“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ ޓޯނަމަންޓް” ގެ ފިރިހެން ޑިވިޜަންގެ 2 ވަނަ މެޗުން ފޮއްދޫ އެސް.ސީގެ މައްޗަށް ކުރިހޯދައި، މިދިޔަ އަހަރުގެ ޗެމްޕިއަން ހެނބަދޫ ވީ.ޓީ އިން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ. މި މެޗު ހެނބަދޫ ވީ.ޓީ އިން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި
ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ހެނބަދޫ އިން ވަނީ ބޮޑު ލީޑެއް ނަގައި 25-09 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓު ހެނބަދޫ އިން ގެންދިޔައީ 16 ޕޮއިންޓުގެ ފަރަގަކާއެކުގައެވެ.
ދެވަނަ ސެޓަށް ދެ ޓީމުންވެސް ނުކުތީ މޮޅުވުމުގެ އަޒުމުގައެވެ. މި ސެޓުގައި ފޮއްދޫ އެސް.ސީ އިން އެމީހުންގެ ކުޅުން ރަނގަޅުކޮށް، ވާދަވެރިކަން އިތުރުކުރިއެވެ. ނަމަވެސް 11 ޕޮއިންޓުގެ ލީޑަކާއެކު 25-14 އިން މި ސެޓުވެސް ކާމިޔާބުކުރީ ހެނބަދޫ ވީ.ޓީ އެވެ.
މެޗުގެ ތިންވަނަ ސެޓުގައި ފޮއްދޫ އިން ވަނީ ޕޮއިންޓުގެ ފަރަގު އިތުރަށް ކުޑަކޮށްފައެވެ. އެގޮތުން މި ސެޓު ހެނބަދޫ އިން ކާމިޔާބުކުރީ 25-17 އިންނެވެ. މިއީ 8 ޕޮއިންޓުގެ ފަރަގެކެވެ. މުޅި މެޗަށް ބަލާއިރު ފޮއްދޫ އިން ކޮންމެ ސެޓެއްގައިވެސް ކުޅުން ރަނގަޅު ކުރަމުންދިޔަކަން ފާހަގަކުރެވުނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހެނބަދޫ ވީ.ޓީގެ ޖާރޒީ ނަމްބަރު 15، އަހުމަދު އަލީ އެވެ.
މުބާރާތުގައި ދެން ފޮއްދޫ އެސް.ސީ ބައްދަލުކުރަން ޖެހޭނީ ހޮޅުދޫ ވީ.ޓީ އާއެވެ. މި މެޗު އޮންނާނީ މި މަހުގެ 4 ވާ ހޯމަ
ދުވަހުއެވެ. ހެނބަދޫ ވީ.ޓީ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮޅުދޫ ވީ.ޓީ އާއެވެ. އެ މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ.

Leave a Reply