ފެށިގެން އަމިއްލަފުޅު އެކައުންޓުތަކަށްށް ލައްވަމުން ދިޔައީ ޕީޕީއެމް ޢާއްމު މެމްބަރުންނަކީ މޮޔައިން ކަމަށް ދެކޭތީ ތޯ މިނިސްޓަރ އިބްރާހީމް ފައިސަލް ސުވާލު އުފައްދަވާފައި ވެއެވެ. މިނިސްޓަރ ފައިސަލް ފޭސްބުގައި މި ޕޯސްޓް ކުރައްވާފައި މިވަނީ ރައީސް ޔާމީން އުފައްދަވާފައިވާ ޕާޓީން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގައި މިނިސްޓަރ ފައިސަލްއަށާއި އެމަނިކުފާނުގެ ބައްޕާފުޅަށް ރައްދުކޮށް ތަފާތު ވާހަކަތަކެއް ދައްކަވަމުން ދާ ދުވަސް ވަރެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.
Leave a Reply