ދިވެހި ރާއްޖޭގައި ވެރިކަމަށް އައުމަށާއި ވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ވެރިކަމެއްގައި ވެސް ކުރާ ކަމެއް އޮވެއެވެ. އެއީ ކުރިން ހުރި ވެރިއަކަށް ހަޖޫ ޖެހުމާއި މަލާމާތް ކުރުމާއި އާޑަ ފުރައްސާރަ ކުރުމެވެ. އަދި ވެރިކަމަށް އައުމަށްޓަކައި ވެސް އެވަގުތެއްގައި ހުންނެވި ވެރިއަކަށް ހަޑި ހުތުރު ނަމަކުން މުޚާތަބު ކުރުމާއި އެފަދަ ނަމުން ރައްޔިތުންގެ ތެރޭގައި އެވެރިއަކު ލޭބަލް ކޮށް އަބުރު ކަތިލުމުގެ މަސައްކަތް ކުރުމެވެ. މިއީ އިއްޔެ އޮތް ޚުދު މުހުތާރު ވެރިކަމާއި މިއަދު މިއޮތް ނަލަ ޑިމްކްރަސީގައި ވެސް އެކަން އޮތް ގޮތެވެ.
ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރެއްވި އެންމެ ވަރުގަދަ އެއް ކަމަކީ ކުރިން ރައީސްއަކަށް ހުންނެވި އިބްރާހީމް ނާޞިރަށް ހަޖޫ ޖެހުމާއި ކާޓޫނުތައް ކުރަހާ ޢާއްމު ކުރުމުގެ މަސައްކަތް ކުރުމެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ދަސްކޮށްދިނީ ރައީސް ނާޞިރަށް ހަޑި ހުތުރު ނަންތައް ކިޔާ މަގުތަކަށް ނުކުމެ މަލާމާތް ކުރުމަށެވެ. ދިވެހި ރާއްޖެ ވިއްކާލާ ދީން ވިއްކާލި ވެރިއެއްގެ ގޮތުގައި ރައީސް ނާސިރު ލޭބަލުކޮށް ނަފްރަތު އުފެއްދިއެވެ. “ވެލާނާގެ ކަޅު…..” ނަން ދީގެން ރައްޔިތުން ނުކުމެ މުޒާހާރަ ކުރިއެވެ. ދިވެހި ރާއްޖެ މިނިވަން ކަން ހޯއްދައިވައި ދެއްވި ރައީސް ނާސިރު ކަމެއް ދިވެހިން ހަދާން ނޭތޭ ވަރަށް ނަފްރަތާއި ރުޅިވެރިކަން އެމަނިކުފާނާ ދޭތެރެ މައުމޫންގެ ވެރިކަމުގައި އުފެއްދިއެވެ. ނާސިރަށް މަލާމާތާ އާޑަ ފުރައްސާރަ ކުރެއްވުމުން މައުމޫން ހޯއްދެވީ ލޯތްބެވެ.
ދެން އައީ ރާއްޖެ ބަދަލަކަށް ދަތުރު ކުރި ދުވަސްވަރެއެވެ. ޑިމޮކްރަސީގެ ރީތި ނަލަ ވައި ޖެހެން ފެށި ދުވަސް ވަރެވެ. ރައީސް މައުމޫންގެ ޒަމާންވީ ވެރިކަމުން އެމަނިކުފާނު ދުރު ކުރެވޭނެ އެންމެ ރަގަޅު ގޮތްކަމަށް ސިޔާސީ ވެރިންނަށް ފެނުނު އެންމެ ފުރިހަމަ މަގަކީ މައުމޫނަށް ކޮންމެވެސް ހަޑި ލަގަބަކުން މުޚާތަބުކޮށް އެނަން ދިވެހިންގެ މެދުގައި ހަރުކޮށް އެމަނިކުފާނަށް އޮތް ލޯބި ކުޑަކޮށްލުމެވެ. ރައީސް މައުމޫންގެ ސިޔާސަތަށް ފާޑުކިޔާ އެސިޔާސަތުގެ ހުރި ގެއްލުންތައް ކިޔައި ދިނުމަށް ވެރެ ބަލާފައި އޮތީ މައުމޫންގެ ޒާތަށް އަބުރަށް އަރައި ހަޑިހުތުރު ކޮށް ރައްޔިތުންގެ މެދުގައި ނަފްރަތާއި މަލާމާތް އުފެއްދުމެވެ. އަދި އެމަނިކުފާނުގެ ޢާއިލާ މެމްބަރުން މަގެއްގެ މައްޗަށްވެސް ނުކުންނަށް ނުކެރޭ ވަރު ކޮށްލިއެވެ. ގޮޅާ އަށް ނިސްބަތް ކޮށް މައުމޫންގެ އަބުރަށް ހުތުރު ކޮށް ވެރިކަމުގައި ހުންނަވަނިކޮށް އެމަނިކުފާނަށް މަލާމާތައި ފުރައްސާރަ ކުރިއެވެ. ހަމަ ދިވެހިންނެވެ. ނަފްރަތުން އާޑަ ފުރައްސާރަ ކުރުމުގެ ތެރެއިން ރައީސް މައުމޫނަށް ނަފްރަތުކޮށް ވެރިކަމަށް އަންނަން ތިބި ބަޔަކު ލޯބި ހޯއްދެވިއެވެ. ދެން ފެނުނީ ރައީސް ނަޝީދުގެ ވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް މަސްތުވާ އެއްޗެއް ކަމަށްވާ ގަންޖާ އާއި ގުޅުވާ ރައީސް ނަޝީދަށް މުޚާތަބު ކުރަން ފަށައިފިއެވެ. އެމަނިކުފާނަކީ އިސްލާމް ދީނާ ދުރު ބޭފުޅެއް ކަމާއި އެމަނިކުފާނުގެ އަމަލުތައް ހުރީ ޣައިރު މުސްލިމުންނާ ގުޅޭ ގޮތަށްކަމަށް ދިވެހިންގެ ތެރޭގައި ފަތުރާ ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދާ ގަންޖާ ބޯގެ ނަމުން މަޝްހޫރު ކުރުވީ ދިވެހިންނެވެ. އަނެއްކާވެސް ނަފްރަތާއި މަލާމާތުގެތެރެއިން ދެން އަންނަން ތިބި ބަޔަކު ލޯބި ހޯއްދެވިއެވެ. ރައީސް ނަޝީދު ވެރިކަމުގެ ދައުރު ހަމަ ނުވެ އިސްތިއުފާ ދެއްވުމުން ވެރިކަމަށް ޙަވާލުވެ ވަޑައިގަތީ ނާއިބް ރައީސް ޑރ ވަހީދުއެވެ. ވަހީދު ވެރިކަމަށް ވަޑައިގަތީ ނުހައްޤު ކަމަށް ބަޔަކު ދެކި އެމަނިކުފާނަށް ވެސް ނުކުރާ މަލާމާތެއް ނުދޭ ވަނަމެއް ނެތެވެ. ކާބޯތަކެތި ޖަހައިގަންނަ އޮޅު ކުރަން އުދަނގޫ ދޫންޏެއް ކަމަށްވާ ކާޅުގެ ނަމުން ޑރ ވަހީދު އަށް ގޮވިއެވެ. ބާޣީއެއް ގެ ލަޤަބު ވެރިކަމުގައި ހުންނަވަނިކޮށް ދީ ނިންމިއެވެ. އަތޮޅު ތެރޭގެ ރަށްރަށް ރައީސް ޑރ ވަހީދު ވަޑައި ގަތުމުން މަރުވެފައި ހުންނަ ކާޅު ދަނޑި ފަދަ ތަކެތީގައި އެލުވައިގެން ރައްޔިތުން ލައްވާ ނެރެ އެމަނިކުފާނަށް މަލާމާތާއި ފުރައްސާރަ ކުރިއެވެ. ހަމަ ދިވެހި އާއިލާތަކަށް ނިސްބަތްވާ ދިވެހި ދަރިންނެވެ. ދެން ފެނުނީ ރައީސް ޔާމީންގެ ވެރިކަމެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް ބޭނުން ކުރީ އެމަނިކުފާނުގެ ނަމުގެ ކުރިއަށް “ވަގު” މިބަސް ބޭނުން ކޮށްގެންނެވެ. އަދި ގުންޑާއެއް އެއްގެ ލަގަބު ދީ ދިވެހިންގެ ތެރޭގައި ފަތުރާ ޔާމީންގެ ވެރިކަމަށް ނަފްރަތު އުފައްދާ ވެރިކަމަށް އަންނަން ބޭނުންވާ މީހުން ލޯބި ހޯއްދެވިއެވެ. ޔާމީންގެ ސިޔާސަތަށް ފާޑު ކިޔާ އެކަން ހާމަ ކޮށްދިނުމަށް ވުރެ ބަލާފައި ވަނީ ދިވެހިން ކާން ބޭނުން ކުރާ ރަގޮނޑިއަށް ނިސްބަތްކޮށް އެމަނިކުފާނަށް ލަޤަބު ދިނުމާއި އެކު އަނބިކަބަލުންނަށްވެސް ވަނަމެއް ދީ ދިވެހިންގެ ތެރޭގައި ރައީސް ޔާމީންއަށް އޮތް ތާއީދު ރުޅިވެރިކަމަށް ބަދަލް ކުރިއެވެ. ރޯދަ މަހު ދިވެހިންގެ ސުފުރާ މަތީން ޖާގަ ހޯދާ އެއްބާވަތް ކަމަށްވާ ކަދުރާ ޔާމީންގެ އަނބި ކަބަލުންނާ ގުޅުވާ ރައްޔިތުންގެ ތެރޭގައި ޕްރޮމޯޓް ކުރިއެވެ. މަލާމާތާއި ހަޖޫ ޖެހުމުންގެ ތެރެއިން ވެރިކަމަށް އަންނަން ބޭނުންވާ މީހުން ލޯބި އަނެއްކާ ވެސް ހޯދިއެވެ.
2018ގައި ފެށުނީ ރައީސް އިބްރާހީމް މުޙަންމަދު ޞާލީހްގެ ވެރިކަމެވެ. އެމަނިކުފާނާ ގުޅުވާލީ ޗޯރު މިބަހެވެ. ކުޑަރަށެއް ބޮޑުރަށެއް ބެއްލުމެއް ނެތި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކޮވިޑްގެ ހާލަތުން ދިވެހިން ސަލާމަތް ކުރެއްވުމަށް ރައީސް ޞާލީހް ކުރެއްވި މަސައްކަތަށް ދިވެހިން ދިން ނަމަކީ ” ސްލޯ” އެވެ. އަދި ރައީސް އިބްރާހީމް މުޙަންމަދު ޞާލިހުގެ ނަމުގެ ކުރިއަށް ޗޯރު ގުޅުވާ ރައްޔިތުންގެ ސިކުނޑީގައި ނަފްރަތު އަލިފާން ރޯކޮށް ވެރިކަމަށް އެދި އެދި ތިބި ބަޔަކު ލޯބި ހޯދިއެވެ. ދެން ފެށުނީ ރައީސް މުއިއްޒުގެ ވެރިކަމެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައި ގަތީ ރައްޔިތުންގެ ނުހަނު މަތީ އަޣުލަބިއްޔަތަކުންނެވެ. ނަމަވެސް އެމަނިކުފާނަށްވެސް ވަނަންތަކުން ދުރަކަށް ނުދެވެއެވެ. ނަފްރަތުން ލޯބި ހޯދުމަށް މަސައްކަތް ކުރާ ބަޔަކު ކުރަނީ ރައީސް މުއިއްޒުގެ އަބުރަށް ކޮންމެވެސް ކަހަލަ ނަމައް ދީގެންނެވެ. ހަޖޫ ޖަހައިގެންނެވެ. ރައީސް ޑރ މުއިއްޒު އާއި އެމަނިކުފާނުގެ އަނބި ކަބަލުންނަށް ރައްދުކޮށް ތަފާތު ނަންތަކުން މުޚާތަބު ކުރަން ފަށައިފިއެވެ. ނަފްރަތާއި މަލާމާތް ހަޖޫ ޖެހުމުގެ ތެރެއިން އެއްބަޔަކު އެދަނީ ލޯބި ހޯއްދެވުމަށް މަސައްކަތް ކުރަމުންނެވެ.
މިދެންނެވި ހަޑި ހުތުރު ލަޤަބު ތަކާއި ކުރެވުނު ހާ މަލާމާތެއް ދިވެހި ޤައުމުގެ ރައީސުންނަށް ކުރަނީ ވެރިކަމަށް އަންނަ ތިބި ފަރާތްތަކުން ރައްޔިތުންގެ ލޯބި ހޯއްދެވުމަށެވެ. އަދި އެވަގުތެއްގައި ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ އަނބި ދަރިންނަށްވެސް އާއްމުކޮށް ނުކުމެ އުޅުން ނުކުރޭ ވަރު ކޮށްލުމަށެވެ. ހަދާން ކުރަންވީ ތިމާ އާއި ތިމާ އާއިލާ މިދިވެހި ޤައުމުގައި ތިބި ފަދައިން އަނެއް މީހާގެވެސް ހަމަ އެފަދަ ބަޔަކު ތިބޭނެ ކަމެވެ. ކިރިޔާ 5ލައްކަ މީހުން ހަމަ ވާ އާބާދިއެއްގައި ދުވާލަކު އެތައް ފަހަރަކު އެކަކު އަނެކަކަށް ދިމާވާ ކުޑަ ޤައުމެއްގައި ނަފްރަތާއި ރުޅިވެރިކަމުން ލޯބި ހޯއްދެވުމުގައި ދެމި ތިބެންވީ ކިހާ ދުވަހެއްގައި ތޯއެވެ. ދިވެހި ރާއްޖޭގައި ވެރިއަކު ވެރިކަމުން ދުރު ކުރަން އޮންނަ ފޯމިއުލާ އަކީ އެވެރިއެއްގެ ސިޔާސަތަށް ފާޑު ކިއުމެއްނެތި އަބުރަށް ހުތުރުކޮށް ރައްޔިތު މީހާގެ ކުރިމައްޗަށް ނުކުންނަ ނުކެރެވޭ ވަރު ކޮށްލުންތޯއެވެ. ނަފްރަތާއި މަލާމާތުން ލޯތްބާއި ކުލުނު ހޯދުމުގެ ޘާގާފަތް ނިންމުމަށް ގެންނައުމުގެ ވަގުތު ނުޖެހޭ ތޯއެވެ. އެއީ ތަހްޒީބު ޑިމޮކްރަސީގައި އޮންނަ ކަމަކަށް ނުވަނީތޯއެވެ. ދިވެހިން ދިވެހިންގެ ގޮތުގައި ވެރިކަމަށް އަންނަން މަސައްކަތް ކޮށްގެން ރައީސުލް ޖުމުހޫރިއްޔާ ކަމުގެ މަތީ މަޤާމު ނުލިބޭނެ ތޯއެވެ.
Leave a Reply