25އޮގަސްޓް 2024ވަނަ ދުވަހުގެ އިރުގެ ހޫނު ރަގަޅަށް ނުލިބި ވަނިކޮށް ދިވެހިންގެ ބޭންކް، ބޭންކު އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓް ޑޮލަރގެ މުއާމަލާތް ނުކުރެވޭ ގޮތް ހެދުމަށް ނިންމި ކުއްލި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ހާސްކަމާއި ކަންބޮޑު ވުން އުފެދިގެން ދިޔައެވެ. ރައްޔިތުން ހާސްވެ ކަންބޮޑު ވާން ޖެހުނު މި ކުއްލި ނިންމުން ބޭންކު ނިންމާފައި މިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އައު ގަވަރުނަރު އައްޔަނު ކުރިތާ މާގިނަ ދުވަސް ނުވަނީސްކަން ފާހަގަ ކޮށްލެވެއެވެ. އަދި ބީ އެމް އެލްގައި ވަރަށް ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި މުއައްޒަފެއް ކަމަށް އައިޝަތު ނޫރައްދީން ބޭންކުގެ ބޯޑުން ވަކި ކުރުމަށް ފަހުގައި ކަންވެސް ފާހަގަ ކޮށްލެވެއެވެ. ބީއެމް އެލް އިން މިފަދަ ހަރުކަށި އުޞޫލެއް މިފަހަރު ހަމަ ޖެއްސާފައި މިވަނީ ކަސްޓަމަރުންނާ ގުޅޭ މިފަދަ މައްސަލަތަކުގައި އަމަލު ކުރާ އުޞޫލާވެސް ޚިލާފަށް ކަމުގައި ފާހަގަ ކޮށްލެވެއެވެ. މީގެ ކުރީން މިފަދަ މައްސަލަތަކުގައި ބޭންކު އަމަލުކޮށްފައި ވަނީ އާއްމުކޮށް އިއުލާންކޮށް މުއްދަތެއް ދިނުމަށް ފަހު އެތާރީޚްގެ ފަހުން ބަދަލް ގެނައުމެވެ.
ރާއްޖެއަކީ ހުޅުވާލެވިފައިވާ ވިޔަފާރި ކުރާ ޤައުމެކެވެ. ރާއްޖެއިން ބޭރުގައި ދިވެހި ގިނަ ދަރިވަރުން ތަކެއް ތައުލީމް ޙާސިލް ކުރަމުން ދެއެވެ. ވީމާ ބީ އެމް އެލް މިނިންމި ހަރުކަށި ނިންމުމުގެ ސަބަބުން ޑޮލަރު އަގު ކަޅު ބާޒާރުގައި އުފުލިގެން ދިޔައެވެ. ދިވެހި ރުފިޔާގެ އެކައުންޓް ހުރި ފަރާތްތަކުން ޑޮލަރު އެކައުންޓް ހުޅުވަން ފުރުޞަތެއް ވެސް ދީފައެއް ނުވެއެވެ. ރައްޔިތުންނަށް ނުހަނު ބޮޑު ތަކްލީފަކަށް ވެދާނެ ބެލެވޭ މިނިންމި ނިންމުން ބީ އެމް އެލް އިން ނިންމާފައި ވަނީ ރައީސް ޑރ މުޙަންމަދު މުއިއްޒު އެކަން އެގޮތަށް ނުކުރެއްވުމަށް ދެއްވާފައިވާ އިރުޝާދާ ވެސް ޚިލާފަށް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު ވަނީ ވިދާޅުވެފައިވެއެ. ރައްޔިތުންނަށް ތަކުލީފަކަށް ވާނެ މިފަދަ ނިންމުން ބީ އެމް އެލް ކުއްލިއަކަށް ނިންމުމުގެ ސަބަބުން މިއަދު މިވަނީ ދިވެހިންނަށް އެހެން ގޮތެއް ހޯދަން ޖެހިފައެވެ.
ދިވެހިރާއްޖޭގެ މުއާސަލަތީ ޚިދުމަތް ފުޅާ ވެގެން އައިރު ހަމަ އެކަނި ޚިދުމަތް ދެނީ ދިރާގެވެ. ދިރާގުން ރަށްރަށުގައި މޯބައިލް ޚިދުމަތް ދިނުމަށް ފަހު ސިމް ވިއްކަނީ 500ރުފިޔާއަށެވެ. އެދުވަހު ރައްޔިތުންނަށް ދިރާގު ނޫން ގޮތެއް ނެތެވެ. އެހެންވީމާ ސިމް ގަންނަން ރަށްރަށުގެ ރައްޔިތުން ކިއު ހަދައިގެން މޯބައިލް ސިމް ގަންނަން ޖެހުނެވެ. ނަމަވެސް ދެވަނަ ކުންފުންޏަކުން މުއާސަލާތީ ޚިދުމަތް ދޭން ފެށުމުން ދިރާގަށް
ވެސް ޖެހުނީ ސިމް ހިލޭ ވެސް ބަހާށެވެ. ދިވެހިން ދިރާގު ނޫން ގޮތެއް ވެސް ހޯދިއެވެ. މިއަދު ބީ އެމް އެލް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފުޅާ ކޮށްފައެވެ. މިއަދު ހުރިހާ ރަށެއްގައި ވެސް ބީ އެމް އެލްގެ ޚިދުމަތް ލިބެއެވެ. ނަމަވެސް މިއަދު މިވަނީ އެހެން ބޭންކެއްގެ ޚިދުމަތް ފުޅާ ކުރަން ޖެހިފައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކު ނަމަވެސް އެހެން ބޭންކެއް މުޅި ރާއްޖެއަށް ހުޅުވާލާ ޢާއްމު ރައްޔިތު މީހާއަށް ފަސޭހައިން ބޭންކު އެކައުންޓް ހުޅުވާ މުއާމަލާތް ކުރެވޭނެ މަގު ތަނަވަސް ކުރަން ޖެހިފައެވެ. އަތޮޅު ތެރޭގެ ރަށްރަށުގައި ހުންނަ މީހާއަށް ވެސް އޭނާ ރައްކާ ކުރަން ބޭނުންވާ ފައިސާ ކޮޅު އެކައުންޓަށް ޖަމާކުރެވޭނެ މަގެއް މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަދު ފަހި ކޮށްދެން ޖެހެއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތު މީހާ ގާތުން ޚިދުމަތް ދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތް ފުޅާ ކުރުމަކީ މިފަދަ ކުއްލި ނިންމުތަކުގެ ސަބަބުން އުފެދޭ އުދާސް ކަމަށް ތަސައްލީއެއް ލިބޭނެ ކަމެއް ކަމުގައި ގިނަ ދިވެހިން ދެކޭނެ ކަން ޔަޤީނެވެ.
Leave a Reply